ހޯޕް އައިލެންޑު ތަރައްގީކުރަން ބޭނުން 4 އިންވެސްޓަރަކު ކުރިމަތިލައިފި

ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ސަލާމަތްކުރުމަށް ހަދާ އިސްލާހީ މަރުކަޒު، ނުވަތަ ހޯޕް އައިލެންޑް ތަރައްގީކުރަން މިހާރު ހަތަރު އިންވެސްޓަރަކު ކުރިމަތިލައިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ގޭންގު ކުށްތަކުގެ އަދަބު ހަރުކަށިކުރުމުގެ ބިލު ތަސްދީގުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މިދިޔަ މަހުގެ 21ގައި އިންވެސްޓަރުންނަށް ހުޅުވާލި ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮތް ކަމަށެވެ. އެ މުއްދަތުގައި ކުރިމަތިލި ހަތަރު އިންވެސްޓަރުންނަށް މާދަމާގެ ނިޔަލަށް މައުލޫމާތު ދޭނެ ކަމަށާއި، އެއަށްފަހު އެއް މަސް ދުވަހުގެ ތެރޭ، މަޝްރޫއުގެ ފުރިހަމަ ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅަން އިންވެސްޓަރުންނަށް ފުރުސަތު ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. މަޝްރޫއު އިންވެސްޓަރަކަށް އެވޯޑުކުރާނީ އެއަށްފަހު ކަމަށް ވިދާޅުވިއެވެ. އިންވެސްޓަރުން ހޯދަން އިއުލާނުކުރީ އުތުރު ތިލަފަޅުގައި ހަދާ މަރުކަޒީ ޖަލާއި ހޯޕް އައިލެންޑް ތަރައްގީކުރާ ބަޔަކަށް ފުލުހުންގެ ޓްރެއިނިން ރަށް ދ. ވާނީއާއި ދެ ފަޅެއް ދޭ ގޮތަށެވެ. ހޯޕް އައިލެންޑް ތަރައްގީކުރަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. އަދި އެ ތަނުގައި 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ޓާމް ޝީޓުގައިވެއެވެ. މި މަޝްރޫއު އޮކްޓޯބަރު 2027ގެ ނިޔަލަށް ނިންމަން ވެސް ޖެހެއެވެ. މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން ނަމަ ހޯޕް އައިލެންޑް ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 10 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އަދި މައި ޖަލު ތަރައްގީކުރުމަށް 15 މިލިއަން ޑޮލަރު އަދި ބިން ހިއްކުމަށް 15 މިލިއަން ޑޮލަރު ހޭދަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ