ދެމަފިރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގަ ކަމަށްވިޔަސް ﷲ ތަޢާލާގެ އިންތަކުގަ ހިފަހައްޓާނަމަ އުފާވެރިކަން އިތުރުކޮށް ދެއްވަވާނެކަން ޤުރްއާނުން-

މީސްތަކުންނޭވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަން އޮތީ ވަކިކަމެއްގައެއް ނޫނެވެ. އަހަރެމެންނަށް އޮތީ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސްމެއެވެ. އަޅުކަންކުރުމުގައިވެސް ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރެވޭނީ އެހެނިހެންކަންކަމުގައިވެސް ޢަމަލުކުރެވޭ މީހުންނަށެވެ. ވީމާ އެއްވެސްކަމެއް ކުރުމުގައި ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށްލައިގެން ނުވާނެއެވެ. އޮތީ ކިޔަމަންތެރިވެ ޢަމަލުކުރުމެވެ. 
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރަންޖެހޭނީ ހަމައެކަނި އަޅުކަންކުރުމުގައިކަމަށެވެ. އެހެންވެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި ﷲ ތަޢާލާގެ އިންތައް ދޫކޮށްލެވެއެވެ. މިޘާލަކަށް ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމާއި ކައިވެނި ރޫޅައިލުން ފަދަ ކަންކަމުގައި ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރުމާއި ގިން ބައަކު ދުރުހެލިވެއެވެ. 
އަދިވެސް ބުނަން ހެއްޔެވެ؟ ދެމަފިރިން އެކުގައި ތިބުމަކީ ވީޑިއޯއިންވިޔަސް ފޮޓޯއަކުން ވިޔަސް އަދި އެހެން ގޮތަކުންވެސް އެހެން މީހުންގެ ބަރަހަނާ ބެލުން ހުއްދަވާ ކަމެއް ނޫނެވެ. އެއިރުން ރަތްރޮނގު ހުރަސްކުރެވޭނެއެވެ. އިންތައް ފަހަނައަޅައި ދެވުނީއެވެ. ނަމަވެސް މިކަންވެސް ގިނަ ބައަކަށް މިހާރު އޮންނަނީ އޮޅިފައެވެ.  
ﷲ ތަޢާލާ ވަޙީބަސްފުޅު އަޑުއަހާށެވެ! 
﴿وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرِ الْمُؤْمِنِينَ﴾ [التوبة: 112] 
މާނައީ: "އަދި (މުއުމިނުންނަކީ) ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!" 
ﷲ ތަޢާލާ ކަނދައަޅުއްވަވާފައިވާ އިންތަކުގައި ހިފަހައްޓަންޖެހެނީ މިހެންވެގެންނެވެ. އެ އިންތައް ބޮލާލައި އަމިއްލައަށް އިންތައް ކަނޑައެޅުމަށްފަހު ތިމާއަކީ މުއްމިނެއްކަމަށް ބުނާ މީހުންނާއިމެދު ސުވާލު އުފެދެނީ ކަމުގެ ޙަޤީޤަތް މިގޮތަށް ފެންނަން އޮތުމުންނެވެ. 
ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެއްވެސް ކަމަކަށް ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅު، އެހެން ގޮތަކަށް ބަދަލުކުރުމަކީ ﷲ ތަޢާލާގެ އިންތަކުން ބޭރުވުމެވެ. މާނައަކީ ކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި އަމިއްލަ ގޮތްތަކަށް ކަންކަން ކުރުމަކީ ﷲ ތަޢާލާގެ އިންތަކުން ބޭރުވުމެވެ. އެއީ ޝަރީއަތުގައިކުރާ ޙޫކުމެއް ނަމަވެސް އަދި އެހެންކަމެއްގައި އަމަލުކުރާ ގޮތް ނަމަވެސްމެއެވެ! 
އެންމެހައި މީސްތަކުންނީ ﷲ ތަޢާލާގެ އަޅުންނެވެ. އަޅުތަކުންގެ މިލްކުވެރި ﷲ ތަޢާލާ އިންތަކެއް ކަނޑައަޅުއްވަވައި އެއަށް ޢަމަލުކުރަން އެންގެވުމުން ނުކުރުމުގެ ޙައްޤު ލިބިގެންވާނީ ކޮން އަޅަކަށް ހެއްޔެވެ؟ އެއީ ކިހިނަކުން ކޮންގޮތަކުން ލިބިގަނެވޭނެ ޙައްޤެއް ހެއްޔެވެ؟ 
"އަދި (މުއުމިނުންނަކީ) ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!" އޮތުމުން އެނގިގެންދަނީ އުފާވެރިކަމުގެ ޚަބަރު ޙައްޤުވަނީ ﷲ ތަޢާލާ ބާވައިލެއްވެވި އިންތަކުގައި ހިފަހައްތާ މީހުންނަށް ކަމެވެ. ނޫންނަމަ އޮތީ ހިތާމަވެރި، ބިރުވެރި ޚަބަރުކަމެވެ. 
ދުނިޔޭގެ އުފާ ޙާޞިލުކުރަން ކުރާ ކަންކަމުގައިވެސް އަދި އަޢުރަ ނިވާކުރުމުގައިވެސް ﷲ ތަޢާލާގެ އިންތަކަށް ޢަމަލުކުރަން ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މިސަބަބަށްޓަކައެވެ.
 
- އިސްލާމީ ތިލަފތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ