ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ ކުރީގެ ރައީސް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބައްދަލުކުރައްވައިފިއެވެ.
އަލީ ވަހީދު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، އޭނާއާ ދެކޮޅަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލަތަކުގެ ތަހުގީގު ތެރެއިން އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. އޭގެ ދެ އަހަރު ފަހުން އަލީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއިރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ޖަލު ހުކުމް ވެސް އެ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލުކުރީ އަލީ ވަހީދު މައާފަށް އެދިވަޑައިގެންނެވުމުންނެވެ.
ގާސިމް، އަލީ ވަހީދުއާ ބައްދަލުކުރައްވައިފައިވަނީ މިއަދު ސަމާ އައިލެންޑް ރިސޯޓުގައެވެ. ޖުމްހޫރީ ޕާޓީން އާންމުކުރި ވީޑިއޯއެއްގައި ގާސިމް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައް ވިދާޅުވެދެއްވައިފައެވެ.
ގާސިމް ވިދާޅުވީ ކޮވިޑް-19 ގެ އެންމެ ދަތި ދުވަސްވަރު އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ އަލީ ވަހީދުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި "ނުކިއްސަރު ރިޕޯޓެއްް ލިބިގެން" އަލީ ވަހީދު އިނގިރޭސިވިލާތުގެ ޖަލަށްލި ކަމަށާއި ނަމަވެސް އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫންކަން އެނގިގެން އޭނާ ޖަލުން މިނިވަންކޮށް މައާފަށް އެދުނު ކަމަށެވެ.
"މިއަދު އެ ހުންނެވީ އިރާދަކުރެއްވިޔާ ދިވެހި ސަރުކާރުގެ ފަރާތުން އެ ކަންތައް ޕީޖީގެ ފަރާތުން ވެސް މައްސައެއް ނެތް ކަމަށް ވިދާޅުވެ ހުރިހާ ކަމެއް ނިމިފަ،" ގާސިމް ވިދާޅުވިއެވެ.
އަލީ ވަހީދަށް ހިތްވަރުދެއްވައި ގާސިމް ވިދާޅުވީ، ޅަ އުމުރުގައި އެފަދަ އެތަކެއް ކަމެއް ދިމާވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިމާވާނެ ކަމަށެވެ. ދިމާވާ ނާއުންމީދުތަކުން މުޅި ހަޔާތް ބަރުބާދުކޮށްލައި މާޔޫސްވެގެން ނުވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ވިސްނުންތެރި ހީވާގި މީހުން ބޭނުންވާ ކަމަށާއި އަލީ ވާހިދަކީ އެފަދަ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ހަސަދަވެރިންގެ ފަރާތުން އެތިފަހަރު އަންނާނެ. އެކަހަލަ އެތިފަހަރެއްގައި މި ދޭތެރެއިން ތާށިވެފައި ހުންނަވާފައި އަނެއްކާވެސް އެކަމުން ސަލާމަތްވެވެޑައިގެން ހުންނެވީ،" ގާސިމް ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑު މަދަދުގާރަކީ ގާސިމް ކަމަށާއި 2009 ވަނަ އަހަރު އޭނާ މަޖިލީހަށް އިންތިހާބު ކޮށްދެއްވުމުގައި އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތީ ވެސް ގާސިމް އެހީއާއެކު ކަމަށެވެ.
ސިޔާސީ ފިކުރު ތަފާތުކޮށް، ވާދަވެރިންގެ ގޮތުގައި ތިބި އިރުވެސް ގާސިމަކީ ރަހުމަތްތެރިއެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ޖަރުމަނުގައި، ގާސިމްއާއެކު އެއް އެޕާޓްމެންޓެއްގައި ވެސް އުޅުއްވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ކެބިނެޓުގައި ތިބި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ކަމަށެވެ.
ގާސިމްއާއެކު ހިޔާލުތަފާތުނުވާނެ ކަމަށާއި އަބަދުވެސް އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕޯޑިއަމަކަށް ދެން އަރައިވަޑައިގަންނަވާނީ މިމަހުގެ 20 ވަނަ ދުވަހުގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް، އަލީ ވާހިދާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ