ދެކުނުގެ ތިން އަތޮޅަށް މިއަދުވެސް މޫސުން ގޯސްވެ ވައިޓް އެލާޓް

ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ހުވަދު އަތޮޅުން އައްޑޫ ސިޓީ އާ ދެމެދުގެ ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގއ. އަތޮޅުން އައްޑޫ ސިޓީ އާ ދެމެދުގެ ރަށްތަކަށް މިއަދު ހެނދުނު 08:45 އިން މެންދުނު ފަހު 14:45 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. އެއިދާރާއިން ބުނި ގޮތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އޭގެތެރެއިން ބައެއް ރަށް ތަކަށް ބޯކޮށް ވާރޭ ވެހުމަކީވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އުތުރުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އެގޮތުން ވައިޖެހޭނީ އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
މީޓިއޮރޮލޮޖީން ބުނިގޮތުގައި ރާއްޖޭގެ ކަނޑުތައް މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ