ކޯލިޝަނުން ބޭރުން އެއްވެސް ޕާޓީއަކާ ކޯލިޝަން ނަހަދާނަން: ރައީސް މައުމޫން

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫން ނިސްބަތްވާ އެމްއާރުއެމް އިން ސަރުކާރު ބޭރުން އެހެން ޕާޓީއަކާ އެކު ކޯލިޝަން ނަހައްދަވާނެ ކަމަށް ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ތެރޭ ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ، މަޖިލިސް އިންތިހާބުގައި އެޕާޓީން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިސްނާ ނުވާނެހެން ހުރިހާ ސިޔާސީ ފަރާތްތަކާއެކު ވެސް ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ. މިއަދު މައުމޫން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިއުލާން ކުރެއްވުމަށް ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ، މަޖިލިސް އިންތިހާބަށް ސަރުކާރު ކޯލިޝަން ޕާޓީތާކާއެކު ކުރިއަށް ދާން ތައްޔާރައް ހުންނެވި ކަމަށާއި ނަމަވެސް ކޯލިޝަން ބޭރުން އެހެން ޕާޓީތަކާ ނުގުޅޭނެ ކަމަށެވެ. "އެއީ ޖުމްހޫރީ ޕާޓީ ކަމުގައި ވިޔަސް އެމްޑީޕީ ކަމުގައި ވިޔަސް، އަދާލަތު ކަމުގައި ވިޔަސް. އެބޭފުޅުންނާ ވާހަކަ ދައްކައިގެން އެއްބަސް ވެވުނު ކޮންމެ ގޮތަކަށް ކުރިއަށް ދާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" މައުމޫން ވިދާޅުވިއެވެ. "އެނޫން ޕާޓީ އެއް ނެތް އަޅުގަނޑު ކޯލިޝަން ހަދާނެ ނުވަތަ އެއާއެކު [އެހެން ޕާޓީއަކާއެކު] މަސައްކަތް ކުރާނެ." ރައީސް މައުމޫންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް މައުމޫން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު 108 ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޓިކެޓު ކަށަވަރުވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ކުރިމަތި ލައްވާނެ ދާއިރާތަކާއި ކެންޑިޑޭޓުން ނިންމަވާނީ، އެބޭފުޅުންގެ އިލްމާއި ތަޖުރިބާ އަދި ގާބިލިއްޔަތު ހުރިމިންވަރަކަށް ބާލައި އެކަމަށް ހާއްސަ ކޮމެޓީ އަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ކޯލިޝަންގެ ބައިވެރިނަށް މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ބަހާނެ ގޮތަކާމެދު އަދިވެސް ވަނީ ނުނިންމިފައެެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވަނީ އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާޞުގައި 86 ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. މީގެ އިތުން ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިހާތަނަށް 36 ދާއިރާ އަކަށް އެޕާޓީގެ ފަރާތުން ކުރިމަތި ލައްވާނެ ކެންޑިޑޭޓުން ވަނީ ކަނޑައަޅާފައެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައެވެ. އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހު 21 ވަނަ ދުވަހަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ