ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހިލޭ އެހީގެ ގޮތުގައި 600 މިލިއަން ޑޮލަރު ހޯއްދަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވިއެވެ.
"އޭގެ 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން ޔަގީން ކުރެވޭ." ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިންނާއި ގުޅޭގޮތުން ކުރެވުނު ސުވާލުގައި ގާސިމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ.
އަދި ރާއްޖެއިން ބައެއް އަދި ތަނެއް ދޭނަމަ ދެވޭނީ މަޖިލީހުގެ ރުހުން އޮވެގެންކަމަށް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާއިރު އުތުރު ތިލަފަޅު އެއްބަސްވުމާއި، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ އަހާވެސް ނުލާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިތުރު އެއްވެސް ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށެވެ. އެކަމަކު، ޓެކްސްގެ ނިޒާމު ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އޭގެ އިތުރަށް ތަފާތު ރޮނގުތަކުން މިހާރު ހުރި ޓެކްސްގެ ނިޒާމް އަޅުގަނޑު ބަދަލު ކުރާނަން. އެއް އުސޫލެއްގެ ތެރެއިން ފައްތައިގެން އެކަން ކުރިއަށް ގެންދާނީ،" ގާސިމް ވިދާޅުވިއެވެ.
"މިހާރު ޓެކްސްގެ ދާއިރާގައި ހުރި ކަންކަން ހާމަނައިޒް ކުރާނެ ވާހަކަ މި ދެންނެވީ، އިމްޕޯޓް ޑިއުޓީން ކަންތައްތައް ހާމަނައިޒްކޮށްގެން އޭގެން ލިބޭ އާމްދަނީއާއި އެކީގައި އަޅުގަނޑުމެން ވެފައިވާ ވައުދުތަކާއި އެއްގޮތަށް އާމްދަނީ އިތުރު ކުރެވޭނެ މަގު އަޅުގަނޑު ފަހި ކުރާނަން، އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ވަރަށް ސާފުކޮށް".
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ