އަނިލް، ބޮނީ އަދި ސަންޖޭގެ މަންމަ މަރުވެއްޖެ
ބޮލީވުޑް އެކްޓަރުން ކަމަށްވާ އަނިލް ކަޕޫރު، ސަންޖޭ ކަޕޫރު އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ މަންމަ ނިރުމަލާ ކަޕޫރު މަރުވެއްޖެއެވެ. ނިރުމަލާ މަރުވެފައި ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން ނުވަދިހައިގެ އަހަރުތައް ގުނަމުންދިޔަ ނިރުމަލާ މަރުވުމުގެ ކުރިން ވެސް އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެ ވަރަށް ގިނަ ފަހަރު ވަނީ ފަރުވާ ހޯދާފައެވެ. މިފަހަކަށް އައިސް ސިއްހީ މައްސަލަތައް ދިމާވުން އާއްމުވެ ވަރަށް ގިނައިން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ކުރަން ޖެހޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނިރުމަލާގެ ފިރިމީހާ އަދި އަނިލް އާއި ސަންޖޭ އަދި ބޮނީގެ ބައްޕަ ސުރިންދަރު ކަޕޫރަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރެކެވެ. ކަޕޫރު އާއިލާގެ އިތުރުން ފިލްމު އިންޑަސްޓްރީގައި ވެސް ނިރުމަލާ އާއި ފިރިމީހާ ސުރިންދަރު ކަޕޫރަކީ ވަރަށް މަގުބޫލު ދެ މީހުންނެވެ. ނިރުމަލާ މަރުވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ދަނީ އަނިލް ކަޕޫރުގެ ގެއަށް ޒިޔާރަތް ކުރަމުންނެވެ. ބޮނީ ކަޕޫރު އަންހެނުން ސްރީދޭވީ އަދި މަންމަ ނިރުމަލާ އާއި ބައްޕަ ސުރިންދަރު ކަޕޫރާ އެކު--ފޮޓޯ/މިޑްޑޭ ނިރުމަލާގެ މާމަ ކުދިންގެތެރޭ ފިލްމީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ސޯނަމް ކަޕޫރު، އަރުޖުން ކަޕޫރު، ޖާންވީ ކަޕޫރު، ޚުޝީ ކަޕޫރު އަދި މިހާރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނަ ޝަނާޔާ ކަޕޫރު ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ނިރުމަލާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ރޭވިފައި ވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނާ އެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ