ރާއްޖެއަށް އެތެރެވާން އިޒްރޭލުގެ ޕާސްޕޯޓު ބޭނުން ނުކުރެވޭނެކަން އިމިގްރޭޝަނުން ރަސްމީކޮށް އިއުލާނުކޮށްފި ރާއްޖެއަށް އެތެރެވާން އިޒްރޭލުގެ ޕާސްޕޯޓު ބޭނުން ނުކުރެވޭނެކަން އިމިގްރޭޝަނުން ރަސްމީކޮށް އިއުލާނުކޮށްފި

އިޒްރޭލުގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް ނުވަދެވޭނެކަން ޑިޕާޓްމަންޓް އޮފ އިމިގްރޭޝަނުން ރަސްމީކޮށް އިއްޔެ އިއުލާނުކޮށްފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އިއްޔެ މަޖިލީހުން ފާސްކޮށް އަދި އެ ބިލު ހަމަ އިއްޔެ ތަސްދީގު ކުރުމުންނެވެ.
"އިމިގްރޭޝަން ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، އިޒްރޭލުގެ ޕާސްޕޯޓެއްގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް،" އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.
ނަމަވެސް އެ ބިލު އިއްޔެ ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.
އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ.
މީގެ 77 އަހަރު ކުރިން އިޒްރޭލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ގައުމެއް އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. މިއަދު ފާސް ކުރި ބިލުގެ ބޭނުމަށް، އެ ހަމަލާތައް ހުއްޓާލި ކަމަށް ކަނޑައަޅާނެ ބަޔަކު ބިލުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުން އެ ގައުމުގެ އެންމެނަށް ރާއްޖެ އާދެވޭ ގޮތަށް ބިލު ބަދަލު ކުރުމުން ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ އަހުމަދު އަޒާން ވަނީ އެކަމަށް ރޭ ފާޑުވިދާޅުވެފަ އެވެ. ބިލުގައި އޮތް އެ އިބާރާތް ބަދަލު ކުރަން ވެސް އަޒާން ގޮވައިލެއްވި އެވެ.
"މި އިސްލާހު މިހާރު އިބާރާތްކުރެވިފައި އޮތުމުގައި، ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަ ގޮތެއްގައި އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެވޭނެ ގޮތަކަށް އިބާރާތް ބަދަލުކުރަން ފެނޭ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ