އީވޯޓިންއަށް ދާން ރާއްޖެ ތައްޔާރެއް ނޫން: ޝަކީލު

އިލެކްޓްރޯނިކް ވޯޓިން ނިޒާމު، އީ-ވޯޓިން ނިޒާމަކަށް ދާން ރާއްޖެ އަދި ތައްޔާރު ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝަކީލް ވިދާޅުވީ އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން އެކަމާއި މެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭކަމަށެވެ. ރާއްޖެއަށް އީވޯޓިން ގެނައުމަށް މާއްދީ ހުރަހެއް ނެތް ނަމަވެސް އެ ނިޒާމު ރާއްޖެއަށް ގެނައުމަށް ދިވެހި މުޖުތަމަޢު އަދި ތައްޔާރު ނޫންކަން ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ބަދަލެއް ގެންނަންވާނީ އާއްމުންނަށް އެ ނިޒާމަކީ ކޮބައިކަން އަންގާދިނުމަށް ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ. ވޯޓުލުމުގެ އިންތިޒާމްތައް އީ-ވޯޓިންއަށް ބަދަލުކުރަންވާނީ ރައްޔިތުން އެކަމަށް ތައްޔާރުކަމަށް ރައްޔިތުން ޤަބޫލުކުރާ ފަހުންކަމަށާއި އެފަދަ ހާލަތެއް ރާއްޖޭގައި ނެތްކަމަށް ޝަކީލް ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންގެ މުޖުތަމަޢު އޮތްގޮތުން އީ-ވޯޓިންއަށް ތައްޔާރެއް ނޫން. އެއީ މިދަންނަވާހެން މި ނިޒާމާއި މެދު އެކި ގޮތްގޮތަށް ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމްގެ ވާހަކަ ދެކެވޭ އިރު އޮޅުވާލަން މަސައްކަތްކުރަނީއޭ ބުނެ ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން ހޭލުންތެރިކޮށް ހަގީގީ މައުލޫމާތު ފޯރުކޮށްދޭންޖެހޭ." ޝަކީލް ވިދާޅުވިއެވެ.
ޝަކީލް މިފަދައިން ވިދާޅުވެފައި މިވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީވޯޓިންގެ ބަހުސް ސިޔާސީ ފަރާތްތަކުގެ މެދުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި ބިލު މެދުވެރިކޮށް އެ ނިޒާމަށް މަގުފަހިކޮށްދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް އެފަދަ މަަސައްކަތެއް އީސީން ކުރަމުން ނުދާކަން ތަކުރާރުކޮށް އެ ކޮމިޝަނުން ހާމަކުރައްވާފައިވެއެވެ. އަދި އީ-ވޯޓިންއާ ބެހޭ އެެއްވެސް ވާހަކައެއް އެ ބިލުގައި ހިމަނާފައިނުވާކަން ފާހަގަކޮށްލެވެއެވެ. ގާނޫނަށް ބަދަލު ގެނެސް، ނިޒާމު ބަދަލުކުރަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން ވެސްވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ