އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބަކަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިންތިހާބުކޮށްފި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ނައިބު ލީޑަރަކު ހޮވުމަށް ބޭއްވި އިންތިހާބު އަންގާރަދުވަހު ބާއްވާފައިވާއިރު މި އިންތިހާބުގައި ވާދަކުރައްވާފައިވަނީ މެންބަރު އިބްރާހިމް ޝަރީފްއާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދެވެ.
އިންތިހާބުގައި ވޯޓުލީ 50 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓު ޝަރީފް ހޯއްދެވިއިރު ނިހާދަށް ލިބުނީ 23 ވޯޓެވެ.
އެ ޕާޓީގެ ލީޑަރޝިޕަށް ބަދަލުތަކެއް އައިސްފައިވަނީ ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އަސްލަމް ހުންނެވި ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމަށް އޭރު ޕީޖީ ގްރޫޕްގެ ނައިބު ލީޑަރަކަށް ހުންނެވި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ކުރިން އައްޔަނުކޮށްފައިވެއެވެ. ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގައި ދެ ނައިބު ލީޑަރުން ތިއްބަވާއިރު މެމްބަރު ޝަރީފްގެ އިތުރުން ދެން ހުންނަވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން ޕާޓީ ދެބައިވެފައިވާއިރު އައު ސަރުކާރު ވެރިކަމާ ހަވާލުވީންސުރެވެސް އިދިކޮޅުޕާޓީއެއްގެ ގޮތުގައި އަދިވެސް އެމްޑީޕީއަކަށް އެންމެ ފުރިހަމަގޮތުގައި ހަރަކާތްތެރިވެފައެއް ނުވެއެވެ.
އެހެންނަމަވެސް އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ވާދަކޮށް ވީހާވެސް ގިނަ ގޮޑި ކާމިޔާބުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ