ފެނަކައިން ވަކިވާން އެދުނު 108 މުވައްޒަފުން ދޫކޮށްލުމުގެ މަރުހަލާ ފުރިހަމަކުރަނީ

އަމިއްލައަށް އެދިގެން ފެނަކައިން ވަކިވާ މުވަޒަފުންނަށް އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ފުރުސަތު ސަރުކާރުގެ ތެރެއިން ފަހިކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 ފަރާތެއް ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ މުވައްޒަފުން ވަކިވުމަށް ހުޅުވާލި ފުރުސަތަކީ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންނަށް "ޝަރަފުވެރި" ކަމާއެކު ވަޒީފާއިން ވަކިވުމަށް ދިން ފުރުސަތެއް ކަމަށެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފެނަކައިން މި ފުރުސަތު ހުޅުވާލިއިރު، ފުރަތަމަ 97 މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުނު ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި އޭގެ ފަހުންވެސް އިތުރު ހުށަހެޅުންތައް ލިބި މިހާރު 108 މުވައްޒަފަކު ދޫކޮށްލުމުގެ މަރުހަލާ ކުރިއަށްދާކަމަށް ފެނަކައިން ވިދާޅުވިއެވެ. މިގޮތަށް ދޫކޮށްލާ މުވައްޒަފުންނަށް ފެނަކައިން ރިޑަންޑެންސީ އުސޫލުގެ ތެރެއިން 4 މަސް ދުވަހުގެ މުސާރަ ދޭނެއެވެ. މީގެ އިތުރުން ސަރުކާރު ތެރެއިން އެ ފަރާތްތަކަށް އަމިއްލަ މަސައްކަތެއް ކުރުމަށް އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދޭނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
"ކުރާނެ މަސައްކަތެއް ނެތި، ގޭގައި ތިއްބެވީމަ ރަށަށް ގެއްލުން ވަނީ، އޭގެ ބަދަލުގައި އެ މުވައްޒަފުން ސަރުކާރުގެ ލޯން ސްކީމެއްގެ ތެރެއިން ލޯނެއް ހަމަޖައްސަން. ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވާ މިހާރު އެބަހުރި ލޯން ސްކީމް މޯގޭޖް ކުރުމަކާ ނުލާ. އެހެންވީމަ އަޅުގަނޑުމެން މި ދޫކޮށްލާ ފަރާތްތަކަށް އެ ލޯން ސްކީމުގެ ތެރެއިން ޝަރަފުވެރި މަސައްކަތެއް ކުރުމަށް ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް. އެބޭފުޅުން ވަޑައިގަންނަވަންވީ، އަޅުގަނޑުމެން މަގުފަހިކޮށްދޭނެ." ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މިހާރުވެސް ކުންފުނީގައި ތިބި 8000 މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުންޏަށް ލިބޭ އާމްދަނީން، ދެކޮޅު ނުޖެހޭކަން ފާހަގަކުރައްވާ މެނޭޖިންގ ޑިރެކްޓަރ އަފީފު ވިދާޅުވީ މުސާރަ ދިނުމަށް ސަރުކާރުން ކޮންމެ މަހަކު 40 މިލިޔަނާއި 50 މިލިޔަން ރުފިޔާ ހޭދަވާ ކަމަށެވެ. އެހެން ކަމުން ފެނަކައިން އަމިއްލަ އިސްނެގުމަށް ވަކިވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދޭއިރު މިފައިސާ ހަމަޖައްސާނީ ބަޖެޓް ކުރެވި ފާސް ކުރެވިފައިވާ ޚަރަދުތަކުގެ ތެރެއިން ކަމަށެވެ.
"އެފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލާކުރާއިރު ގައިމުވެސް އަޅުގަނޑުމެން އަހަރީ ބަޖެޓު ފާސްކުރާއިރު ބަޖެޓުގައިވެސް ހިމަނާފައި އޮންނާނެ އަޅުގަނޑުމެންގެ ޕޭ ރޯލުގައި ހިމެނޭ ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ދަރަނި ނަގައިގެން ނަމަވެސް ދޭން. އެހެންވީމަ ބަޖެޓުގެ ތެރެއިން މި ދެނީ. މިސާލަކަށް ޖުލައި މަހުން ޑިސެމްބަރ ދޭ ތެރޭ 6 މަސް އެބައޮވޭ. އޭގެ ތެރެއިން 4 މަސް ދީފައި ދޫކޮށްލިއަށް 2 މަސް ސޭވް ކުރެވޭނެ. އެއީ ކުންފުންޏަށް ފައިދާވާނެ ކަމަށް މިދަންނަވާ ގޮތަކީ " ފެނަކަ އެމްޑީ އަފީފް ވިދާޅުވިއެވެ.
ފެނަކައިން މުވައްޒަފުން މަދުކުރަމުން ދަނީ، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެކުންފުނީން ވަނީ ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް، އެ ރަށްރަށުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިބިކަން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ