"މީހުން ގަޔަށް ބަޑިޖަހައިގެން، އަދުނާނު، ދެން ވެސް އަހަންނެއް ނުހުންނާނަން ތިޔަކަމަކު."
ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވަނީ އެގޮތަށެވެ.
ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ފެބްރުއަރީ 7، 2012، ގައި އެމަނިކުފާނު އިސްތިއުފާ ނުދެއްވި ނަމަ ބޮޑު ނާމާންކަމެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓުނީހެވެ. ވެރިކަމުން ދުރުނުވި ނަމަ، އާންމުންގެ ބަޔަކު ބަޑީގެ ހަމަލާތަކެއްގައި މަރުވީސް، ނުވަތަ ޒަހަމުވީހެވެ.
އެމަނިކުފާނު ވެސް އެ ދުވަހު ހުންނެވީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ނަޝީދު ވިދާޅުވެ އެވެ. ނަޝީދުގެ އިތުރުން، މުލީއާގޭގައި ދިރިއުޅުއްވަމުންދިޔަ އެމަނިކުފާނުގެ އެއިރުގެ އަނބިކަނބަލުން ލައިލާ އަހުމަދު އަދި އާއިލާއަށް ވެސް އެ ދުވަހު އަމާންކަމެއް އިހުސާސެއް ނުވި އެވެ.
މި ލިޔުމުގައި މި ހިޔާލުކޮށްލަނީ، ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ޖުމްހޫރީ މައިދާނާއި މާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ހައިސިއްޔަތުން ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކާއި އެ ދުވަހުގެ ބައެއް ވީޑިއޯތައް މިހާރު ބަލައިލުމުން، އެމަނިކުފާނު އިސްތިއުފާ ނުދެއްވި ނަމަ ގައުމު ވެއްޓޭނެ ހާލަތަށެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާ، ސިފައިންގެ މައި މަރުކަޒުގައި ހުންނަވާ ކުރައްވަމުން ގެންދެވި ސީދާ އަމުރަށް ތަބާވާން ސިފައިން ދެކޮޅު ހެދި އެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ނަޝީދު އަމުރު ކުރައްވަމުން ގެންދެވީ ހަމަ ސީދާ ސައްހަ، ގާނޫނީ އަމުރުތަކެކެވެ. އަމުރު ކުރައްވަމުން ގެންދެވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ވެރިންނަށް ނުކިޔަމަންތެރިވެ ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ސަލާމަތީ ބާރުތަކުގެ މީހުން ހައްޔަރު ކުރުމަށެވެ.
ނަޝީދު އަމުރު ކުރައްވަމުން ގެންދެވީ ސިފައިން، އެމީހުންގެ ޒިންމާ އަދާ ކުރުމަށެވެ. ގާނޫނު ތަންފީޒު ކުރުމަށެވެ. ވަރަށް ބޮޑު ގާނޫނީ މަނާ ކަމެއް ކުރަމުންދިޔަ ބަޔަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. ނަޝީދު ގޮވައިލައްވަމުން ގެންދެވީ ޔުނީފޯމު އަޅައިގެން ތިބި ސިފައިންގެ ހައިސިއްޔަތުން ގައުމު އަމާން ކުރުމަށެވެ.
"ކަލޭމެން ނުކުންނަންވީއޭ... ޝީލްޑު އަޅައިގެން ނުކުންނާށޭ،" ނަޝީދު އަމުރު ކުރައްވަމުން ގެންދެވި އެވެ.
އެ ދުވަހު ދިވެހި ސިފައިން އެމީހުންގެ ވެރިޔާގެ ސީދާ އަމުރަށް ނުކިމަންތެރިކަން ދައްކައި، މިލިޓަރީ ހުރިހާ އެތިކްސްއެއް އެއްލާލައި، ހެދީ މިއުޓިނީއެކެވެ. ނަޝީދުގެ އަމުރަށް ތަބާވާން ހަމަހިލާ ދެކޮޅު ހެދި އެވެ.
ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ނަޝީދުގެ އަމުރަށް އެއްބަޔަކު ނުކިޔަމަންތެރިވަމުން އައިއިރު، ސިފައިން އަނެއް މަރުކަޒު ކަޅުތުއްކަލާ ކޮށިން، ކޮށްފައި އޮތް އަމުރާ ހިލާފަށް، ނުކުމެގެން ޖުމްހޫރީ މައިދާނަށް ދިޔަ އެވެ.
ސިފައިންނާއި ފުލުހުންގެ ވަރަށް ގިނަ ބަޔަކު އެ ދުވަހު ހަރަކާތްތެރިވަމުން ދިޔައީ އާންމުންގެ ބަޔަކާއެކީ އެވެ. ސިފައިންގެ މައި މަރުކަޒަށް ދިން ހަމަލާތަކުގައި ފުލުހުންނާއި ސިފައިން ވެސް ބައިވެރިވި އެވެ. އަދި ނަޝީދުގެ އަމުރަށް ތަބާވެ ޝީލްޑު ހިފައިގެން ނުކުތް މަދު ސިފައިންނާ ދެކޮޅަށް ފުލުހުން ނުކުމެ، ކުރިމަތިލައި ހެދި އެވެ.
އެ މަންޒަރު ބަލަން ތިބި މީހުންނަށް ފެނުނީ ސަލާމަތީ ބާރުތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދެމުންދިޔަ މަންޒަރެވެ. އެ ދުވަހު ގައުމު އޮތް ހާލަތަކީ އެއީ އެވެ. ގާނޫނު ނަގަހައްޓާނެ ބަޔަކު ނެތެވެ. އަމަން ގާއިމް ކުރަން ހުވައިކޮށްގެން ތިބި ސިފައިންނާއި ފުލުހުން ތިބީ މިއުޓިނީ ހަދައިގެންނެވެ.
ފެބްރުއަރީ 7، ގައި ސަރުކާރާ ދެކޮޅަށް ނުކުތް ސިފައިންނާއި ފުލުހުންނަށް އޯޑަރު ދެމުން ދިޔައީ ދެ މަދަނީ ބޭފުޅުންނެވެ. އެއީ ކުރީގެ ސިފައިންގެ ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ފުލުސް އޮފިސަރު އަބްދުﷲ ރިޔާޒް އެވެ.
އެ ދެ ބޭފުޅުން ގެންދިޔައީ ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަމުން ސަރުކާރަށް ޑިމާންޑުތަކެއް އިއްވަމުންނެވެ. ފުރަތަމަ އިއްވި ޑިމާންޑުތަކުގެ ތެރޭގައި ނަޝީދު އިސްތިއުފާއެއް ނުހިމެނެ އެވެ. އެކަމަކު، އިސާހިތަކު، އެމީހުންގެ ޑިމާންޑަކީ ނަޝީދު އިސްތިއުފާ ދެއްވުންކަން ނާޒިމް އިއުލާނު ކުރެއްވި އެވެ.
ނަޝީދު އެވަގުތު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ ތެރޭގަ އެވެ. އެމަނިކުފާނުގެ އަމުރަށް ނުކިޔަމަންތެރިވަމުންދިޔަ ސިފައިންގެ މެދުގަ އެވެ. އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެސްކޯޓު ކުރީ ނުކިޔަމަންތެރިކަން ދެއްކި ސިފައިންނެވެ.
ނަޝީދު އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މީޑިއާގެ ކުރިމަތީ، ޓީވީތަކުން ވަގުތުން ބްރޯޑްކާސްޓް ކުރަމުންދިޔައިރު މެންދުރު 12:59 ހާއިރެވެ.
"ރާއްޖޭގެ ލޮބުވެރި ރައްޔިތުން، އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ އަޅުގަނޑު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް އިރެއްގައި ބާރުގެ ބޭނުން ކޮށްގެން ވެރިކަން ކުރުމަށް އެދޭ މީހެއް ނޫން، އަޅުގަނޑު ދުށް ގޮތުގައި އަޅުގަނޑަށް ފެނުނު ގޮތުގައި ސަރުކާރު ދަމަހައްޓާންވެއްޖެ ނަމަ ނުހަނު ބޮޑަށް ބާރުގެ ބޭނުން ކުރަންޖެހި އެތައް ރައްޔިތުންނަކަށް ގެއްލުންވާނެ ކަމަށް އަޅުގަނޑަށް ހިތުގެ އަޑިން ގަބޫލު ކުރެވޭތީވެ އަޅުގަނޑު މި ނިންމުން ނިންމީ."
"ހަމަ އެއާ އެކުގައި އަޅުގަނޑަށް ފެނުނު ގޮތުގައި ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކޮށްފި ނަމަ ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަމީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވާތީވެ މި ގައުމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަޅުގަނޑު އަބަދުވެސް އެދޭތީވެ އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުހަނު އެދޭތީވެ އަޅުގަނޑު މިއަދު މި ނިންމީ ވަރަށް ހެޔޮ ހިތުން އިހުތިރާމާއެކު ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަގުލަބިއްޔަތު ހަނދާންކޮށް އެ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް."
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނުހަނު ޝުކުރު ދަންނަވަން، އެ ރައްޔިތުން އަޅުގަނޑާ އެކުގައި މިދިޔަ ތިން އަހަރު ދުވަހު ނުހަނު ބުރަ މަސައްކަތް ކުރައްވައިފި އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު ދެކޭ ގޮތުގައި އެ މަސައްކަތްތަކުން މި ރާއްޖޭގެ ރައްޔިތުންނަށާއި މި ރާއްޖެއަށް ނުހަނު ފައިދާ އަދި މަންފާ ވެސް ކޮށްފި."
ނަޝީދު އިސްތިއުފާ ދެއްވި ސިޓީގައި އެމަނިކުފާނު ލިޔުއްވީ؛
"ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުން އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުނުދެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަކަމުން، އަޅުގަނޑު ރައީއުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދީފިން،" ސިޓީގައި ނަޝީދު ލިޔުއްވި އެވެ.
ނަޝީދުގެ އިސްތިއުފާގެ ސިޓީ އަތުން ހިފައިގެން، ސިޓީ އުރައަކަށް ވެސް ނުލައި، ރައްޔިތުންގެ މަޖިލީހަށް ގެންދިޔައީ އަބްދުﷲ ރިޔާޒެވެ. ކައިރީގައި މުހައްމަދު ނާޒިމް ހުންނެވި އެވެ. އަދި ސިފައިންގެ ޔުނީފޯމެއްގައި ކާނަލް އަހުމަދު ފަޔާޒް އަލީ ވެސް ހުންނެވި އެވެ.
އިސްތިއުފާ ދެއްވުމުން ދެ ވަނަ ސިފައިންގެ އެސްކޯޓެއްގައި ކާރަކަށް ވެސް ނުލައި، ނަޝީދު ގެންދިޔައީ މުލީއާގެއަށެވެ. ރައީސްގެ ގަނޑުވަރަށް ނަޝީދު ވެއްދިއިރު، އެ ސަރަހައްދަށް އެއްވެ ތިބި އާންމުން ގޮވަމުންދިޔައީ ނަޝީދު އެމީހުންނާ ހަވާލު ކުރުމަށެވެ. ހަދާނެ އެއްޗެއް ހަދަން އެމީހުންނަށް ދިނުމަށެވެ.
ފެބްރުއަރީ 7، ގެ ބިރުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދުގެ އެއިރުގެ އަނބިކަނބަލުން ލައިލާ އަލީ ފަހުން ވިދާޅުވީ، މުލީއާގޭގައި އާއިލާއަށް ރައްކާތެރި މާހައުލެއް ނެތްކަން އިހުސާސުވީ ގާޑުން އެމީހުންގެ ޒިންމާ އަދާ ކުރުމުގައި ފަރުވާކުޑަ ކުރުމުން ކަމަށެވެ.
"އަންނިއާ ދެ ފަހަރަކު ފޯނުން ވާހަކަ ދެކެވުނު. ގޭ އެންމެން ވެސް މަންމަމެން ވެސް ގުޅާފަ އެބަ ބުނޭ ދާށޭ، ދާށޭ ރައްކާތެރިއެއް ނޫނޭ. ވަރަށް ގޯހޭ. ދެން އަޅުގަނޑު ބަލާލާ ކޮންމެ ފަހަރަކު ގާޑު ކުރަން ތިބޭ ސިފައިންނާ އެންމެން ތިބޭ. ދެން އެހެންވެ އަޅައެއް ނުލަން. އެހެން ހުއްޓާ އެދުވަހު 8:30 ހާ އިރު ފެނުނީ އެމީހުން އިށީން ތަން. އެއްޗެހި ބަހައްޓާފައި. ސިނގިރޭޓު ބޯން ވެސް އެކަކު އިން. ދެން އެހިސާބުން ހިތަށް އަރައިފި ދާންވީއޭ،" ވެރިކަން ވެއްޓުނު ދުވަހުގެ ތަޖުރިބާ ނޫހަކާ ހިއްސާ ކުރައްވަމުން ލައިލާ ވިދާޅުވެފައިވެ އެވެ.
އެ ދުވަހު ފެނުނު މަންޒަރުތަކުން، ނަޝީދު އިސްތިއުފާ ނުދެއްވި ނަމަވެސް ވެރިކަމުން ދުރުކުރާނެކަން އޮތީ ޔަގީންވެފަ އެވެ. އެ ދުވަހުގެ ދެކޮޅުވެރިކަން ލީޑު ކުރަމުންދިޔަ ސިޔާސީ އަދި މިލިޓަރީ ބޭފުޅުން ތިބީ ނަޝީދު ވެރިކަމުން ނުބާލައި ދުވަސް ނިންމާލާ ގޮތަކަށް ނޫނެވެ.
ނަޝީދު އިސްތިއުފާ ދެއްވުމުން އިދިކޮޅު ސިޔާސީ ލީޑަރުން ފުލުހުންގެ މައި މަރުކަޒަށް އެއްވެ، ސަލާންގަލާންކޮށް ހެދި އެވެ. އެވަގުތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އަސްކަރީ ވެރިކަމަށް ނުގޮސް ނަޝީދު އިސްތިއުފާ ދެއްވިކަން އެއީ ނަސީބެއް ކަމަށެވެ.
"މި އަނިޔާވެރި ވެރިކަމުން ސަލާމަތްވިކަން ... މިލިޓަރީ ޓޭކްއޯވާއެއް ނުކޮށް މިކަން ނިމުނުކަން .. އިސްތިއުފާދިންކަން [ހާދަ ރަނގަޅޭ]،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އެ ދުވަހު ވިދާޅުވި ވާހަކައާމެދު ވިސްނާލާއިރު، ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ކަންތައް ވާނެ ގޮތް ކޮންމެވެސް ވަރަކަށް ސާފެވެ. އެއްގޮތަކީ ވެރިކަމުން އިސްތިއުފާ ނުދެއްވަނީސް ނަޝީދު ޖަލަށްލުމެވެ. އެއިރުން އެމަނިކުފާނަށް ވަފާތެރި ސިފައިން އަދި ފުލުހުން ވެސް މައިތިރި ކުރަންޖެހޭނެ އެވެ. އެމީހުން ވެސް ލާންޖެހޭނީ ޖަލަށެވެ.
ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ނަޝީދުގެ އާއިލާއަށް ވާނެ ގޮތެއް ވެސް ނޭނގެ އެވެ. އެމީހުންނަށް ހިމާޔަތް ދޭނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަޝީދުގެ އާއިލާގެ ރައްކާތެރިކަމާމެދު ވިސްނާނެ ސިފައިންގެ ވެރިއަކު ހުންނާނެ ކަމެއް ނޭނގެ އެވެ.
ނަޝީދު ޖަލަށްލި ނަމަ، ރާއްޖޭގައި އެވަގުތު ބާރު ހިނގާ ވެރިއަކު ނުހުންނާނެ އެވެ. ސިފައިންނަށް އަމުރު ކުރާނީ އަދި ދައުލަތް ހިންގާނީ ކާކުކަން ސާފެއް ނުވާނެ އެވެ. އެފަދަ ހާލަތެއްގައި، ދައުލަތް އޮންނާނީ ނުކުޅެދިފަ އެވެ. އެކަމުގެ އެޑްވާންޓޭޖެ ނަގަން ބޭނުންވި މީހަކަށް އެ ފުރުސަތު އޮންނާނެ އެވެ.
ނަޝީދު ޖަލަށްލި ނަމަ އެމަނިކުފާނަށް ވަފާތެރި އާންމުންގެ ބަޔަކު މަގުތަކަށް ނުކުންނާނެކަން ޔަގީނެވެ. އެމީހުން މައިތިރި ކުރަން މިއުޓިނީ ހެދި ސިފައިންނާއި ފުލުހުން ނުކުންނާނެ އެވެ. ފެބްރުއަރީ 8، ގައި ނުކުތް އާންމުންނާ ދެކޮޅަށް ފުލުހުން ހަރަކާތްތެރިވި މިންވަރަށް ވުރެ ދެ ގުނަ އަނިޔާވެރިކޮށް އެ ދުވަހު ހަރަކާތްތެރިވީސްކަން ޔަގީނެވެ.
އެފަދަ ހާލަތެއްގައި ގައުމު ގާނޫނީ ހަމަ މަގަށް އަޅަން ހަދަންޖެހޭނެ ގޮތެއް ސާފެއް ނޫނެވެ. ސުޕްރީމް ކޯޓުން ގޮތްތަކެއް ނިންމަންޖެހޭނެ އެވެ. ބަޔަކު ގައުމާ ހަވާލުވެ، ވަގުތީ ގޮތުން ހިންގަންޖެހޭނެ އެވެ. އަލުން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. އެކަމަށް ނަގާނީ ކިތައް ދުވަސްކަމެއް ވެސް ނޭނގެ އެވެ.
~ ~
ފެބްރުއަރީ 7، 2012، ގައި ހަމަނުޖެހުމެއްގެ ތެރެއިން ނަޝީދު އިސްތިއުފާ ދެއްވުމުން އޭގެ ނުރަނގަޅު އަސަރު ގައުމަށް މިއަދު ވެސް އެބަ ފެނެ އެވެ. ޑިމޮކްރަސީއަށް ކުރި އަސަރު އެބަ ފެނެ އެވެ. ވަގުތާއި ހާލަތު ދައްކައިދިން ތެދު ގަބޫލުނުކުރައްވައި ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ އަދި ކަންތައް މާ ގޯސްވީހެވެ. ނަޝީދު ވިދާޅުވި ފަދައިން، އެފަދަ ހާލަތެއްގައި އާންމުންގެ ބަޔަކު މަރުވުން އޮތީ ދުރެއްގައެއް ނޫނެވެ.
ފެބްރުއީ 7، ގެ މިއުޓިނީ: ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ގައުމަށް ޖެހުނީހީ ކޮން ހާލެއް؟ ފެބްރުއީ 7، ގެ މިއުޓިނީ: ނަޝީދު އިސްތިއުފާ ނުދެއްވި ނަމަ ގައުމަށް ޖެހުނީހީ ކޮން ހާލެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ