ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން މަސްދަޅު އުފައްދައިފި
ރާއްޖޭގެ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު އުފައްދައިފި އެވެ.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މަހުން ދަޅުމަސް އުފައްދާފައިވަނީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިން ކަމަށެވެ.އެ ކުންފުންޏަކީ ޗައިނާގައި 2008ގައި އުފައްދައި، މޫދުވިނައާއި ބޯވައާއި ބޯވަދިލަ މަހުން އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަށް މަޝްހޫރުވެފައިވާ ކުންފުންޏެއް ކަމަށްވާ ޗިންޖެންގް ފުޑްސްގެ ސަބްސިޑަރީއެކެވެ. އެގޮތުން ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސްއަކީ އެމެރިކާއާއި ކޮރެއާއަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.ޝިޔާމް ވަނީ، އެ ކުންފުނިން ދިވެހި ކަނޑުމަސް ކާމިޔާބު ކަމާއެކު ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ތައްޔާރުކޮށްފައިވާތީ މަރުހަބާ ވިދާޅުވެފައެވެ.އޭނާ ވިދާޅުވި ގޮތުގައި މި ސާމްޕަލްތައް ވަނީ ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރު، ފަޒީލް ނަޖީބަށް ދައްކާލައިފަ އެވެ.ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމަކަމަށް ވާނެކަމަށް އެއިރުވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ އެވެ. އަދި ސީފުޑްގެ ބާވަތްތައް ރާއްޖެ ގެނެސް ޑަބްލިއުޓީއޯގެ މިންގަނޑަށް ފެތޭގޮތައް އަގުއެއްކޮށް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ