ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެކި ދާއިރާތަކުން އައު ގުޅުންތައް ގާއިމުކުރަން މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތަކެއް ދެ ގައުމުގެ މެދުގައި ގާއިމުކުރަން މަޝްވަރާކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނީ އިއްޔެ ތުރުކީގައި ދެ މިނިސްޓަރުން ބައިވެރިވެވަޑައިގަތީ، އެ ގައުމުގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކުރި ބައްދަލުވުމެއްގައި ކަމަށެވެ. އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޑީއީއައިކޭގެ ޗެއާމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކްއެވެ. ފޮރިން މިނިސްޓްރީން ބުނީ، ތުރުކީގެ ފާހަގަކޮށްލެވޭ އެކި ދާއިރާތަކުގެ ވިޔަފާރިވެރިން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ގައުމުން ގުޅުން ބަދަހިކުރަން މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި އިންވެސްޓްމަންޓާއި ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓާއި ވިޔަފާރި ބަނދަރު ތަރައްގީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ޚަލީލް ވަނީ ރާއްޖޭގެ ވިޔަފާރީގެ މާހައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސައީދު ވަނީ ދެ ގައުމުގެ ދެމެދުގައި ނޮވެންބަރު 2023ގައި ސޮއިކުރި "އިކޮނޮމިކް ކޯޕަރޭޝަން" އެއްބަސްވުމާއި، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރި "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަކީ ދެ ގައުމުގެ އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއް ކަމަށް ވިދާޅުވެފައެވެ. ރާއްޖެއާއި ތުރުކީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ދެ ވަޒީރުން ވަނީ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ސައީދު ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. ވަޒީރުންގެ ވާހަކަފުޅަށްފަހު، އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. އެ ޕްރެޒެންޓޭޝަންގައި ރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އެ ޕްރެޒެންޓޭޝަނަށް ފަހު ދެ މިނިސްޓަރުންވަނީ، މުސްތަގުބަލުގައި ރާއްޖެއާއި ތުރުކީއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ތުރުކީގެ ވިޔަފާރިވެރިންނާ ވާހަކަ ދައްކަވާފައެވެ. ފޮރިން މިނިސްޓްރީން ވަނީ އެ މަޝްވަރާތަކަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީއާއި ރާއްޖެއާ ދެމެދުގައި އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭއްވި ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ސަރުކާރުން ތުރުކީއާ ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ އެ ގައުމަށެވެ. https://sun.mv/204802 ތުރުކީން ރާއްޖެއަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފައިވާއިރު، ތުރުކީގައި ހުޅުވާ ރާއްޖޭގެ ފުރަތަމަ އެމްބަސީ، އެ ގައުމުގެ ވެރިރަށް އަންކާރާގައި އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ