ޑރ. އަބްދުއްސަމަދަށް ފޮރިން މިނިސްޓަރުކަން، އަބްދުﷲ ޖިހާދަށް ފައިނޭންސް މިނިސްޓަރުކަން ދެއްވައިފި

ބަނގުލާދޭޝްގެ ސަފީރުކަން ކުރިން ކުރެއްވި އަދި ގިނަ ދުވަސްތަކެއް ވަންދެން ޑަބްލިއުއެޗުއޯގެ ސީނިއާ މަގާމުތަކެއް ފުރުއްވި ޑރ. އަބްދުއްސަމަދު އަބްދުﷲ އަށް ފޮރިން މިނިސްޓަރުކަން ދެއްވައި އަދި ކުރިން ފައިނޭންސް މިނިސްޓަރުކަން ކުރެއްވި، އަދި ސިވިލް ސާވިސް ކޮމިޝަންގެ މިހާރުގެ މެންބަރު އަބްދުﷲ ޖިހާދަށް ފައިނޭންސް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައި ފަތްކޮޅު ދެއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވި ކަމަށެވެ. އަދި ހުވާކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.
ޢަބްދުﷲ ޖިހާދު މިހާތަނަށް ހުންނެވީ ސިވިލް ސަވިސް ކޮމިޝަންގެ މެންބަރު ކަމުގަ އެވެ. އެ ކޮމިޝަންގެ މެންބަރުކަމުން އެމަނިކުފާނު މިއަދު ވަނީ އިސްތިޢުފާ ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ