މި މަހުގެ 18 ވަނަ ދުވަހަކީ އެމް.ޑީ.ޕީ މެމްބަރުންނަށް ވަރަށް ޙާއްސަ ދުވަހެކެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެމް.ޑީ.ޕީން ބާއްވާ ޕްރައިމަރީ ފޯރިއާ ވާދަވެރިކަމާއިއެކު ހުކުރު ދުވަހު ވަނީ މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މަޑުއްވަރީ ދާއިރާގައިވެސް ދެ ކެންޑިޑޭޓުން ވާދަކުރި ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހުވަނީ ކުރިއަށް ގޮސްފައެވެ. ވާދަވެރިކަމާއިއެކު ކުރިއަށް ދިޔަ މި ޕްރައިމަރީގައި ވާދަކޮށްފައިވަނީ ރ. މަޑުއްވަރީ ރަތްފުސްގެ މުސާ އަލި މަނިކު އަދި ރ. މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމެވެ. މީގެ ތެރެއިން މޫސާ އަލި މަނިކަކީ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ ރައީސްގެ މަޤާމު ފުރުއްވަމުން އައި ފަރާތެކެވެ. އަދި އާދަމް ޝިހާމަކީ މަޑުއްވަރީގައި އެމް.ޑީ.ޕީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ އެއް މޭސްތިރިޔާއެވެ.
މަޑުއްވަރީ ދާއިރާގެ ގިނަ ބަޔަކު ވޯޓުލީ ޕްރައިމަރީގައި ކުރި ހޯދާފައިވަނީ އާދަމް ޝިހާމެވެ. އެއާއިއެކު ޕްރައިމަރީގައި އާދަމް ޝިހާމާއިއެކު ދެން ވާދަކުރި މޫސާ އަލި މަނިކުވެސްވަނީ ޕާޓީގެ ހުރިހާ މެމްބަރުންވެސް އާދަމް ޝިހާމްގެ ފަހަތަށް އަރާ ދާއިރާގެ ގޮނޑި އެމް.ޑީ.ޕީއަށް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
ެހެންނަމަވެސް، ފެންނަމުންދާ މަންޒަރު ވަރަށް ތަފާތެވެ. ފެންނަމުންދަނީ އެމް.ޑީ.ޕީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީއަށްފަހު ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ މަންޒަރެވެ. ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއިދުކޮށް އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުން އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންޠިހާބަށް ނިކުތުމަށް ތައްޔާރުވަމުން އަންނަކަމުގެ އަޑުތަކެއްވެސް މިހާރު އަންނަނީ ފެތުރެމުންނެވެ. މީގެ އިތުރުން އެމް.ޑީ.ޕީއާއި އިދިކޮޅު ފިކުރުގެ ބައެއް މީހުންނަށް އެމް.ޑީ.ޕީގެ ބައެއް މެމްބަރުން ތާއިދުކުރާކަމުގެ އަޑުތައްވެސް ވަނީ ފެތުރިގެން ގޮސްފައެވެ.
"ޕްރައިމަރީއަށްފަހު އެފަދަ ކަންކަން ހުރިހާ ދާއިރާއެއްގައިވެސް ތަޖުރިބާ ކުރަން ޖެހޭ ކަމީ ފެންނަން އޮތް ހަޤީޤަތެއް، ޕްރައިމަރީގައި ޑެމޭޖް އާދޭ ކޮންމެ ފަހަރަކުވެސް" މިއީ ޕްރައިމަރީން ނާކާމިޔާބީ އާއިކުރިމަތިލި ކެންޑިޑޭޓު މޫސާ އަލި މަނިކު މިކަމާއި ދޭތެރޭ ދެކޭ ގޮތެވެ.
މޫސަ އިތުރަށް ބުނި ގޮތުގައި މި މައްސަލަ ހައްލުކުރެވޭނީ ހޮވޭ ކެންޑިޑޭޓާއި ބަލިވާ ކެންޑިޑޭޓު އެކީގައި ކުރެވޭ ބުރަ މަސައްކަތަކުން ކަމަށާއި ހާއްސަކޮށް މޮޅުވާ ކެންޑިޑޭޓުގެ ޓީމުގެ ހިތްތިރިކޮށްގެންކަމަށެވެ.
މި މައްސަލައިގައި ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓު އާދަމް ޝިހާމް ބުނީ ޕާޓީގެ އަސާސީ ޤަވާއިދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރާނެކަމަށް އުއްމީދުކުރާކަމަށާއި އޭނާ އަދި އޭނާގެ ޓީމުންވެސް މިތިބީ ކާމިޔާބީގައި ހިތްތިރިކޮށްކަމަށެވެ. ހަމައެއާއިއެކު ހުރިހާ މެމްބަރުންވެސް ދާއިރާގެ ރައްޔިތުންނަށްޓަކައި އިޙުލާސްތެރި މަސައްކަތްތަކެއް ކޮށްދޭނެ ކެންޑިޑޭޓަކަށް ހާއްސަކޮށް އެމް.ޑީ.ޕީއަށް މިދާއިރާގެ ގޮނޑި ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އެދޭކަމަށްވެސް އެމް.ޓީއާއި ވާހަކަ ދައްކަމުން އާދަމް ޝިހާމް ބުންޏެވެ.
ޕްރައިމަރީއަށްފަހު ހުރިޙާ އެންމެންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެމް.ޑީ.ޕީގެ ލީޑާޝިޕުންވެސް ގޮވާލާފައިވާއިރު މަޑުއްވަރީ ދާއިރާއިން އަދި މި ފެންނަނީ އެ ފަދަ މަންޒަރެއް ނޫނެވެ. ބައިބައިވުމާއިއެކު މަޖިލިސް އިންޠިހާބަށް ނިކުމެއްޖެނަމަ އެމް.ޑީ.ޕީއަސް މި ދާއިރާގެ ގޮނޑި ގެއްލުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.
ޕްރައިމަރީއަށްފަހު މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރުން ބައިބައިވެއްޖެ؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ