އެއް ހާސް މީހުންގެ ހުޅުދޫގައި 11 ގެސްޓްހައުސްއާއި 2 ސިޓީ ހޮޓާ އަޅަން ބީލަމެއް
އާބާދީގައި ކިރިޔާ ހާހެއް ހަމަވާ، އައްޑޫ ސިޓީ ހުޅުދޫގައި 11 ގެސްޓްހައުސްއާއި ދެ ސިޓީ ހޮޓާ އަޅަން ދިވެހީންނާއި ބޭރު މީހުންނާއި ކުންފުނިތަކުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ހުޅުދޫގައި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާ އެޅުމުގެ ފުރުސަތު ހުޅުވާލަނީ ލޯކަލް ޓޫރިޒަމަށް ޕްރައިވެޓް ސެކްޓަރުން އިންވެސްޓް ކުރުމަށް ފުރުސަތުދީ، އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް ކަމަށެވެ. އަދި އެ މަޝްރޫއާއެކު ވަޒީފާގެ ފުރުސަތުތައް އުފެދި، ވަޒީފާ އަދާނުކުރާ ޒުވާނުންގެ އަދަދު މަދުކުރުމަކީ ވެސް އެއް މަގުސަދު ކަމަށް ކައުންސިލުން ބުންޏެވެ. އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ، ބީލަމަށް ދޫކުރަނީ ހުޅުދޫގެ ދެކުނުން ކެނެރީފް ރިޒޯޓު ކައިރީގައި އޮންނަ ބިންތަކެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުން، މޫދާ ކައިރިން ނުވަތަ ބީޗް ފްރަންޓުން 4.65 ހެކްޓަރުގެ ބިން ދޫކުރާނެ ކަމަށް އިއުލާނުގައިވެއެވެ. އެ ބިމާއި އަޅަން ޖެހޭ ކޮޓަރީގެ އަދަދަކީ: ގެސްޓްހައުސް 2،400 އަކަފޫޓުގެ ހަ ބިން: 10 ކޮޓަރި 3،000 އަކަފޫޓުގެ ހަތަރު ބިން: 15 ކޮޓަރި 5،000 އަކަފޫޓުގެ ބިމެއް: 25 ކޮޓަރި ސިޓީ ހޮޓާ 10،000 އަކަފޫޓުގެ ބިމެއް: 60 ކޮޓަރި 7،000 އަކަފޫޓުގެ ބިމެއް: 35 ކޮޓަރި ސިޓީ ކައުންސިލުން ބުނީ ބިން ދޫކުރަނީ ގިނަވެގެން 50 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެ ބީލަމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުން މިހާރު އައްޑޫ ސިޓީ ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި finance@addycity,gov.mv މެއިލްކޮށްގެން ވެސް އެ ލިޔުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ. ބިޑިން ޑޮކިއުމެންޓްތައް ލިބެން ހުންނާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، ދިވެހީންނާއި ދިވެހި ކުންފުނިތަކަށް އެ ލިޔުންތައް ވިއްކާނީ 2،000 ރުފިޔާއަށެވެ. އަދި ބިދޭސީންނަށް ދޫކުރާނީ ދެގުނަ އަގުބޮޑުކޮށް 300 ޑޮލަރު (4,620 ރުފިޔާ)އަށެވެ. ބީލަންތައް ހުށަހަޅައި ނިމުމުން އަންނަ އަންގާރަ ދުވަހު 10:00ގައި އޮންލައިންކޮށް ޕްރީ ބިޑް މީޓިންއެއް ބާއްވާނެ ކަމަށް ކައުންސިލުން ބުނެއެވެ. ބީލަން ހުޅުވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ސިޓީ ކައުންސިލް އިދާރާގައި ނުވަތަ އެ ކައުންސިލުން އިއުލާން ކުރާ އެހެން ތަނެއްގައި، އަންނަ މަހުގެ ހަތަރެއްގައެވެ. ރާއްޖޭގެ 382،639 ދިވެހީންގެ އާބާދީގެ ތެރެއިން، މާލެއަށް ފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީގައެވެ. އެގޮތުން އައްޑޫގައި 25،053 މީހުން ދިރިއުޅޭ ކަމަށް ބޯހިމެނުމުން ދައްކާއެވެ. މާލޭގައި އާންމުކޮށް ދިރިއުޅޭ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުން ކަމަށްވާއިރު، މީގެ ތެރޭގައި އެންމެ ގިނައީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ. އެއީ 9،083 މީހުން ނުވަތަ ހަ ޕަސެންޓް މީހުންނެވެ. ހުޅުދޫގައި 2022ގެ ނިޔަލަށް ރެޖިސްޓާކޮށްފައިވާ މީހުންގެ އަދަދު 3،668އަށް އަރާ ނަމަވެސް، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި މީހުން ކަމަށްވާ، 1،773 މީހުން ދިރިއުޅެނީ މާލޭގައެވެ. ހުޅުދޫގައި ދިރިއުޅެނީ 1182 މީހުންނެވެ. https://sun.mv/207988 އައްޑޫގައި މިހާރު ހިންގަމުންދަނީ ދެ ރިސޯޓެކެވެ. އެއީ ހެރެތެރެއާއި އީކުއޭޓާ ވިލެޖެވެ. އެ ސިޓީގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ޝަންގްރިއްލާ ކޮވިޑަށް ބަންދުކުރުމަށް ފަހު އަދިވެސް ނުހުޅުވޭއިރު، އައްޑުއަށް ފަތުރުވެރިން ދާ މިންވަރު މަދުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އައްޑޫގައޮ ގުދުރަތީ ގޮތުން ވަކިން އުފެދިފައި އޮންނަ ދިގު، ފަޅު ރަށެއް ކަމަށްވާ ހަންކެޑެ ތަރައްގީ ކުރަން އެކި ސަރުކާރުތަކުގައި ތަފާތު މަޝްރޫއުތައް އިއުލާންކޮށް، މި ސަރުކާރުން މިފަހުން ވަނީ އެ ރަށުގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން އިއުލާންކޮށްފައެވެ. އޭގެ ސަބަބުން އަައްޑޫގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ