މާލޭގައި ދިރިއުޅެނީ ޖުމުލަ އާބާދީގެ 43 އިންސައްތަ
ރާއްޖޭގެ އާބާދީގެ 43 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގައި ކަމަށް، ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ބައިނަލްއަގުވާމީ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ކަމަށްވާ 590،079 މީހުންގެ ތެރެއިން 254،556 މީހުން އުޅެނީ މާލޭގައެވެ. އެއީ ރާއްޖޭގެ އާބާދީގެ 43.14 އިންސައްތައެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެ ފިޔަވައި ދެން ހުރި ރަށްރަށުގެ ޖުމުލަ އާބާދީއަކީ 335،522 މީހުންނެވެ. އެއީ 56.86 އިންސައްތައެވެ. މާލެއާއި ރަށްރަށުގައި އާބާދީ ބެހިފައިވާ ގޮތަށް ބަލައިލާއިރު، މާލޭގައިވެސް އަދި ރަށްރަށުގައިވެސް އާބާދުވެފައިވާ ދިވެހީން ބިދޭސީންނަށްވުރެ ދެ ގުނަ އިތުރުކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެގޮތުން މާލޭގައި 168،931 ދިވެހީން އާބާދުވެފައިވާއިރު، ބިދޭސީންގެ ގޮތުގައި 85،625 މީހުން އާބާދުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. އަދި ރަށްރަށުގައި 225،123 ދިވެހީން އަބާދުވެފައިވާއިރު، ބިދޭސީންގެ ގޮތުގައި އާބާދުވެފައިވަނީ 110،399 މީހުންނެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މާލޭގެ އާބާދީގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. އަދި އިދާރީ ރަށްރަށުގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެކެވެ. އެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި ރިސޯޓުތަކާއި ސިނާއީ ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީ ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ