ކެމޮމައިލް 33
"މައިންބަފައިންނަށް އޯގާތެރިވެ ރަހުމް ކުރާށެވެ. އެމީހުންނަށް ވަގުތު ދޭށެވެ. ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ." *** އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. މި ދިމާލަށް ވާހަކަ އަންނައިރު ދެކޮޅަށް އެއްޗެކޭ ބުނުމަކީ އެންމެ ރަގަޅުގޮތެއްނޫނެވެ. ވިސްނާދޭން މަސައްކަތްކުރުމަކީ ހައްލެއްނޫނެވެ. އޭނައަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެހެންމީހުންނަށް ނުފެންނަ އެއްޗަކާއި ހަގުރާމަކުރަނީއެވެ. މިރިއަމް މިތަނުގައި ހުންނަން ޖެހޭނެކަމުގައި އޭނަގެ ހިތް ބުނަންފެށިއެވެ. މަންމަ ގާތުގައި މިިރިއަމް ހުންނަން ޖެހޭ އެންމެ މުހިއްމު ދުވަސްކޮޅެވެ. މިރިއަމް އެކަމާއި ފަހުން ހިތާމަކުރާތަން ދެކެން ޒުބޭރުވެސް ބޭނުމެއްނޫނެވެ. ކޮންމެ ކަމަކު މިސްރަށް ދިޔަސް މިއަށްވުރެ އެކަމެއް މުހިއްމު ނުވާނެކަން ޔަގީނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ މިރިއަމް މިކޮޅަށް ގެންނާނެއެވެ. *** އޮރިއެންޓޭޝަނުގެ ފަހުން އޮޑިޓޯރިއަމްތެރެ ގާތްގަނޑަކަށް ހުސްވިއެވެ. މިރިއަމް ހުސްވެފައިވާ ސްޓޭޖާދި ދިމާލަށް ބަލަހައްޓައިގެން އިންއިރުވެސް ހިތުގައި ވީ ރިހުމެވެ. އޭނަގެ ހިތް ވީ އެހެން ދިމާލެއްގައެވެ. އޭނައަށް ބައެއްކުދިން އަރަބިބަހުން ވަރަށް ހަލުވިކޮށް ވާހަކަދައްކާއަޑުވެސް އިވުނެވެ. ގުރުއާންގެ ލަފުޒުތައް އެނގުނަސް މި މީހުން ވާހަކަދައްކާއިރު އެންމެ ލަފުޒެއްވެސް އޮޅުން ނުފިލަނީ އިނގިރޭސިންހެން ވާހަކަދައްކާތީއެވެ. އަރަބިބަހުން ވާހަކަދައްކަމުންގޮސް ދޭތެރެއަކުން އިނގިރޭސި ބަހަށް ބަދަލުކުރުމުން ކިޔާ އެއްޗެއް އެނގެއެވެ. އެކި ފޮތްތަކާއި ޝެޑިއުލްތަކާއި ވަޓްސްއަޕް ގްރޫޕާއި ބެހޭގޮތުންނެވެ. ނުދަންނަ ނަމްބަރަކުން ފޯނު ވައިބްރޭޓްވިއެވެ. ސްކްރީނަށް އިރުކޮޅަކު ނަޒަރު ހުއްޓާލައިގެން އިނީ ބޮޑުވާއިނގިލި ކިިރިޔާ ޖައްސާލައިގެންނެވެ. އެހާ ބޮޑު ނުތަނަވަސްކަމެއް ހިތަށް ލިބުނީ ގެއިން އިތުރު ހިތާމަވެރި ޚަބަރެއް އަޑުއަހަން އެއްގޮތަކަށްވެސް ނޭދޭތީއެވެ. ޖެހިލުންވުމާއެކުގައިވެސް އޭނަ ފޯނުނެގިއެވެ. "ހެލޯ...." ހިމޭން ސިކުންތުކޮޅަކަށްފަހު ދަންނަ އަޑެއް ކަންފަތުގައި ޖެހުނެވެ. "މިރިއަމް؟" "ހޫމް؟" "މިއީ ޒުބޭރު. އައިމް ސޮރީ މިހެން ގުޅަންޖެހުނީމަ.. އަހަންނަށް އެނގޭ މަގޭ ނަމްބަރ މިރިއަމް އަތުގައި ނެތްކަން. އެކަމަކު ކޮންމެހެންވެސް ގުޅަން ޖެހިގެން މިގުޅީ..." އޭނަ ހަށިގަނޑު ސީދާކޮށްލިއެވެ."ކިހިނެއް މަގޭ ނަމްބަރު ހޯދީ؟" "މިރިއަމް މަންމަ އަތުން މިދިޔަ ހަފްތާގައި ހޯދީ.."ޒުބޭރު ފުން ނޭވާއެއް ދޫކޮށްލިއެވެ."އަޑުއަހާބަލަ. މުހިއްމު ކަމަކު ނޫނީ މިހެން ނުގުޅާނެކަން އެނގެއެއްނު..." އޭނަ އިންތަނުން ތެދުވެގެން ސިޑިބަރި ގިރާކޮށް ތިރިއަށް ދާން ހިނގައިގަތްއިރު ދަރިވަރުންނާއި ދިމާވިޔަސް އޭނަ އެކަމަށް ސަމާލުކަމެއްނުދެއެވެ. ތަޅުންމަތީގައި އޭނަގެ ބޫޓުން އަޑުގޮއްވަމުން ތިރިއަށް އައިސް ކޮރިޑޯއަށް ނުކުތެވެ. "ވަޓް ހެޕެންޑް؟" "އަހަރެން އިއްޔެ މިރިއަމްގެ ގެއަށް ދިޔައިން.." "އިއްޔެވެސް؟"އޭނަގެ އަޑަށް ތޫނުކަމެއްއައެވެ. އޭނަގެ ގެއަށް ޒުބޭރު ދިޔުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނަ ހިގަމުންގޮސް އެތަނުގެ ބިއްދޮށަށް ދިޔައިރު ހިކިފައިވާ ފަތްތައް މަތީގައި ކޮތަރުތައް ކޮންމެވެސް އެއްޗެއް ކެއުމާއިގެން މަޝްޣޫލުވެގެން އުޅޭތަން ފެނުނެވެ. "މިހެންބުނީަ ގަބޫލުކުރަން އުދަގޫވެސް ވެދާނެ. އެކަމަކު މިރިއަމްގެ މަންމަ ހަމައެކަނި އިތުބާރުކުރަނީ އަހަންނަށް. މަށަށް ގުޅައިގެން އެގެއަށް ގެންދިޔައީ..ޖަމީލާއްތަ.....ވަރަށް ތަފާތު..." "ކިހިނެއް ތަފާތު ވާހަކަ؟" "ޖަމީލާއްތަ ބުނީ ސަޔާރާވެސް ވަރަށް ނުބައިވެއްޖެއޭ. ޒުލޭޚާ ބަދިގޭގައި ހުރެގެން ސިހުރު ހަދާފައި ސަޔާރާއަށް ދަސްކޮށްދެނީއޭ. ޖަމީލާއްތަ އަހަންނަށް ގުޅީ ކޮންމެވެސް ގޮތަކުން އެމީހުން ބަލިކުރެވޭނީ އަހަންނަށްކަމަށް ގަބޫލުކުރެވިގެން ހެން ހީވަނ.ީ..ޖަމީލާއްތައަށް ހީވަނީ ދެކޮޅަށް މީހުންތައް ކަންތައް ރާވަނީއޭ..." އޭނައަށް ފޯނަށް ބާރުކޮށްލެވުނެވެ. ނޫނެކެވެ. އެއީ އޭނަގެ މަންމައެއް ނޫނެވެ. އޭނަގެ މަންމައަކީ މަޑުމައިތިރި އެންމެނަށް ހެޔޮ އޯގާތެރި މީހެކެވެ. އަވަށްޓެރިންނަށް އަނބު ޖޫސް ހަދާފައި ފޮނުވާދެއެވެ. މީރު އެއްޗެއް ކެއްކިޔަސް ބަހާލާނެއެވެ. ޚާއްސަކޮށް އަވަށްޓެރިއަކު ބަލިވެއްޖެއްޔާ ހާލު ބަލާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި ނުބައި އަވަށްޓެރިންނަށް އިތުރަށް ދީފައި މަންމަ އޭނަ ގާތު ބުނާނެއެވެ."ﷲ ހުރިހާކަމެއް ބައްލަވާވޮޑިގެންވާނެ އެހެން މީހުން އެކަން ނުދެކުނަސް.........." ޒުލޭޚާގެ ކޮއްކޮއެއްގެ ދަރިއަކު އޭނަގެ މަންމަ ވަރަށް ލޯބިން ހެއްދި ގަހެއް ގެ ފަތްތައް ނޮޅައިލާ ގަސް އުފުރައިލިއެވެ. އޭނައަށް އެކަން އެނގުމުން ރުޅިގަދަވެގެންގޮސް އެކުއްޖާއާއި ދިމާލަށް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް މަންމަ ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. މާދުފިނުމުގެ ރީތި ސިފައެވެ. މަންމަ ހީލިއެވެ. "އެއީ ހަމަ ކުޑަކުއްޖެއް. އެއްޗެހި ހަލާކުކުރިޔަދީ...ދިިރިއުޅުން އެކުއްޖާ ހަލާކުކޮށްލުމުގެ ކުރިން..." އޭނަ މަންމަ ދަންނަނީ އެގޮތުގައެވެ. ދުވަހަކުވެސް މީހަކަށް ޝައްކުނުކުރާނެއެވެ. އެހާ މަޑު އޯގާތެރި އަޑެކެވެ. މާފުކުރަން ދަނެއެވެ. މަންމަގެ ހިތަކީ ވިޔެފައިވާ ކުނަލެއްފަދައެވެ. ބޭނުންކޮށް ބާވެފައިވީ ނަމަވެސް އަރާމުކުރަން ބޭނުންވާ ކޮންމެ މީހަކަށް ހުޅުވައިލެވިފައެވެ. އެކަމަކު މިހާރު މަންމަގެ އަތުން ކާންދިން މީހުންދެކެވެސް ބިރުންނެވެ. އޭނަގެ ހިތް ބިރުގަންނަގޮތްވިއެވެ. މިއިީ ބަލީގެ އިތުރު ނިޝާނެއްހެއްޔެވެ؟ އޭނައަށް ލޮލުގައި އަތް ޖައްސައިލެވުނެވެ. ޝައްކުކުރުމާއި އިތުބާރު ނުކުރުމެވެ. އެއީ ބަލީގެ ކިތައްވަނަ މަރުހަލާހެއްޔެވެ؟ ދޭއް ނޫނީ ތިނެއްހެއްޔެވެ؟ އޭނަވެސް ވަނީ އެ ބައްޔާއި ބެހޭގޮތުން މައުލޫމާތު ހޯދާފައެވެ. މިޒާޖު ބަދަލުވުމާއި ބިރުގަތުމާއި އިލްޒާމު އެޅުވުމެވެ. އަބަދުވެސް އެހެން މީހުންގެ ރަގަޅުކަންތައް ދެކެމުން އައި މަންމަ އެންމެން ދެކެ ބިރުގަނެ އެންމެނަކީ ގެއްލުންދޭން އުޅޭ ބަޔެއްކަމަށް ދެކެންފެށީއެވެ. "މަންމަ އޯކޭ.. މާބޮޑަށް ވަރުބަލިވީ..."އޭނަ ބުނެލިއެވެ." މާބޮޑަށް ވަރުބަލިވީމަ މަންމަ އަބަދުވެސް އެހެން އުޅޭނީ...." ދުލުން ބުނެލިޔަސް އެއީ ހަގީގަތް ނޫންކަން އޭނައަށްވެސް މިފަހަރު އެނގުނެވެ. އެކަމަކު ޒުބޭރުގާތު އެއްބަސްވާން ބޭނުންނުވީއެވެ. "މިވަގުތަށް ތިހެން ގަބޫލުކޮށްގެން ހިތްހަމަޖެއްސުމަކުން މައްސަލައެއްނެތް..."ޒުބޭރުވެސް މަޑުމައިތިރި އަޑަކުން ބުނެލިއެވެ."އެކަމަކު މިހެން ގޯސްވަމުން އަންނަންޏާ މާ ލަސްވާފަހުން އެކަން ދެނެގަންނަން ބޭނުމެއްނުވާނެ ދޯ..." އޭނަ އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. "މިއަދު ހެނދުނު ތިންފަހަރު މިރިއަމް ނުފެނިގެން އުޅުނު. އެންމެފަހުން ފޯނުދެކެ ރުޅިއައީ....ފޯނު މިރިއަމް ފޮރުވައިގެން އުޅެނީކަމަށް ނިންމީ.." އޭނަގެ ލޯ ކަރާގޮތްވިއެވެ. އުދަރެހަށް ނަޒަރު ހުއްޓައިލަމުން އެސްފިޔަ ޖަހައިލިއެވެ. "މެސެޖްކުރާނަން އަޕްޑޭޓްދޭން..އަހަރެން އެބަބަލަން މިހާރު މަންމަ ފަރުވާއަށް މާލެގެންދަން. އަންނަ ހަފްތާގައި ހަމަޖެހޭނެހެން ހީވޭ. އެކަންތައް ވަންޏާ ބުނާނަން އިނގޭ.." "ޓޭކް ކެއާ މިރިއަމް.."ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ޒުބޭރު ފޯނު ކަނޑާލައިފިއެވެ. ކޯލު ނިމުމުންވެސް ކަންފަތުގައި ފޯނު ޖައްސާލައިގެން އިރުކޮޅަކު ހުރެވުނެވެ. ތަންކޮޅެއް ދުރުގައި ތިބި ދަރިވަރުންތަކެއް ސެލްފީ ނަގަމުން ހިނިގަނޑު ޖަހައިލާގޮތުން އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. "އެނބުރިދާނީ.. މި ކެރިއާގެ ހުވަފެންތައް ދޫކޮށްލަންވިޔަސް ހެޔޮ.އެކަމާއިމެދު ވިސްނާނީ ފަހުން. އެއީ އަހަރެންގެ މަންމަ.ޒުބޭރުއާއި ސަޔާރާއެއްނޫން މަންމަ ބަލަން ޖެހޭނީ......އަހަންނަކީ މަންމަގެ ހުރި ހަމައެކަނި ދަރި. މަންމަ އަހަރެން ކުޑައިރު ބަލާބޮޑުކުރިފަދައިން މިއަދު މަންމަ ބަލިވީ ދުވަހު އަޅާލަން ނެތިއްޔާ ދަރިއެއްގެ ބޭނުމެއް ނުވިސްނޭ." *** އެރޭ މިރިއަމްގެ ލޮލަށް އެއްގޮތަކަށްވެސް ނިންޖެއްނައެވެ. ޔުނިވާސިޓީއިން ހޮޓަލަށް އައުމަށްފަހުގައިވެސް އޭނަގެ ސިކުނޑީގައިވީ މަންމައެވެ. މަންމަގެ ފޯނު ކޯލެވެ. ބިރާއި ކަންބޮޑުވުމުގެ އަސަރު އެކުލެވެއެވެ. އެރޭ ކާހިތެއްނުވިއެވެ. އަނެއް ދުވަހު ކެމްޕަސް ޓުއާއަށް ދިޔުމުގެ ޚިޔާލެއްވެސް ނެތެވެ. އޭނަ އެނބުރި މަންމަގެ ގާތަށް ނުގޮސްފިއްޔާ އޭނަ މޮޔަވެދާނެއެވެ. ސަބަބަކީ އެހުރިހާ ޚިޔާލުތަކެއް އޭނަގެ ސިކުނޑި ކަމުންދާތީއެވެ. ޖެހިގެން އައި ދުވަހު އޭނަ އެނދުމަތީގައި އިށީދެލައިގެންއިނީ އުނގުމަތީގައި އޭނަގެ ލެޕްޓޮޕް ބަހައްޓައިގެންނެވެ. އިރުކޮޅަކުން އީމެއިލްއެއް އައުމުން އަވަހަށް ބަލައިލެވުނެވެ. ފްލައިޓް ބުކްވީއެވެ. ހަފްތާއެއްފަހުން ގާހިރާއިން ރާއްޖެއަށެވެ. *** ގާހިރާގައި ހުރި އެންމެ ފަހު ދުވަހު މިރިއަމް ޕަބްލިކް ޕާކަކަށް ދިޔައީ ޚިޔާލުތަކުން ސަލާމަތްވުމަށެވެ. އެހާ ރީތިތަނެއްނޫނެވެ. ހަލާކުވެފައިވާ ބެންޗުތަކެވެ. ދަބަރުޖަހާފައިވާ ފެން ފައްވާރާއެކެވެ. ތިމާމެންގެ މިލްކުތަނެއްހެން ބުޅާތައް އެތަނުގައި ރަސްކަން ކުރެއެވެ. ދެ އިމާރާތުގެ ދޭތެރޭގައިވިޔަސް އެތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އޮރެންޖް ގަހުގައި ފޮޅިފައިވާ މާތަކުގެ މީރުވަސް އޭނަގެ ނޭފަތުގައި ޖެހުނެވެ. މިރިއަމްގެ އަތުގައި ހުރީ އަރަބި ކޮފީއެކެވެ. ބޯކޮށް ހުރެފައި ތަންކޮޅެއް ފޮނިގަދައެވެ. ފެންސްކައިރީގައި ހައްދާފައިވާ ގަސްތަކަށް ފެންދޭން ހުރި އުމުރުން ދުވަސްވީ އަންހެނަކަށް އޭނަގެ ސަމާލުކަން ހުއްޓުނެވެ. އެއީ ސައިމަލާއި ފިނިފެންމާ އަދި ހީވާގޮތުން މިންޓްގަސްތަކެވެ. ހިކިފަސްގަނޑެއްގައި ހެދެން އެގަސްތައް ވަރަށް މަސައްކަތްކުރެއެވެ. އެކަމަކުވެސް އެ އަންހެންމީހާ އެގަސްތަކަށްވެސް އަޅާލަނީ އަމިއްލަ ދަރިން ފަދައިންނެވެ. އިރުގަނޑެއްފަހުން އެ އަންހެންމީހާ މިރިއަމް ގާތުގައި އިށީނީ ވަރުގަދަ ނޭވާއެއްލަމުންނެވެ. އަދި ސްކާފުން ނިތްކުރި ފޮހެލިއެވެ. މިރިއަމް ފަނޑު ހިނިތުންވުމެއްދިނެވެ. "އެ ގަސްތައް ހެދޭނެހެން ހީވޭތަ؟" އަންހެންމީހާ ގަސްތަކަށް އިޝާރާތްކޮށްލިއެވެ. އޭނައަށް ބުނާނެ އެއްޗެއް ނޭގުނެވެ. ފަސްގަނޑު އެހާ ހިއްކެވެ.ރަތް ދަކަ އަވީގައި ހިފަހައްޓައިލެވޭނީ ވަރަށް މަސައްކަތުންހެން އޭނައަށް ހީވިއެވެ. "ﷲ ތައާލާ އެއްޗަކަށް ބޭނުންވާ އެއްޗެހި ފޮނުއްވަންދެން މި ދުނިޔޭގެ ކޮންމެ އެއްޗެއްވެސް ހީވާނީ ހަމަ ވަރަށް ހުސް އެއްޗެއްހެން."އަންހެންމީހާގެ ޖުމްލަތަކުގެ ފުން މާނަ އޭނަގެ ހިތުގައި ބީހިލިކަމެއް ނޭގި ހިނތުންވެފައި އިނދެ އަތުގައިވާ ކޮތަޅުން އޮރެންޖެއް ނަގާފައި އެއްފަޅި ދިއްކޮށްލިއެވެ. "ޖަޒާކަﷲ ޚައިރަން.."މިރިއަމްއަށް ބުނެވުނެވެ. *** ސަޔާރާއަށް ހަދިޔާއަކަށް ގެންދާނެ އެއްޗަކާއިމެދު ވިސްނާލާފައި މިރިއަމް ނިންމީ ފޮތެއް ގެންދިޔުމަށެވެ. ސަޔާރާފަދަ ފޮތް ކިޔާ އަންހެންކުއްޖަކަށް އެންމެ ރަގަޅު ހަދިޔާއެވެ. ފޮތް ފިހާރަ ހޯދަން މާގިނަ މަސައްކަތްކުރާކަށް ނުޖެހުނެވެ. އެކިގޮތްގޮތަށް ގާ ޖަހާފައި ހުރި ހަނި ގޯޅިގަނޑެއްގެ އެންމެ ކޮޅުގައި ހުރީ ފޮތް ފިހާރައެކެވެ. އެތެރެއަށް ވަނުމުން ހޫނުކަމެއް އިހުސާސްވިއެވެ. ފޮތް ހަރުތަކުގެ ބިއްދޮށުގައިވާ ސްޕީކަރަކުން މިންޝާވީގެ ގުރުއާންގެ އަޑު އިވުމުން ހިތަށް އަރާމުކަމެއް ލިބުނެވެ. އުމުރުން ދުވަސްވީ މީހަކާއި ޒުވާން ފިރިހެންކުއްޖަކު އެތަނުގައި ތިބިއިރު އެ ފިރިހެންކުއްޖާ އުޅުނީ ފޮތްތައް ތަރުތީބުކުރުމުގައެވެ. "ކޮންކަހަލަ ފޮތެއް ބޭނުމީ؟"އެކުއްޖާ ފުރަތަމަ ސުވާލުކުރީ އަރަބިންނެވެ. "ޔޫ ވޯންޓް ސްޓޯރީސް އޯ ސަމްތިން ރިއަލް؟" ދެވަނަފަހަރު އިނގިރޭސިން ސުވާލުކުރީ މިރިއަމްގެ މޫނަށް ރަގަޅަށް ބަލައިލަމުންނެވެ. "ސަމްތިން ރިއަލް.. ފޯ އެ ފްރެންޑް...." އޭނަ ހިނިތުންވެލިއެވެ. "القلوب /ދަ ހާރޓްސް..."އެ ފިރިހެންކުއްޖާ އިޝާރާތްކޮށްލި ހަރުގަނޑާއި ދިމާލަށް އޭނަ ހިނގައިގަތެވެ. ފޮތްތައް ނަގަން އެނގޭނެހެން ނަންތައް ޖަހާފައި ހުރުމުން ފަސޭހަވިއެވެ. ދުއާތަކާއި އިޚުލާސްތެރިކަން ތާރީޚު އަދި ތަގުވާފަދަ ބައިތައް ހުއްޓެވެ. އޭނައަށް ފުރަތަމަ އަތް ޖައްސައިލެވުނީ ފެހިކުލައިގެ ލެދާއިންވާ ބަޑޭރިގަނޑެއްގައެވެ. ނަން ލިޔެފައިވަނީ ރަންކުލައިންނެވެ. އެއާއެކު ޖެހިގެން އޮތް ފޮތަށް ނަޒަރު ހުއްޓުނެވެ. "ވެން ދަ ލައިޓްސް ބިގިން ޓު ޑިމް. ލުވީ ބޮޑީ ޑިމެންޝިއާ.." އޭނަ އެފޮތް ނެގިއިރު ހިތަށް ބާރުވެލިއެވެ. ކައުންޓަރުގައި އެ މަންޒަރުދެކެން ހުރި އުމުރުން ދުވަސްވީ ފިރިހެންމީހާ އުދަގޫގޮތަކަށް ހިނގާފައި އައިސް އޭނަގެ ގާތުގައި ހުއްޓުނެވެ. އަމިއްލައަށް ތައާރަފުވެލިއެވެ. މުހައްމަދުއެވެ. "ތިއީ އާއްމުކޮށް މީހުން ގަންނަ ކަހަލަ ފޮތެއްވެސް ނޫން. އެކަމަކު ބައެއްފަހަރު ﷲ އަހަރެމެންގެ މަގުގައި އާއްމުކޮށް ހޯދާ ނޫޅޭ ކަހަލަ ފޮތް...."އޭނަ އިނގިރޭސިބަހަށް ފަރިތަކަމުން މިރިއަމް ހައިރާންވިއެވެ. "އަހަރެންގެ މަންމަ....ހަދާންނެތުމުގެ މައްސަލަ ދިމާވެގެން.."އޭނަ ފޮތް ހުޅުވައިލަމުން މަޑުމަޑުން ކިޔައިލިއެވެ. މުހައްމަދުގެ މޫނުމަތިން ހަމްދަރުދީގެ ކުލަވަރު ފެނުނެވެ. ޒުވާންކުއްޖާ އައީ މިންޓް ސައި ހިފައިގެންނެވެ. އެތާހުރި ކުޑަ މޭޒެއްގެ މަތީގައި ސައި ބެހެއްޓުމުން މުހައްމަދު އެދުނީ އިށީދެ ސައިތަށި ބޯލުމަށެވެ. އިރުކޮޅެއްވާންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އޭނަ ސައިތަށިން އެތިފޮދެއް ބޯލިއެވެ. މީރު ސަޔެކެވެ. އޭނަ ހަނދާންވާންފެށީ މަންމަގެ ސަޔެވެ. "އަހަރެންގެ މަންމަ ހަނދާންނެތެން ފެށުމުން ﷲ ތައާލާއަށް ދެންނެވިން...ދުޢާކުރިން މަންމައަށް ޝިފާ ލިބުމަށް އެދި. އެކަންތައްތަކުން ސަލާމަތްކޮށްދެއްވުމަށް އެދި...އެކަމަކު ފަހުން ރޭކާލީ އެއަށްވުރެ ބޮޑަށް ރަހުމަތެއްކަން މަންމަގެ އުމުރުން ދުވަސްވެ ބަލިކަށިވީ ދުވަހު މަންމައަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބުން. އަހަރެންވެސް ބަލާބޮޑުކުރިފަދައިން..." މިރިއަމްއަށް އިސްޖަހައިލެވުނެވެ. "ލުގުމާން ސޫރަތުގެ ސާދަވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވާފައިވަނީ އިންސާނާއަށް އޭނަގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން ރަސްކަލާނގެ ވަސިއްޔަތް ކުރީމެވެ. އޭނަގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް ބަލި ނިކަމެތިކަމާއިއެކު މާބަނޑުގައި އޭނަ އުފުލިއެވެ." "އަދި އެ އާޔަތް ނިމޭއިރު ﷲ ތައާލާ ވަހީކުރައްވަނީ ތިމަން ރަސްކަލާނގެއާއި ތިޔަބައިމީހުންގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި ރުޖޫއުވުން ވަނީ ހަމަ ތިމަންރަސްކަލާނގެ ހަޟުރަތަށެވެ." މުހައްމަދު އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ." އެ އާޔަތުގައި ނެތް ޝުކުރުކުރަންވީ ހަނދާން ހުންނަ އިރުކަމެއް. އަންގަވާފައިވަނީ ޝުކުރުކުރަން ސަބަބަކީ ތިބާއަށް އަމިއްލަ ނަފުސާއި އަޅާނުލެވޭ ހާލަތުގައި އުފުލީ މައިމީހާކަމަށްވާތީ..މިހާރު އެމީހުންނަށް ނޭގުނަސް އަހަރެމެން މައިމީހާ މި ގެންގުޅެނީ..." އޭރުވެސް އެ ފޮތް އޭނަގެ އުނގުމަތީގައި އޮތެވެ. "އެނގޭތަ؟ ކޮންމެވެސް ދުވަހަކުން ފަހަރެއްގައި މަންމައަށް ތިއީ ކާކުކަން ނޭގޭނެ. ހަނދާން އެއްކޮށް ނެތޭނެ..އެކަމަކު ﷲ ދެނެވޮޑިގެންވާނެ ތިއީ އެމަންމަގެ ކާކުކަން..އަދި މަންމައަށްޓަކާ ތި ލޮލުން އޮހުނު އެންމެ ކަރުނަތިއްކެއްވެސް އެފަރާތުގެ ހަޟުރަތުގައި ގެއްލިގެންދާނެ އެއްޗަކަށްނުވާނެ.." "އަޅާލުމާއި ލޯބީގައި ހޭދަކުރާ އެންމެ ވަގުތުކޮޅެއްވެސް ގެއްލިގެންނުދާނެ..އެންމެ ކުޑަވެގެން ހިމޭންކަންވެސް.." މުހައްމަދު އެ ޒުވާނާގެ އަތުން ފޮތް ފާހަގައެއް ހޯދާފައި މިރިއަމްއަށް ދިއްކޮށްލިއެވެ. އޭގައިވަނީ ޅެމެކެވެ. ފޭދިފައިވާ ނޫ ދެލިންވާ އަތުލިޔުމެކެވެ. "އިފް ހާރ ހޭންޑްސް ފޮގެޓް ހައު ޓު ހޯލްޑް. ދެން ހޯލްޑް ހަ ވިތް ޔޯ ދުއާ އިފް ހާ އައިސް ފޮގެޓް ޔޯ ފޭސް ދެން ރިމެމްބާ ހާރް އިން ޔޯ ސުޖޫދު އެންޑް އިފް ހާ ވޯޑްސް ފޭޑް އިންޓު ސައިލެންސް ފިލް ދަ ސައިލެންސް ވިތް ލަވް ބިކޯޒް ﷲ ހިއާސް އީވެން ވަޓް ދަ ހާޓް ޑަޒް ނޮޓް ސޭ" ވަރަށް ހިތާއި ކުޅެލި ޅެމެކެވެ. މިރިއަމްއަށް އެ ފޮތް ފާހަގަ މޭގައި ޖައްސާލައިގެން އިނދެވުނެވެ. އޭނަ މި ފިހާރައަށް އައީ އޭނަގެ އަމިއްލަ ނަފުސަށްޓަކައެއްނޫނެވެ. އެކަމަކު މިތަނުން މިދަނީ އޭނައަށް ނޭގިނަމަވެސް އޭނައަށް ބޭނުންތެރި އެއްޗެއް ހިފައިގެންނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ