ރައްޓެހިންނަށް ދޭން ވެގެން ސުޕްރީމް ކޯޓު އަނބުގަހުން ވަގަށް އަނބު ބިންނަށް އުޅުނު މީހަކު ބަންދަށް

ސުޕްރީމް ކޯޓުގެ ގޯތި ތެރޭގައި ހައްދާފައި ހުރި އަނބު ގަހުން ވަގަށް އަނބު ބިންނަން އުޅުނު މީހަކު ހުއްޓުވައި އޭނާ ބަންދުކޮށްފި އެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން އެ މައްސަލާގައި ވައްކަންކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުއްޓަށް އުފަން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަކީ ހައްޔަރު ބަންދު ރެކޯޑުގައި ވައްކަމާއި މަސްތުވާތަކެތީގެ ރެކޯޑް ހިމެނޭ މީހެއް ކަމަށް އަމުރުގައިވެ އެވެ.
ޝަރީއަތުގައި ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ތެރެއަށް އޭނާ ނުވަންނަ ކަމަށާއި އަނބު ބިންނަން އުޅުނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތުމުން ރަހުމަތްތެރިންނަށް ދޭން ވެގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓު ގަހުން އަނބު ބިނުމަކީ މަނާ ކަމެއް ކަމަށް އޭނާއަށް ނޭނގޭ ކަމަށްވެސް ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ