ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކުރި އަމުރުގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކުރި އަމުރުގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ގާނޫނުއަސާސީން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން މިރޭ ނިންމައިފި އެވެ.
އޭސީސީގެ ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު ދަމަހައްޓަން ކުރި އަމުރުގަ އެވެ. ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައި ކޯޓުގެ އެ އަމުރެވެ.
ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެގޮތަށް ވިދާޅުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގަ އެވެ. މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފަ އެވެ.
ހައި ކޯޓުގެ އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ މިރޭ ނިންމިއިރު، އެހެން އިދާރާތަކުގެ ބާރު ހިނގާ ތަހުގީގުތަކުގައި އެ އިދާރާއެއްގެ ބައިވެރިވުން ނެތި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އޮތީ ނިންމައިފަ އެވެ.
ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.
އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ