ދިރާސީ އާ އަހަރު: ބެލެނިވެރިންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށްލާ

ދަރިން ނަމޫނާއަކަށް ބަލާ އެއް ބަޔަކީ ބެލެނިވެރިންނެވެ. މިއީ މީހުން ދެބަސްވާނެ ކަމެއް ނޫނެވެ.
ދިރާސީ އާ އަހަރާ އެކު އާ ޔުނީފޯމް ލައްވައި އާ ދަބަސް އަޅުވައިގެން ސްކޫލަށް ކުދިން ލާން ބެލެނިވެރިން އިއްޔެ ދިޔައީ ވަރަށް ވެސް ބޮޑެތި އުއްމީދުތަކަކާ އެކީގަ އެވެ. ދަރިފުޅަކީ މޮޅު ދަރިވަރަކަށް ހެދުމަށެވެ. ދަރިފުޅަކީ މުޖުތަމައު ބަލައިގަންނަ މީހަކަށް ހެދުމަށެވެ.
މި އުއްމީދުގައި އެތައް ބެލެނިވެރިންނެއް ގަޑިޖެހުމުގެ މާ ކުރިން ގޮސް ސްކޫލުގެ ގޭޓު ދޮށުގައި ތިއްބެވެ. އެކަމަކު ދަރިންނަށް އެންމެ ރަނގަޅު ނަމޫނާ ބައެއް ބެލެނިވެރިންނަށް ނުދެއްކޭކަން ފާހަގަވި އެވެ.
އެތައް ސަތޭކަ ކުދިންނެއް ވަންނަ ސްކޫލް ގޭޓު ކުރިމަތީ ޖާގަ ހަނިވާ ގޮތަށް އަރިހުރަހަށް ސައިކަލް ޕާކު ކުރި މީހެއް ފެނުނެވެ. ދިރާސީ އާ އަަހަރެއް ފެށީ އެހެން މީހުންނަށް ވާނެ އުނދަގުލާއި ތުރާލަށް ނުވިސްނަ އެވެ. ހަމައެކަނި ތިމާ އެވެ. ތިމާގެ ކަން ފުރިހަމަވީމާ ނިމުނީ އެވެ. މި ގޮތަށް ޕާކު ކުރި ބެލެނިވެރިޔާއަށް އެ ދެއްކުނީ އެންމެ ރަނގަޅު ނަމޫނާ ހެއްޔެވެ؟
ބެލެނިވެރިން ކުރާ މިފަދަ ކަންކަމުން ކުއްޖާ މިސާލު ނަގަ އެވެ. ކުދިންގެ އުޅުމާއި ގުޅުން ބައްޓަންވެގެން އަންނަނީ އެންމެ ކުރިންސުރެ ކުދިންނަށް ފެންނަ މަންޒަރުތަކުންނެވެ.
ކިތަންމެ ވަރަކަށް އެހެން މީހުންނަށް ވިސްނައިގެން އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށް ވާށޭ ބަހުން ދަރިފުޅު ގާތުގައި ބުންޏަސް އަމަލުން މި ކަން ނުދައްކާ ނަމަ އޭގެ ފައިދާއެއް ނުކުރެ އެވެ. ދަރިފުޅު އެގޮތަށް އަމަލު ކުރާނެ ހެއްޔެވެ؟
ބެލެނިވެރިން މިފަދަ ގޮތަކަށް ކުރާ އެހެން ކަމެއް އޮވެ އެވެ. ކުއްޖާއަށް އަޑުއިވޭ ވަރަށް މުދައްރިސަށް ބަދުބަސް ބުނުމެވެ. މަލާމާތުގެ ބަސް ރައްދުކުރުމެވެ. ޓީޗަރަކީ މޮޅު މީހެއް ނޫން ކަމުގައި ބުނުމެވެ. ހިޔާލެއް ފިކުރެއް ނެތި ބުނާ މިފަދަ ބަސްތަކުން ކުރާ އަސަަރު ބޮޑެވެ. ސަބަބަކީ، ކުދިން ތިބެނީ މި ފަދަ ވާހަކަތަކަށް އެ މީހުންގެ ތޫނު ކަންފަތްތައް ދީގެންނެވެ. އިސާހިތަކު ޓީޗަރާއި އެހެން ބޮޑެތި މީހުންނަށް އެ ބަސްތައް ކުދިން ރައްދުކުރެ އެވެ.
އަދި މިފަދަ ކަމެއް ކުއްޖާ ކުރުމުން ވެސް އެކަން ހުއްޓުވުމުގެ ބަދަލުގައި އެއީ މާ ސީރިއަސްކަމެއްގެ ގޮތުގައި ބެލެނިވެރިން ނުބަލަ އެވެ. އެހެންކަމުން ކުއްޖާއަށް ވެސް ދަސްވަނީ އެއީ އެހާ ގޯސް ކަމެއް ނުވަތަ ބޮޑު ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެ ކަންފަތް ވަނީ މިފަދަ ބަސްތަކަށް ހޭނިފަ އެވެ. ކިތަންމެ ފަހަރަކު އަޑުއަހައިފި އެވެ. އެއީ އާދައިގެ ކަމެކެވެ. އެކަމަކު އެއީ މޮޅު ކަމެއް ކަމުގައި ދެކޭ ނަމަ ދަރިފުޅަށް ދަސްކޮށްދެވެނީ އިހްތިރާމް ކުޑަކުރުމަށެވެ.
ދެން އޮތް ކަމަކީ ވާދަވެރިކަމެވެ. ސްކޫލްގެ މުބާރާތެއްގައި ކުރެވުނު ތަޖުރިބާއެއް ކިޔައިދޭނަމެވެ. ހޭންޑްބޯލް މުބާރާތެކެވެ. ދެ ކުލާހެއްގެ ދަރިވަރުންނެވެ. އުމުރުން 10 އަހަރު ވެސް ނުވެ އެވެ. ސަޕޯޓްކުރަން ދެ ކްލާހުގެ ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްގެ ބޮޑެތި މީހުންނާއި އެހެން އެތައް ބަޔަކު ތިއްބެވެ.
ކުޅިވަރުގެ ރޫހާ ހިލާފަށް ތިމާގެ ދަރިފުޅަށް ސަޕޯޓަރުންގެ ބެންޗުގައި ތިބެ ބެލެނިވެރިން ހަޅޭއްލަވަ އެވެ. މޮޅަށް ކުޅޭ ދަރިވަރުގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ. ވާދަވެރިކަން ބޮޑުކަމާއި ހަޅޭކުގެ އަޑުގަދަކަމުން ކުއްޖާއަށް ކުޅެންވީ ގޮތް އޮޅޭ ހިސާބަށް ކަންކަން ދުއްވާލަނީ ބެލެވެރިންނެވެ.
އިދިކޮޅު ޓީމަށް ބޯޅަ ލިބުމުން "އަތުލާ، އަތުލާ" ފަދަ ބަސްތައް ބުނެލަނީ އެހެން ކުދިންނަށް އަނިޔާވާ ގޮތަށް ވެސް އެންމެ ރަނގަޅު ކަމަށެވެ. ދަރިފުޅު ކަައިރީ އެ ބުނެވެނީ ކޮންމެ ހާލެއްގައި ވެސް މޮޅުވާށެވެ.
އެއް ޓީމަކަށް ނުކުޅުނަސް އެއް ގްރޭޑެއްގެ ކުދިބަޔެއް ކަމުން އެ ކުދިންނަށް އަމިއްލަ ޓީމު މޮޅު ނުވިޔަސް މާ ބޮޑު މައްސަލައެއް ނެތެވެ. އެކަމަކު މިކަން ބެލެނިވެރިންނަކަށް ހަޖަމެއް ނުވެ އެވެ. އަނެއް ޓީމަށް ދޫދޭކަށް ބޭނުމެއް ނުވެ އެވެ. ކުދިން ބޭނުންވަނީ ކުޅުމުގެ ރޫހާ ހިލާފު ނުވެ ރީތިކޮށް ކުޅޭށެވެ. އެ ފުރުސަތު ގެއްލުވާލީ އެއްވެފައި ތިބި ބެލެނިވެރިންނެވެ.
މިކަހަލަ އެހެން މިސާލެކެވެ. ސްކޫލަށް ދަރިފުޅު ގެންދާ ތަކެތި އެހެން ކުއްޖަކަށް ނުދޭން ބުނެ އެވެ. ތެދެކެވެ. ބައެއް ތަކެއްޗަކީ އަގުބޮޑު ތަކެއްޗެވެ. ކޮންމެ ފަހަރަކު ގަންނަން އުނދަގޫ ވެސް ވާ ތަކެއްޗެވެ. އެކަމަކު ކްރިއޭޓިވް އާޓްސް ފަދަ މާއްދާތަކަށް ބޭނުންވާ ތަކެތި ބައެއް ކުދިން ހަނދާން ނެތިގެން، ގަންނަން ނުލިބިގެން ނުވަތަ ބެލެނިވެރިޔާ ހޯދައިނުދީގެން ނުގެންދާ ހާލަތްތައް ވަރަށް ގިނަ އެވެ. ފަސްދޮޅަސް ވައިބާ ގުރޫޕް ބަލާ ޗެކްކޮށް މި ތަކެތި ހަމަކުރަން ބުރަ އެވެ. އެކަމަކު ދަރިފުޅު ގާތު އެހެން ކުދިންނަށް ނުދޭން ބުނުމަކީ ހެދޭ ގޯހެކެވެ. ބޭނުންކޮށްފައި އަނބުރާ ހޯދަން ދަރިފުޅަށް ނަސޭހަތްތެރިވާށެވެ. އެ ކުއްޖެއް ސްކޫލަށް ގެންދާ ތަކެތި އަނބުރާ ގެނައުމަށް ދަސްކޮށްދޭށެވެ. އެއްޗެއް ތިމާގެ ދަރިފުޅަށް ނުގެންދެވޭ ދުވަހަކު އެހެން ކުއްޖަކު ނުދީފި ނަމަ ބާކީވާނެ ވަރު ވިސްނާލާށެވެ.
ހަމަ މި ކަހަލަ އެހެން ކަމެކެވެ. ކުދިން އަމިއްލައަށް ކަންކަން ކުރުމަށް ދަސްކުރުމުގެ ފުރުސަތު ބައެއް ބެލެނިވެރިން ވާދަވެރިކަމުގެ ތެރެއިން ގެއްލުވާލަ އެވެ. 
ދަރިފުޅުގެ ފޮތް ރީތި ކުރުމަށް ފިލާވަޅު ހަދައިދެނީ ބެލެނިވެރިޔާ އެވެ. އާޓް މަސައްކަތް ކުރަނީ ބެލެނިވެރިޔާ އެވެ. ސްކޫޫލަށް ދާން ފޮތްތައް ދަބަހަށް ޓައިމް ޓޭބަލްއާ އެއްގޮތަށް  އަޅަނީ ބެލެނިވެރިޔާ އެވެ. 
އަދި މީގެ ސަބަބުން ބައެއް ކުދިން ދަސްކުރަން ބޭނުން ވެސް ނުވަނީ އެވެ. ސަބަބަކީ އަމިއްލައަށް ނުކުރިޔަސް މަންމަ ނުވަތަ ބައްޕަ ކޮށްދޭނެކަން ވިސްނޭތީ އެވެ.
އަނެއްކާވެސް އެހެން މިސާލެކެވެ. މި ޒަމާނަކީ ސްކޫލްތަކުގައި ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދޭ ޒަމާނެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި އެހެން ހުރިހާ ކުދިން ތިބެނީ އެއް ކްލާހެއްގަ އެވެ. ބައެއް ބެލެނިވެރިން މިފަދަ ކުދިން އެ މީހުންގެ ދަރިންނާ އެއް ކުލާހެއްގައި ކިޔަވާތީ ނުރުހުން ފާޅުކުރެ އެވެ.
ޝަކުވާއަކީ ތިމާގެ ދަރިފުޅަށް ޓީޗަރު ދޭންވާ ސަމާލުކަން އެފަދަ ކުދިންނާ ހެދި ގެއްލޭކަމެވެ. އެކަމަކު މިއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ތިމާގެ ދަރިފުޅު ތިމާގެ މުޅި 'ދުނިޔެ' އަށް ވާހެން އެހެން މީހުންނަށް އެ މީހުންގެ ދަރިންނަކީ ވެސް މުޅި ދުނިޔެ އެވެ.
އެންމެ ތުއްތު އިރުން ފެށިގެން ދަރިފުޅަށް ދަސްކޮށްދޭންވީ މިފަދަ ކުދިންނަށް އޯގާތެރިވާށެވެ. އެހީތެރިވާށެވެ. މިކަމުގެ ސަބަބުން ތިމާގެ ދަރިފުޅު ސްކޫލް ނިންމާލާފައި ގޭޓުން ނިކުންނާނީ ހެޔޮލަފާ މީހެއްގެ ގޮތުގަ އެވެ. މުޖުތަމަައުއަކީ ވެސް ހުރިހާ ވައްތަރެއްގެ މީހުން އުޅޭ ތަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ އެކު ތިމާގެ ދަރިފުޅަށް އުޅެން ނޭނގުމަކީ އޭނާގެ އުނިކަމެވެ. ބުނެދެނީ ދުނިޔެއަށް ލޯ ހުޅުވިފައި ނުވާ ކަމެވެ.
ކުރެވިދާނެ މުހިއްމު ކަމެއް އެބައޮތެވެ. ސްކޫލް ނިންމާލާފައި، ދުވަސް ދިޔަ ގޮތް ދަރިފުޅު ގާތު އަހާށެވެ. އާނއެކެވެ. މަގުތައް އޮތީ ތޮއްޖެހިފަ އެވެ. ހޫނު ގަދަ އެވެ. އޮފީހާއި ގޭގައި ކުރަން ހުރި މަސައްކަތް ލައްކަ އެވެ. އެކަމަކު ސްކޫލްގެ ގޭޓުން ފެށިގެން ގެޔާ ހަމައަށް އާދެވެންދެން ދަރިފުޅާ ވާހަކަ ދައްކާށެވެ. ފޯނުން ލޯ ނަގާށެވެ. އަދި އެ ދަރިފުޅަށް ސަމާލުކަން ދޭށެވެ. ހުރިހާ ވާހަކައެއް އެ ވަގުތު ނުދެއްކިދާނެ އެވެ.
ސްކޫލް ކިހިނެއްތޯ، ނުވަތަ ކީއްތޯ ކުރީ ހަމައެކަނި އަހާލުމުގެ ބަދަލުގައި ސްކޫލްގައި އާ ރަހުމަތްތެރިޔަކު ލިބުނުތޯ އަހާށެވެ. ދަސްވީ ކޮން ކަމެއްތޯ އަހާލާށެވެ. ޓީޗަރު ބުނި ކޮންމެވެސް އެއް ވާހަކައެއް ކިޔައިދޭށޭ ބުނާށެވެ. މިއީ އެންމެ ލަފުޒެއްގެ ޖަވާބަކުން ނިންމާލުމުގެ ބަދަލުގައި ސްކޫލާ ގުޅޭ ގޮތުން ކުއްޖާއަށް ދެއްކިދާނެ ވާހަކަ އެވެ.
ސްކޫލަށް ދަރިފުޅު ގެންދިއުމުގައި ފަރުވާތެރިވާށެވެ. ސްކޫލްގެ ކަންކަމަށް ސަމާލުކަން ދޭށެވެ. ދަރިފުޅު ކިޔެވުމަށް ހިތްޖެއްސުމަކީ ހަމައެކަނި ޓީޗަރުގެ ޒިންމާއެއްގެ ގޮތުގައި ނުދެކޭށެވެ. ތިމާގެ ބޮޑު ދައުރެއް މި ކަމުގައި އެބަ އޮތްކަން ހަނދާން ކުރާށެވެ.
މިހެން ބުނަން މި ޖެހުނީ ސްކޫލުގެ ވައިބާ ގުރޫޕް ބަލާލުމުން ފާހަގަވި ކަމަކުންނެވެ. ސްކޫލުން ދަރިވަރުންގެ ވައުޗާ އަދި ފޮތްތައް ހަވާލު ކުރުމުން ވެސް އަދިވެސް އެ ބަލާ ނާންނަ ބަޔަކު އެބަތިބިކަމާއި ވީ އެންމެ އަވަހަކަށް ފޮތްތައް ބަލާ އައުމަށް ތަކުރާރުކޮށް ފޯނަށް މެސެޖުތައް އަންނާތީ ވީ ހައިރާނަކުންނެވެ.
ދަރިވަރުންނަށް އެދެނީ ކާމިޔާބެވެ. ބެލެނިވެރިންނަށް އެދެނީ ރިވެތި ނަމޫނާ ދައްކާ ބަޔަކަށް ވުމުގެ ހެޔޮ ވިސްނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ