ދެވަނަ ބުރުގައި ވޯޓުލުމަށް ބަހައްޓާ ފޮށި އިތުރުވާނެ: އީސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބަހައްޓާފޮށި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ އިތުރުވި ވޯޓު ފޮށީގެ އަދަދާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު މާދަމާ ހެނދުނު 10:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ ބާއްވާނަން ނޫސްވެރިންގެ ބައްދަލުވުމެއް، އިތުރު މައުލޫމާތު ހާމަކުރުމަށް،" އޭނާ ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ވޯޓުލުމަށް ބަހައްޓާ ފޮށީގެ އަދަދު އިތުރުވެފައި ވަނީ މި ބުރުގައި ވޯޓުލުމަށް ގިނަބަޔަކު ރީ-ރަޖިސްޓްރީ ކޮށްފައިވާތީއެވެ. ހަބީބު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރީ-ރަޖިސްޓްރޭޝަނަށް 50،000 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ސައްހަވީ 38،763 ފޯމު ކަމަށެވެ.
"ސައްހަކަން ކަށަވަރު ނުވީ، އޮންލައިން 5109، ފޯމުން 6175، ޖުމްލަ 11284. އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން. ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގާޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރުކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެވުނު" ހަބީބު ވިދާޅުވެފައިވެއެވެ.
އީސީން އިއްޔެ ވަނީ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަހައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފުސީލު ގެޒެޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ