ދިވެހި ދަރިވަރުން ގިނަ މެލޭޝިއާގައި، ބޭރުގެ ދަރިވަރުންގެ ޓިއުޝަން ފީން ހަ ޕަސެންޓް ޓެކްސް ނަގަނީ
ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ހަ ޕަސެންޓުގެ ސާވިސް ޓެކްސްއެއް ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ. މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ބަދަލުތަކެއް ގެނެސް، އަންނަ މަހުގެ އެއް ވަނަ ދުވަހަށްވާ އަންގާރައިން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފައެވެ. އެ ބަދަލުގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެ ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ. ދިވެހީންނެކޭ އެއްގޮތަށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ދަރިވަރުންގެ މެދުގައި ވެސް، ޚާއްސަކޮށް އޭޝިއާގެ ގައުމުތަކުގެ ދަރިވަރުންގެ މެދުގައި މެލޭޝިއާ ވަނީ މަތީ ތައުލީމު ހާސިލުކުރަން ދިޔުމަށް މަގުބޫލު މަންޒިލަކަށް ވެފައެވެ. އެ ގައުމުގެ ފިނޭންސް މިނިސްޓްރީން މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ޓެކްސްއަށް ބަދަލު ގެނައުމުގެ މަގުސަދަކީ، ގައުމުގެ ރައްޔިތުންނަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޓެކްސް ނަގާ ގޮތްތައް އިތުރުކުރުމާއި ގައުމުގެ އިގުތިސާދު ކުރިއެރުވުން ކަމަށެވެ. އިނގިރޭސިވިލާތުގެ ގިނަ ޔުނިވާސިޓީތަކަކުން ވެސް މެލޭޝިއާގެ ޔުނިވާސިޓީތަކާއެކު މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުގެ ބައިނަލްއަގުވާމީ ޖަމިއްޔާ ބްރިޓިޝް ކައުންސިލްއިން ވަނީ، އެފަދަ ޓެކްސްއެއް ތައާރަފު ކުރުމުން ބޭރުގެ ދަރިވަރުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޔުނިވާސިޓީތަކުގެ އަގު ބޮޑުވެއްޖެ ނަމަ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރިވަރުން ކިޔަވަން ދާ މިންވަރު ދަށްވެދާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. މެލޭޝިއާއަކީ މެޑިސިންއާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ ދިވެހީން ތައުލީމު ހާސިލުކުރާ އަދި ގިނަ ދިވެހީން ދިގު މުއްދަތަކަށް ދިރިއުޅެން ވެސް ޚިޔާރުކުރަމުންދާ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ