ގާސިމް މަރާލި މީހުން ހޯދައި މަރުގެ އަދަބު ދޭން ގޮވާލައިފި

ހުޅުމާލޭގެ ރީތިގަސްމަގުގައި އދ. މާމިގިލީ ގާސިމް ހަސަން 59، ރޭ މަރާލި މީހުން ހޯދައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާ އިން މިއަދު ގޮވާލައިފި އެވެ.
ޓެކްސީ ކުރަން އުޅޭ ގާސިމްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުން އެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ. ގާސިމާ މެދު ލާއިންސާނީ އަނިޔާވެރި އަމަލު ހިންގި މީހުން ހޯދަން ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
ގާސިމްގެ މަރާލި މީހުން ހޯދަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.
ގާސިމް މަރުވެފައި އޮއްވައި މަގުމަތިން ފެނުނުއިރު އޮތީ ލޭ ކޯރެއް ދެމިފަ އެވެ. މާލެ އިން ހުޅުމާލެ އަށް އޭނާ ދަތުރުކުރި ޓެކްސީ ވެސް އެ ސަރަހައްދުގައި އޮތެވެ. ޓެކްސީ ތެރޭގައި ވެސް ލޭ ހުރުމުން، އެއް ބަޔަކު ލަފާކުރަނީ ފުރަތަމަ ހަމަލާދޭން ފެށީ އޭގެ ތެރޭގައި ކަަމަށެވެ. އޭނާ ބަންޑުން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އޭގެ ފަހުންނެވެ.
އާމްދަނީ ހޯދަން ޓެކްސީ ދުއްވާތާ 15 ވަރަކަށް އަހަރުވެފައިވާ ގާސިމަށް ހަމަލާދީ މަރާލަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެ އެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ގާސިމަކީ އެއްވެސް ބަޔަކާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަން އޮންނަ މީހެއް ނޫން ކަމަށް ވެސް އޭނާގެ ގާތް މީހުން ބުނެ އެވެ.
ހުޅުމާލެ އަށް ރޭ ދިޔައީ، އާދައިގެ މަތިން ރަހުމަތްތެރިންނާ އެކު ސައި ހޮޓަލުން ބައްދަލުވުމަށް ފަހު ކަމަށް ވެ އެވެ. އެކުވެރިން ގަބޫލުކުރަނީ ގާސިމަށް ހަމަލާދީ މަރާލީ ފޭރުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.
އެ ނޫން ސަބަބެއް އޮވެދާނެ ކަމަކަށް އޭނާ ދަންނަ މީހުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ