އައު ޓާމިނަލުގެ ސަލާމަތީ މިންގަނޑުތައް ވަރުގަދަވާނެ، ހުރިހާ ޚިދުމަތެއް ދޭނީ ބައިނަލްއަގުވާމީ މިންގަނޑަށް
މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރު ކުރަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލުގެ ސަލާމަތީ މިންގަނޑުތައް ވަރަށް ވަރުގަދަވާނެ ކަމަށާއި، އެ ތަނުން ހުރިހާ ޚިދުމަތެއް ވެސް ދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ. ވީއައިއޭގެ އާ ޓާމިނަލް މި އަހަރުގެ ޖުލައި 26ގައި ހުޅުވާނެކަން އެމްއޭސީއެލުން އިއުލާނުކުރީ އޭވިއޭޝަން ފޯރަމުގެ ދެވަނަ އެޑިޝަނުގައި މިދިޔަ މަހުގެ 27ގައެވެ. އައު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މިއަދު ހިއްސާކުރި ވީޑިއޯ މެސެޖެއްގައި އެމްއޭސީއެލްގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޝާހިދާ ވިދާޅުވީ އެތަނުން ދޭ ހުރިހާ ޚިދުމަތެއް ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކުން ދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން އައު ޓާމިނަލަށް ވަދެވޭނީ ސަލާމަތީ މިންގަނޑުތައް ގިރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ވީއައިއޭގެ އާ ޓާމިނަލް: އައު ޓެކްނޮލޮޖީއާއެކު ޖުލައި 26ގައި އެ ތަން ހުޅުވާނީ ބައިނަލްއަގުވާމީ މިންގަނޑުން ޚިދުމަތްދޭ ގޮތަށް -- ފޮޓޯ/ އެމްއޭސީއެލް އައު ޓާމިނަލް ހުޅުވާނީ ތަފާތު އައު ޓެކްނޮލޮޖީތަކާ އެކުގައި ކަމަށް އެމްއޭސީއެލުން އޮތީ ބުނެފައެވެ. އެތަން ހުޅުވަނީ، ތަނުގެ އެތެރެއާއި ބޭރުން ވެސް ދިވެހިވަންތަ ސިފަތައް ފެންނާނެހެން، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ހިނގާލައި، ވަގުތު ހޭދަކޮށްލެވޭނެ ޖާގައާ ވެސް އެކުގައެވެ. "... އައު ޓާމިނަލަކަށް ކުއްލިއަކަށެއް ނުވަދެވޭނެ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އެންމެ ސަލާމަތާއި ރައްކާތެރިކަމާ އެއްކޮށް އެ ތަނުގެ ޚިދުމަތް ދެވޭތޯ ބެލުން... މިއީ އަޅުގަނޑުމެން ފަޚުރުވެރިވާ، ދިވެހި ރައްޔިތުން ހިތްހަމެޖެހޭ އެއާޕޯޓެއް ކަމުގައި އަޅުގަނޑުމެން ހަދަން ބޭނުންވޭ" ޝާހިދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއާޕޯޓް ޓްރާންސްފާ ޑިޕާޓްމަންޓު (އޮރާޓު)އިން އަންނަނީ އައު ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ. އޮރާޓަކީ އެއާޕޯޓެއް، ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވޭތޯ ކަށަވަރުކުރުމެވެ. މި މަސައްކަތުގެ ތެރޭގައި އައު އިކުއިޕްމަންޓުތައް ގެންގުޅުމާއި ޚިދުމަތް ދިނުމަށް މުވައްޒަފުން އަހުލުވެރިވެފައި ހުރި މިންވަރު ބެލުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އައު ޓާމިނަލް ހުޅުވުމުގައި އެމްއޭސީއެލުން އަމަލުކުރަމުންދާ ބައިނަލްއަގުވާމީ މިންގަނޑުތައް ވެސް ހިމަނައިފައެވެ. އަދި އެ ތަން ހުޅުވުމުގައި އޮރާޓުގެ މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ތަފުސީލު ވެސް ދީފައިވެއެވެ. އޮރާޓު ސަބަބުން ލިބޭ ފައިދާތައް: އައު ޓާމިނަލް ހުޅުވުމުގެ ކުރިން އޮޅުންބޮޅުންތަކާއި "ކޭއޯސް"ތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތް ކުރުން އައު ޓާމިނަލް ހުޅުވުމުގެ ކުރިން އެ ތަނުގެ ރައްކާތެރިކަމާއި ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުން އައު ޓާމިނަލް ހުޅުވުމުގެ ކުރިން އެ ތަނުގެ ޚިދުމަތް ހޯދާ ފަރާތްތައް ކަމުގައިވާ އެއާލައިންތަކާއި ފަސިންޖަރުންގެ އިތުރުން ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުން ސްޓޭކްހޯލްޑަރުން ހިމެނޭހެން އެމްއޭސީއެލްގައި ހަ ހާހަށްވުރެ ގިނަ މުވައްޒަފުން ހިމެނެއެވެ. އެ ކުންފުނިން ބުނީ ވީއައިއޭގެ އައު ޓާމިނަލަކީ ދިވެހި ރައްޔިތުން ފަޚުރުވެރިވާ ޚިދުމަތްތަކެއް ދޭ ތަނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އައު ޓާމިނަލަކީ 72.000 އަކަ މީޓަރު ބޮޑު ޓާމިނަލެކެވެ. އެތަން ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި، ސެލްފް ސާވިސްގެ ހަ ކިއޮސްކާއި، ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ވެސް އެ ޓާމިނަލުގައި ހިމެނެއެވެ. ސައުދީގެ ބިން ލާދިން ގްރޫޕާ އައު ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީ ސަރުކާރު މެދުވެރިކޮށް އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދެވިއިރު، އެއީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއު ވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ