މ. ހަވާއީގެ ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިން ފާރު، ޖެހިގެން ހުރި މ. ތަކަންދޫގެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ހަވާއީގެ އާއި ތަކަންދޫގެއާ ދެމެދު ރާނާފައި ހުރި ހަތް ފޫޓު އުސް، 70 ވަރަކަށް ފޫޓު ދިގު ފާރެކެވެ. ހަވާއީގެ ތަޅާލައި، އެތަނުގައި އާ އިމާރާތެއް އަޅަން ފެށީއްސުރެ އެ ފާރު ވެއްޓިދާނެ ކަމުގެ ބިރު ހީވެ، އެކަމުގެ އިންޒާރު ގޭގެ މީހުން ދިިޔައީ ދެމުންނެވެ.
ތަފްސީލް - ތަކަންދޫގޭގައި ދިރިއުޅޭ މީހަކު ބުނީ އެ ގެއާވީ ފަޅިއަށް މިއަދު ހަވީރު ފާރު ވެއްޓި، ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ގޭގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، ގޭގެ ތެރޭގައި ހުރި ބިއްލޫރި މޭޒު ފަދަ އެއްޗެހި ވެސް ތަޅައިގެން ގޮސްފައިވާ ކަމަށް ބުންޏެވެ. އެކަމަކު މީހަކަށް އަނިޔާއެއް ނުވެ އެވެ.
ނުކުންނަ ދޮރާ ދިމާއަށް ފާރު ވެއްޓިފައި އޮތުމުން، ދޮޅުގަޑިއެއްހާއިރު މިއަދު އެ ގޭތެރޭގައި މީހުން ތާށިވެފައި ތިއްބެވެ.
'ދައުރު'އާ ވާހަކަ ދެއްކި މީހާ ބުނިގޮތުގައި:
ހަވާއީގޭގެ ބާ އިމާރާތް ތަޅަމުން ދިޔައިރު ވެސް، ފާރު ވެއްޓިދާނެ ކަމުގެ ބިރު ހީވެ އެކަމުގެ އިންޒާރު ދިން
އެ ގެ ތަޅަމުން ދިޔައިރު ވެސް ފާރަށާއި ތަކަންދޫގެއަށް ވަރަށް ބޮޑަށް ގުޑުން އަރަމުން ދިޔަ
ބާ ގެ ތަޅާލައި، ކޮންކްރީޓުން ފައުންޑޭޝަން އަޅައި، އަދި ކޮންކްރީޓުން ވަށާ ފާރުތައް އެޅި އިރު ވެސް އިތުރަށް ޖެހިގެން ހުރި ގެއަށް ގުޑުން އަރަމުން ދިޔަ ކަމަށް ބުނި
"އެންމެ ފަހުން މިއަދު ބާރު އަޑެއް ކިޔާފައި އެ އޮތް އުސް ފާރު ވެއްޓުނީ މި ގޭގެ ތެރެއަށް،" އޭނާ ބުންޏެވެ.
އޭނާ ބުނީ އިމާރާތް ކުރުމުގެ ތެރޭގައި ކުރިން ވެސް އެ ފާރު ހުންނަ ފަޅި ގަނބައިގެން ދިޔަ ކަމަށާއި އެ ފަހަރު އެ ގޭގައި ދިރިއުޅޭ މީހަކަށް އަނިޔާވި ކަމަށެވެ.
ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. ގެއަށް ލިބިފައިވާ ގެއްލުން އެނގޭނީ، މައްސަލަ ބަލާ ނިމުމުން ކަމަށް އެ ގޭގައި އުޅޭ މީހާ ބުންޏެވެ.
ހަދަމުން ދިޔަ ގެއެއްގެ ފާރު ޖެހިގެން ހުރި ގެއަށް ވެއްޓި ބޮޑެތި ގެއްލުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ