ނަޝީދަށް އިތުބާރު ނުކުރައްވާ، ފަހު ވަގުތު އަރާނީ ރައީސް ޞާލިޙްގެ ފަހަތްޕުޅަށް: ގާސިމް

ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި އެމްޑީޕީ ދެވަނަ ބުރަކަށް ގޮސްފި ނަމަ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާނީ އެމްޑީޕީއަށް ކަމަށާއި، އެމަނިކުފާނު މިހާރު ދައްކަވާ މަންޒަރަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ގއ. އަދި ގދ. ގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޚުގައި މިއަދާ ހަމައަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމްޑީޕީއާއި ޕީޕީއެމުން ވެސް ރަނގަޅު ވެރިއަކު ނުނިކުންނާނެ ކަން ދިވެހި ރައްޔިތުން މިއަދު ދަންނަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާނެއޭ ބުނާ ބީދައިން ނުރަނގަޅު މީހުންގެ ފުށުން ރަނގަޅު މީހަކު ނުކުންނާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާގައި ފުންނާބު އުސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން އެބައެއްގެ މިޒާޖު އެމަނިކުފާނު ދެނެވަޑައިނުގަންނަވާ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ. އެގޮތުން ރައީސް ނަޝީދަކީ ކޮންކަހަލަ ބޭފުޅެއް ކަން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ވޯޓު ދެބައި ކޮށް ދެވަނަ ބުރުގައި އެމްޑީޕީގެ ފަހަތަށް އެރުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވުމަށް ފަހު ރައީސް ނަޝީދު ވަނީ އެ ޕާޓީން ވަކިވެ، އައު ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އަދި އެމްޑީޕީ ރޫޅާލާނެ ކަމަށް ބުނެ ވާހަކަ ދައްކަވާފައިވާއިރު، އެމަނިކުފާނު ވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ވެސް ގޮވާލާފައެވެ.
ނަމަވެސް ގާސިމް ވިދާޅުވީ، ރައީސް ނަޝީދަކީ ނުކުރާނަމޭ ވިދާޅުވާ ކޮންމެ ކަމެއް އެއާ ޚިލާފަށް ކުރައްވާ ބޭފުޅެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެ މަންޒަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ