ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުންވެގެން ދާނީ ރައްޔިތުން މިހާރުވެސް ނިންމާފައި އޮތް ގޮތަށް ކަމަށާއި އުފާވެރި ހަބަރެއް ލިބޭނެ ކަން ކަށަވަރުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އދ. ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޮރަޕްޝަނާއި އަނިޔާވެރިކަމަށް ދިވެހިން ނޫނެކޭ ބުނެ ބޮޑު މަންޒަރު މިދިޔަ ވޯޓުން ދައްކާފައިވާ ކަމަށާއި ނަމަވެސް އެ ނިންމުމުގެ ތެރެއަށް ވަދެ ބަލި ގަބޫލު ނުކުރައްވަން ރައީސް ޔާމީން އުޅުއްވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންނަށް އިތުރު އުނދަގުލެއް ކުރިމަތި ކުރުވުމަށް ކަމަށާއި ނަމަވެސް އެއްވެސް ރައްޔިތަކު ހާސް ނުވުމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމިގެން ދާނީ އުފާވެރި ހަބަރަކާއެކުގައި ކަން ޔަގީން ކަށަވަރުވާ ކަމަށާއި މައްސަލަ ނިމިގެން ދާނީ ދާއިމީ ނަތީޖާއާ އެއްގޮތަކަށް ކަމަށެވެ. އެކަން އެނގެނީ އިންތިހާބަކީ ސަރުކާރުން ބޭނުންވާ އީސީގެ މެންބަރުން ހިމަނައިގެން ވިޔަސް ކުރިޔަށް ދިޔަ އިންސާފުވެރި އަދި ދެފުށް ފެންނަަ އިންތިހާބަކަށް ވާތީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލާނީ މާޔޫސްވެވަޑައި ނުގަންނަވާށޭ، ގާނޫނީ ހަމަތަކުގައި ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ، އޭރުންނޭ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، އިރާދަކުރެއްވީއާ އަޅުގަނޑުމެންނަށް އުފާވެރި ހަބަރުތަކެއް ލިބިގެން ދާނެކަން އަޅުގަނޑުމެން ޔަގީން ކުރަން ކަށަވަރު ކުރަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް ޔާމީންއަށް އިތުރަށް ދަންނަވާލަން އޮތީ ކުރިން ވެސް ހެއްދެވި ގޮތަށް ބަލި ގަބޫލު ކުރެއްވުމަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް އިތުރު އުނދަގޫ ނުކުރުމަށް ވެސް ގާސިމް ގޮވާލި އެވެ.
އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު އެކަން ގަބޫލު ކުރެއްވުމަށް ފަހު އެ ވިސްނުން ބަދަލު ކުރައްވައި، ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ ހިލާފަށް ހިންގާފައިވާ ކަންކަން ފުލުހުންނާއި ސިފައިން މެދުވެރިކޮށް ތަހުގީގުކޮށްދީ، އެ އިންތިހާބަކީ ޝަހުސިއްޔަތު ގެއްލިފައިވާ ބާތިލްވެފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައި އިންތިހާބު އަލުން ބޭއްވުމުގެ އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެދިނުމަށެވެ.
އިންތިހާބުގެ މައްސަލާގައި ލިބޭނީ އުފާވެރި ހަބަރެއްކަން ކަށަވަރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ