22 އޭޕްރީލްގެ ބަޔާ ގުޅޭ
ހަމްރާއު ބޯޖަހައިލުމުން އޭނަ ވަދެ ތަންމަތި އަޅައިދިނެވެ. ރަނާ މެދުގައި ބާއްވާފައި ދެ މީހުން އިށީނދެލީ އެނދުގެ ދެފަރާތުގަ އެވެ. ދެ މީހުންގެ ނަޒަރު ވެސް ހުރީ އެ ތުއްތު ކުއްޖާއަށެވެ. ނިދާފައި އޮތްއިރު ކިހާ މައުސޫމު ހެއްޔެވެ؟ އެއްގޮތަކަށްވެސް އެއީ އެހާ ވަރަށް ބޮޑާހޭކި ކުއްޖެއްކަން ދޭހަވާ ފަދަ އެއްވެސް ނިޝާނެއް ނެތެވެ.
"ރައިނާގެ ހަބަރެއް ނުވޭތަ؟" ހޫރައިން
އިރުކޮޅަކުން ސުވާލުކުރި އެވެ.
ހަމްރާއު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލީ
އިތުރަށް ވާހަކަދެއްކުން ހުއްޓުވުމުގެ ގޮތުންނެވެ. އޭނަ ކޮޅަށް ތެދުވެފައި އަތުގެ
އިޝާރާތުން އެދުނީ އޭނައާ އެކު އެތަނުން ދިއުމަށެވެ. ހޫރައިން ބޯޖަހާލައިފައި
ތެދުވެގެން ދިޔަ އެވެ. ހަމްރާއު އޭނަގެ އަތުގައި ހިފާލައިގެން ދެ މީހުން އެކީ ނިކުމެ
ކޮޓަރި ދޮރު ލައްޕައިލި އެވެ.
"ވަރަށް ބަނޑުހައިވެއްޖެ. ހިނގާ ފުރަތަމަ ކާން ދާން،"
ހަމްރާއު އެދުނެވެ.
ހޫރައިން ކާން ހަދަން އުޅުނުއިރު ހަމްރާއު އިނީ ފޯނު
އަތަށް ލައިގެން އެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ގިނަ ފަހަރު ދެ ބުމަ ހުންނަނީ
ކައިރިކޮށްލެވިފަ އެވެ. ހަމްރާއު ނުބުންޏަސް ރައިނާއާ ދޭތެރޭ ކަންބޮޑުވެފައިވާކަން
ހޫރައިންއަށް އިހްސާސް ކުރެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ރައިނާއަކީ
ހަމްރާއުގެ އެތައް އަހަރެއްވީ ބައިވެރިޔާ އެވެ. ހަމްރާއު އަޅާނުލިއްޔާ ރައިނާއާ
އަޅައިލާން ހުރީ ވެސް ވަކި ކާކު ހެއްޔެވެ؟ ހޫރައިން އެ ގޭގައި ހޭދަ ކުރި
ދުވަސްތަކުގެ ތަޖުރިބާއިން އެނގޭ އެއް ކަމަކީ ރައިނާ އާއި އެ އާއިލާގެ އެހެން
މީހުންނާ މާ ގުޅުން ރަނގަޅު ނޫންކަމެވެ. ތެދަށް ބުނަންޏާ އެއްވެސް މީހަކު
އަނެކަކާ ގާތް ގުޅުމެއް ނޯވެ އެވެ.
"ކާންވީނު!" ހޫރައިން މޭޒުމަތި ތައްޔާރުކޮށް
ނިމިގެން އިށީނދެފައި ހަމްރާއުގެ ސަމާލުކަން ލިބޭތޯ ބުނެލި އެވެ.
ހަމްރާއު އިސްއުފުލާލައިފައި ބަލައިލުމަށް ފަހު
ކުއްލިއަކަށް ބޯޖަހައިލި އެވެ. ދެން ފޯނު މޭޒުމަތީ ބާއްވާފައި ކާން އުޅެގެންފި
އެވެ.
ހޫރައިން އިނީ ފަރުވާވެ ބަލާށެވެ. ހަމްރާއުގެ
ހަރަކާތްތަކުން ބުނެދިނީ އޭނަ ގަޔާނުވެފައި އިނދެގެން ކެއުން ކުރިއަށް ގެންދިޔަ
ކަމެވެ.
"އަހަރެން މެސެޖުކޮށްފިން ރައިނާގެ ހުރިހާ
އެކުވެރިންނަށް. އެކަކަށް ވެސް ނޭނގެ އޭނަ ދިޔަ ތަނެއް،" ހަމްރާއު އިރުކޮޅަކުން
ވާހަކަދެއްކި އެވެ.
އަމިއްލަ ހިތުގެ އުދާސްތައް ހޫރައިންއާ ހިއްސާނުކޮށް އޭނަ
ދެން ހިއްސާކުރަން ހުރީ ވެސް ކާކު ހެއްޔެވެ؟
"އަހަންނަށް ހިއެއްނުވޭ އެނގުނަސް އެ މީހުން ބުނާނެ
ހެނެއް،" ހޫރައިން ބުނެލި އެވެ.
ވަގުތުން ހަމްރާއުއަށް ބުމަ ކައިރިކޮށްލެވުނީ އެ ބުނި
އެއްޗެއް މުޅިން ޔަގީންނުވެގެންނެވެ.
"އޭނަގެ މަގާމުގަ އަހަރެން ހުރި ނަމަވެސް
އެކުވެރިން ކައިރީ ބުނެފަ ބަހައްޓާނީ އަހަރެން ވީތަނެއް ހަމްރާއުއަށް
ނާންގަން،" ހޫރައިން އިތުރަށް އޮޅުންފިލުވައިދިނެވެ.
"އެކަމަކުވެސް ކުޑަމިނުން އޭނަ ހުރީ ހެޔޮ ހާލުގަކަން
ނޫނީ ނޫންކަން ބުނެދެވެންވާނެ ދޯ؟" ހަމްރާއު ހިތްހަމަނުޖެހުން
ފައުޅުކުރި އެވެ.
"އޭރުން އިނގޭނެއެއްނު އެ މީހުން
ދޮގުހަދަނީކަން،" ހޫރައިން ސަބަބު ބުނެދިނެވެ.
ހަމްރާއު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލި އެވެ.
އަންހެނުންގެ ސިކުނޑި މަސައްކަތް ކުރާ ގޮތެއް އޭނައަކަށް ނުވިސްނުނެވެ.
"އެހެންވިއްޔާ އެ މީހުން ކައިރީ ހަމްރާއު ކީކޭ ބުނީ؟
ރަނާގެ ވާހަކަ އެއްވެސް ވަރަކަށް މެންޝަންކުރިންތަ؟ އޭނަ ބޮޑާހާކާ ވާހަކަ ނޫނީ މަންމަ
ހޯދާ ވާހަކަ ވިއަސް،" ހޫރައިން ވިސްނަ ވިސްނާފައި އިތުރަށް އެ ވާހަކަ ކުރިއަށް
ގެންދިޔައީ އިރުކޮޅަކު ދެ މީހުން ހިމޭންކަމާއެކު ކާން ތިބެފަ އެވެ.
ހަމްރާއުގެ ޖަވާބު އައީ ހަމައެކަނި ބޯ ހޫރައިލުމަކުންނެވެ.
"ބުނަންވާނެއެއްނު. އެއިރުން ދޯ ރައިނާއަށް
ކެތްނުވެގެން އަންނާނީ ވެސް. އަހަރުމެންނަށް ލަނޑުދޭން ބޭނުންވިއަސް ގައިމުވެސް
މަންމައެއްނު އެއީ،" ހޫރައިން ޖޯޝުގައި ބުނެލި އެވެ.
ހަމްރާއު ގާތަށް އެ ވަގުތު ހިނިއަ އެވެ.
ހޫރައިން ބަލާލައިފައި މޫނަށް ވައްތަރެއް ޖައްސައިލި އެވެ.
ހަމްރާއު ކުއްލިއަކަށް މި ހޭން ފެށީ ކީއްވެ ހެއްޔެވެ؟
"އަހަންނަށް އެނގޭނެއެއްނު ރައިނާގެ ގޮތް. އޭނަ
ދުވަހަކުވެސް އަހަރުމެން ކުރާ ޗެލެންޖަކުން ބަލިނުކުރެވޭނެ. އިޓްސް އޯލްވޭސް
މީ." ހަމްރާއު މާޒީ ހަނދާންކޮށްލާފައި ހިނިތުންވެލި ނަމަވެސް ދާދި އަވަހަށް
އެ ހިނިތުންވުން ފިލި އެވެ.
"ޔޫ ރިއަލީ ލަވް ހާ. ޑޯންޓް ޔޫ؟" ހޫރައިންގެ
ތުންފަތުގައި ވި ހިނިތުންވުމަކާ އެކު އެހި އެވެ.
ހަމްރާއު އެ ވަގުތު ބަލައިލީ ތަފާތު ގޮތަކަށެވެ. އެ ސުވާލަށް
ޖަވާބު ދޭންވީ ކަމެއް ނޫނީ ހޫރައިން އަހަން ބޭނުންވަނީ ކޮން ޖަވާބެއްކަމެއް
ނުނިންމުނެވެ.
"ޑޯންޓް ގިވް މީ ދެޓް ލުކް. ހަމްރާއުއަށް ފަހަރެއްގަ
ނޭނގިދާނެ. އެކަމަކު އަހަންނަށް ހަމްރާއު އެންމެ ކަމުދިޔައީ ރައިނާ އާއި ރައިނާގެ
ދަރިފުޅާ ދޭތެރޭ ކަންތައް ކުރާލެއް ލޯބިކަމުން،" ހޫރައިން ޔަގީންކޮށްދޭން
މަސައްކަތްކުރި އެވެ.
ހަމްރާއު ރައްދު ދޭން އުޅެފައި ހުއްޓައިލީ ފޯނަށް މެސެޖެއް
އައިސްގެން ވައިބްރޭޓް ވީމަ އެވެ.
އޭނަ މެސެޖު ކިޔާލައިފައި ނިކަން އަވަހަށް ތެދުވެގެން ގޮސް
ސިންކު ކައިރިއަށް ހުއްޓިފައި އަތް ދޮވެލި އެވެ. ހޫރައިން ކިހިނެއްވީހޭ ކިޔަނިކޮށް
އަތުގެ އިޝާރާތުން މަޑުކުރާށޭ ބުނެފައި ފޯނު ކަންފަތުގައި ޖަހައިގެން އެތަނުން
ނިކުމެއްޖެ އެވެ. ހޫރައިންއަށް އިނދެވުނީ އެ ނިކުމެގެން ދިޔަ ދޮރާ ދިމާއަށް
ބަލާށެވެ. ދެން މަޑުމަޑުން އިނދެގެން ކެއުން ކުރިއަށް ގެންދިޔަ އެވެ. ހަމްރާއު
ކިތަންމެ ކުޑަކޮށް ކެއި ނަމަވެސް ދެން އައިސް ކުރިއަށް ނުގެންދާނެކަން އިނގޭތީ
ތަށިތައް ދޮވެ ބަދިގެ ނިންމާލި އެވެ.
ހަމްރާއު ގޭގައި ނެތްކަން އެނގުމުން ވަދެ ޖައްސައިލީ ރަނާ
ކައިރީ އެނދުގަ އެވެ. ނިދިފައި އޮތް ތުއްތުކުއްޖާއާ ވީ ފަރާތަށް އަރިއަކަށް އޮވެ
އެ މޫނަށް ބަލަން އިރުކޮޅަކު އޮތެވެ. ދެން އުއްޑުންވާހެން ބަދަލުވެލާފައި ފޯނު
ނަގައި ހުޅުވައިލި އެވެ. ކައިވެނީގައި އެކުވެރިން ނެގި ފޮޓޯތައް ފޮނުވާފައި ހުއްޓާ
ފެނުމުން ފަހަރަކު ފޮޓޯއެއް ބަލަން އޮވެވުނީ ގަޔާވެފަ އެވެ.
***
"ހަލޯ،" ނިދި ޖެހިފައި އޮތް ހޫރައިންއަށް ފޯނު
ނަގައި ބުނެލެވުނެވެ.
"ނިދަނީތަ؟" ހަމްރާއު އެކޮޅުން އެހި އެވެ.
"ކިހިނެއްވީ؟ ކޮންތާކު ތި ހުރީ؟" ހޫރައިން
ކުއްލިއަކަށް ތެދުވެ އިށީނދެފައި ވަށައިގެން ހޯދައިލެވުނެވެ.
"އުނހު. ގެއަކު ނޫން. ހޮސްޕިޓަލުގަ މި އިނީ،" ހަމްރާއު
އޮޅުންފިލުވައިދިނެވެ.
"ހޮސްޕިޓަލުގަ ކީއްކުރަނީ؟ އިޒް އެވްރީތިން
އޯލްރައިޓް؟ ރައިނާ ބަލިވީތަ؟" ހޫރައިންގެ ހިތް ތެޅެން ފެށި އެވެ. އެއްފަހަރާ
އެތަކެއް ހިޔާލު އައިސް ސިކުނޑި ހާސްކުރުވި އެވެ.
"ހޫމް، ރައިނާ އެޑްމިޓްކޮށްފަ މި އޮތީ،" ހަމްރާއުގެ
އަޑުގައި ރިހުމެއްވި އެވެ.
ހޫރައިންގެ ހިތަށް ތަދުވި އެވެ. އަތް އުފުލާލައިފައި ހިތާ ދިމާއިން އަތް އުނގުޅާލެވުނީ ބޭއިހުތިޔާރުގަ އެވެ.
"ކިހިނެއްވީ ރައިނާއަށް؟" ހޫރައިން
އޮޅުންފިލުވަން ބޭނުންވި އެވެ.
ހަމަ އެ ގަޑީގައި އެނބުރިފައި ނިދިފައި އޮތް ރަނާއަށް ވެސް
ބަލައިލެވިއްޖެ އެވެ. ކަންބޮޑުވެގެން އޭނައަށް ވާހަކަދެއްކުނީ ތަންކޮޅެއް
ބާރަށްކަން އިހްސާސްވެގެން ތެދުވެގެން ދުރަށް ހިނގައިގަތެވެ. ދޮރުފޮތިގަނޑު
ދުރުކޮށްލާފައި ބޭރު ބަލައިލި އެވެ. އެކޮޅުން ހަމްރާއު ވާހަކަދައްކަން އުޅެފައި
މަޑުކޮށްލީ އޭނައާ ކޮންމެވެސް އެހެން މީހަކު ވާހަކަދައްކާތީކަން އެނގުނެވެ.
އަޑުއަހަން ހުރި ނަމަވެސް ހޫރައިންއަށް އެކޮޅުން ދެކެވުނު ވާހަކަ ސާފުވާ ގޮތެއް
ނުވިއެވެ.
"ގެއަށް ދެވުނީމަ ވާހަކަދައްކާނީ. ހޫރައިން ނިދާލާ
އިނގޭ،" ހަމްރާއު ވާހަކަ ކުރުކޮށްލީ ހޫރައިންގެ ސުވާލަށް ވެސް ޖަވާބު ދިނުމެއް
ނެތި އެވެ.
ޖަވާބު ނުލިބުމުން އުނދަގޫވި ނަމަވެސް ހޫރައިން ދެވަނަ
ފަހަރަކަށް ނާހަ އެވެ. ހަމްރާއު އެދޭ ގޮތަށް ކަންތައް ކުރުމުގެ ނިޔަތުގައި އޭނަ
އެކަމަށް އެއްބަސްވެ ފޯނު ބާއްވައިފި އެވެ. އެކަމަކު ނިދިވަނީ އޭރު ލޮލާ މާދުރަށް ގޮސްފަ އެވެ. ގަޑި ބަލާލައިފައި އަދިވެސް އެއް ފަހަރު ރަނާއަށް ނަޒަރެއް
ދިނުމަށް ފަހު އޭނަ ނިކުތީ ބަދިގެއަށެވެ. މީރު ކޮފީއެއް ގިރާލައިގެން ދެން އޭނަ
އެތެރެއަށް ވަނީ ފޮތެއް ކިޔާލަން ނިންމައިގެންނެވެ.
ހަމްރާއު އެ ރޭ ގެއަށް އައީ ހޫރައިން ފަތިސް ނަމާދުކޮށްގެން
ސިޓިންރޫމް ސޯފާގައި ޒިކުރުކިޔަން އިންދަ އެވެ. ގޭގެ ދޮރު ހުޅުވިފައި ހަމްރާއު
ވަދެގެން އަންނާތީ ފެނިގެން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
"ސޮރީ،" ހަމްރާއު އައިސް ކައިރީގައި
އިށީނދެލަމުން މާފަށް އެދުނެވެ.
"އެ ކިހިނެއްވީ؟" ހޫރައިން ހަމްރާއުއާ
ކުރިމަތިވާނެހެން އެނބުރިފައި އެ މޫނުގައި ދެ އަތުން ހިފަހައްޓައިލި އެވެ.
ނުހަނު ލޯބިވެތި ނަޒަރަކުން ބަލަން އިނދެވުނީ އެއީ ފެންނަ
ހުވަފެނެއް ނޫންކަން އަދިވެސް އެއް ފަހަރު އަމިއްލަ ނަފްސަށް
ޔަގީންކޮށްދިނުމުގަ އެވެ. ހަމްރާއުއަކީ މިހާރު އޭނަގެ ވެސް ބައިވެރިޔާ އެވެ. ކޮންމެ
ރެއަކާއި ދުވާލު އެ ހަގީގަތުން އޭނަގެ ހިތް އުފާކޮށްލަ އެވެ.
"ރަނާ ހަވާލުކޮށްފަ ގޮސް ހަބަރެއް ވެސް ބަލާނުލަމެއްނު
އަހަރެން. ހޭލައިގެން ރުއިތަ؟" ހަމްރާއު ހޫރައިންގެ ދެއަތްތިލައިގައި ހިފާ
ތިރިކޮށްލައިފައި އެ އަތުގެ އިނގިލިތައް މަހާލައި ގުޅުވާލި އެވެ.
"އެއް ފަހަރު ކުކުރި ކޮންމެވެސް ވަރަކަށް. ދެން
އަހަރެން ނާނާ ކިޔާލީމަ ނުއެއް ތެދުވޭ. އަލްހަމްދުﷲ. ނިކަން ބިރުން ހުރީ ތެދުވެ
ރޯން ފަށާފާނެތީ،" ހޫރައިން ކިޔައިދިނެވެ.
"ނުވެސް ނިދަނީތަ؟" ސިޓިންރޫމްގައި ހުރި ބޮކީގެ
ފަނޑު އަލީގައި އެ ރީތި މޫނަށް ފުންކޮށް ބަލައިލަމުން ހަމްރާއު އެހި އެވެ.
"ނިދިން. އެކަމަކު ތަންކޮޅެއް ލަހުން ނިދުނީ. ދެން
އަނެއްކޮޅުން އެލާމްވީމަ ތެދުވީ،" ހޫރައިން ކިޔައިދިނެވެ.
ހަމްރާއު މަޑުމަޑުން ބޯޖަހައިލި އެވެ. ދެން
ގުޅުވާލެވިފައިވާ ދެ މީހުންގެ އަތަށް ބަލަން ފެށީ ވާހަކަ ފަށާނެ ގޮތަކާ މެދު
ވިސްނަމުންނެވެ. ހޫރައިން ނުބުންޏަސް ރައިނާގެ ވާހަކަ އޮޅުންފިލުވަން
ބޭނުންވާނެކަން އޭނައަށް އެނގެ އެވެ. އޭނަ ވަނީ އެކަމަށް އެއްބަސް ވެސް ވެފަ އެވެ.
"ރައިނާ ބަނޑުބޮޑު،" ދުރުދުރުން ފެށުމުގެ
ބަދަލުގައި ހަމްރާއު ދިޔައީ ސީދާ މައުލޫއުއަށެވެ.
އެ ވަގުތު ހޫރައިންއަށް ކުޑަކޮށް ތެޅިގަނެވުމާއެކު ހަމްރާއުގެ
އަތުތެރެއިން ދެއަތްތިލަ ދަމައިގަނެވެން ހަރަކާތްކޮށްލެވުނެވެ. އެކަމަކު ހަމްރާއު
ކުރިއަށްވުރެ ބާރަށް އެ ދެއަތުގައި ހިފާ ހުއްޓުވި އެވެ. ހަމްރާއު އިސްއުފުލާލައި
ހޫރައިންގެ މޫނަށް ބަލައިލި އެވެ.
"އެއްފަހަރާ ދެ އުފާ އަހަންނަށް ﷲ މިންވަރު
ކުރައްވައިފި. އަހަންނަށް ހޫރައިން ހާސިލްވުމުގެ އިތުރަށް ދެވަނަ ދަރިއަކު ވެސް
ދެއްވައިފި. އަލްހަމްދުލިﷲ،" ހަމްރާއު ވާހަކަދެއްކި އެވެ.
"އަލްހަމްދުލިﷲ،" ހޫރައިން ވެސް ޖަވާބުގައި
ބުނެލި އެވެ.
އޭނަގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިކޮށްލި
އެވެ.
"ރައިނާ ފުރަންވެގެން އުޅުނީ އެކަމަކު އޭނަ
ބަލިވެގެން އެކުވެރިއެއްގެ ގޭގަ މަޑުކުރީ. ހޫރައިން ބުނިހެން އޭނަ ބުނެފަ އޮތީ އަހަންނަށް
ނާންގަން. އެކަމަކު މާބޮޑަށް ގޯސްވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނީމަ އޭނަގެ
އެކުވެރިޔާއަށް ކެތްނުވީ އަހަންނަށް ނުގުޅާ. އެތަނަށް ގޮސްގެން ވެސް ރައިނާ ހުރީ
އަހަރެން ދެކެ ހިތްހަމަނުޖެހިފަ،" ހަމްރާއު އިސްވެ ކިޔައިދިނެވެ.
ހޫރައިން އަޑުއަހަން އިނީ ހަމްރާއު ދައްކާނެ ހުރިހާ
ވާހަކައެއް ދައްކަން ފުރުސަތު ދީގެންނެވެ.
ހަމްރާއު އިތުރަށް ކިޔައިދިނީ އަލަތު ދަރިފުޅަށް ބަލިވެ
އިނދެގެން ރައިނާ އުޅުނު ހާލެވެ. ރަނާ ލިބެންދެން ގިނަ ދުވަސް ރައިނާ ހޭދަކުރީ
ހޮސްޕިޓަލުގައި ކަމުގަ އެވެ. ހަމްރާއު އެންމެ ގިނައިން ޗުއްޓީ ނެގީ ވެސް
އެ ދުވަސްވަރެވެ. މަސައްކަތު ދާ ދުވަސްތަކުގައި ވެސް ގެއަށް އައުމަށް ފަހު ހުރިހާ
ވަގުތެއް ހުސްކުރީ ރައިނާގެ ހިދުމަތުގަ އެވެ.
"ރަނާ ލިބުނުއިރު ރައިނާ އޭރު ބުނާނެ އިތުރު ދަރިއަކު
ހޯދަންޏާ އެހެން މީހަކާ އިންނާށޭ ޖެހޭނީ. އޭނައަކަށް ދެން އެކަމެއް ނުވާނެއޭ،"
ހަމްރާއު ހިނިތުންވެލި އެވެ. އެކަމަކު އެ ހިނިތުންވުން އޭނަގެ ލޮލާ ހަމައަކަށް
ނުފޯރި އެވެ.
ހަމްރާއު ނުބުންޏަސް އޭނަގެ ހިތުގެ ނުތަނަވަސްކަން
ހޫރައިންއަށް ލަފާކޮށްލެވުނެވެ.
އޭނަ އިނީ ހަމްރާއުއަށް ހިތްވަރުދޭން ކޮންމެވެސް އެއްޗެއް
ބުނަން ބޭނުންވެ އެކަމަކު އޭނަ ވާހަކަދައްކަން ފަށައިފި ނަމަ ހަމްރާއު ދައްކަން
ބޭނުންވެފައިވާ ވާހަކަތަކަށް ހުއްޓުމެއް އަތުވެދާނެތީ ނުކެރިފަ އެވެ.
"ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަންނޭނގެ. ޝީ
ވިލް ނީޑް މީ. އެކަމަކު ވެސް އޭނަ ބޭނުމެއްނުވާނެ އަހަރެންގެ އެހީއެއް. ޝީޒް ޓޫ ބިޓާ
އާފްޓާ އެވްރީތިން. އަދި މިހާރު އެއިން ހާލަތުންވެސް،" ހަމްރާއު ވާހަކަ
ކުރިއަށް ގެންދިޔަ އެވެ.
ހޫރައިން ގާތްވެލާފައި ހަމްރާއުގެ މޭގައި މޫނު ފޮރުވައިލި އެވެ.
އެ ދެއަތުން ހަމްރާއުގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިދޭން ފެށި އެވެ. ދެކެވެމުންދާ
ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބުނާނެ އެއްޗެއް އޭނަގެ ސިކުނޑިއަކަށް
ނަ އެވެ. އެކަމަކު ބަސްމޮށުންތެރިކަމުން ނުކުރެވުނިއްޔާ ބީހުމުން ވިއަސް އޭނަ
އެ ހުރީ ހަމްރާއުގެ ހިތަށް ދެވެން އޮތް ތަސައްލީއެއް ދޭން ނިންމައިގެންނެވެ.
***
ހަމަ އެ ދުވަހު ހެނދުނު ހޭލިއިރަށް ހަމްރާއު އައިސް ރަނާ
ގޮވައިގެން ރައިނާ ކައިރިއަށް ހިނގައްޖެ އެވެ. ގޭގައި އެކަނިވެފައި އިނދެގެން ނުބައި
ހިޔާލުތައް އައިސް އޭނަގެ ސިކުނޑީގެ މައްޗަށް ބާރުފޯރުވުމުގެ ކުރިން ހޫރައިން
ގެއިން ނިކުމެގެން ދިޔައީ ބައްޕަގެ ގެއަށެވެ.
އޭނަ ފެނުނުހާއިރުން ހަނާން އައިސް އޮޅުލައިގެންފި އެވެ. ބައްޕަ އާއި
ދޮންމަންމަ ވެސް އުފަލާއެކު އޭނައަށް މަރުހަބާކި އެވެ. އިއްތިފާގުން ސާއިމް ވެސް
އެ ގަޑީގައި އެ ގެއަށް އަތުވެއްޖެ އެވެ. އެ މީހުން އޭނަ ފުރަނީ ކޮންއިރަކުންތޯ އެހުމުން
ހޫރައިން ކުޑަކޮށް ހާސްވި އެވެ. ހަމްރާއުގެ އަންހެނުން ބަލި ވާހަކަ އޭނަ ބުނީ ބަހަނާއެއް
ހޯދަން ވިއަސް އިތުރު ދޮގެއް ހަދަން ބޭނުންނުވާތީ އެވެ. ނަސީބަކުން އެކަކު ވެސް
އިތުރަށް ދެން އެ މައުލޫއުއަކަށް ވާހަކައެއް ނުދައްކަ އެވެ.
"ސޯ... ލޯބިވާ މީހާއާ ކައިވެނިކޮށްގެން ދިރިއުޅުން
ކިހިނެއް؟" ސާއިމް އެ ސުވާލުކުރީ އޭނާ އާއި ސާއިމް ބަދިގޭގައި އެކަނިވި
ވަގުތެއްގަ އެވެ.
އޭނަ އެތާ ހުއްޓާ ސާއިމް އައީ ފެންތަށްޓެއް
ބޯންވެގެންނެވެ. ހޫރައިން އެ ވަގުތު ވެސް ފޯނު ނަގައި ބަލައިލީ ހަމްރާއުގެ
މެސެޖެއް ނަމަވެސް އައިސްފައި ވޭތޯ ބެލުމަށެވެ.
"މީހެއްގެ ފިރިއަކާ އިނދެގެން އަހަރެން މި ހުރީ ވަރަށް
ހާލުގައޭ، ދޮށީ އަނބީގެ އުނދަގުލާހެދި ހަނީމޫނަށްވެ ސް ނުފުރިފައޭ ބުނާ އަޑުއަހަން
ތި ސުވާލު ކުރި ކަމަށް ވަންޏާ ސޮރީއޭ ބުނަން އޮތީ. އައިމް އެކްޗުއަލީ ވެރީ ހެޕީ.
ހަމްރާއުއާ ކައިވެނިކުރުމަކީ ހުވަފެން ހަގީގަތަކަށްވުން،" ހޫރައިން ކުޑަކޮށް
ހިތްހަމަނުޖެހިފައި ހުރެގެން ޖަވާބުދިން ނަމަވެސް ފަހު ޖުމްލަ ބުނެލި ވަގުތު ބޮޑު
ހިނިތުންވުމެއް ދައްކައިލި އެވެ.
"ގުޑް ފޯ ޔޫ..." ސާއިމް ޖަވާބުގައި ބުނެލި އެވެ.
އޭނަ ފެން ބޮއިފައި ހުސް ތަށި މޭޒުމަތީ ބަހައްޓާފައި
ދިއުމުން ހޫރައިން އެ ތަށި ނަގައިގެން ގޮސް ސިންކަށް ލާފައި ދޮންނަން އުޅެނިކޮށް
ޖީބުން ފޯނު ވައިބްރޭޓްވި އެވެ.
ނަގައި ބަލައިލާފައި އެއަށް އައިސްފައި އޮތް މެސެޖު
ފެނިގެން ބުމަ ކައިރިކޮށްލެވުނެވެ.
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - އެކާވީސްވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ