ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭންގެ ދަތުރުތައް ފަށައިދޭނަން: ރައީސް
އަންނަ އަހަރުގެ ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކުރައްވައި ސީޕްލޭންގެ ޚިދުމަތް ފައްޓަވައި ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވިހަފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައި ވިޔަސް، ވެލިދޫއަށް ޚާއްސަކޮށްގެން ސީޕްލޭންގެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ހައްދަވައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވީ، އެ އެއާޕޯޓަށްވުރެ ކުރިން އަންނަ ޖަނަވަރީ މަހެވެ. ރޭ، ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ވިހަފަރު ފަޅުގައި އަޅާ އެއާޕޯޓު ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ނިންމަވައިދެއްވާނެ ކަމަށެވެ. [ވިހަފަރު ފަޅުގައި] އެއާޕޯޓު އެޅެންދެކަށް ބޭނުންކުރަން އަދި އެއާޕޯޓަށް ފަހު ވެސް އެކި އެކި ބޭނުންތަކަށް ބޭނުންކުރަން މި ރަށުގައި [ވެލިދޫގައި] ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، އަންނަ ޖެނުއަރީ މަހު ސީޕްލޭން އޮޕަރޭޝަންތައް ފަށާނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ސީޕްލޭން ޕްލެޓްފޯމްގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް ސީ އެމްބިއުލާންސެއްގެ ޚިދުމަތް ވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ވެލިދޫގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ އިއްޔެ އެ ރަށުގައި އިފުތިތާހުކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ. އޭގެ ތެރޭގައި ވެލިދޫގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތާއި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތާއި، އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްސަކޮށް ހިއްކާ ސަރަހައްދުގެ މަސައްކަތް ފައްޓަވައި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުން ހިމެނެއެވެ. https://sun.mv/208977 އޭގެ އިތުރުން ރައީސް ވަނީ، ބަނދަރުގައި ހުރި ދަތިތައް ތަފުސީލުކޮށް ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު އެމަނިކުފާނަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެ ޕެޓިޝަންގައިވާ ކަންކަން، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކުރުމަށްފަހު، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވައިގެން ވެލިދޫ ބަނދަރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތްނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މަސައްކަތް ކުރިއަށް ގެންދަވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މަނިކުފާނު ގެންދަވަނީ މި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ރަށްރަށަށް ވަޑައިގެން މަޝްރޫއުތައް ނިންމަވައި، ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ