ފަލަސްތީނަށް ހަދިޔާކުރަން ހޯދި ފައިސާ ކައުސިލުގައި ހުންނަތާ އަހަރަކަށްވުރެ ގިނަދުވަސް

ހދ.ހަނިމާދޫ ކައުންސިލުން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ އަހަރަކަށްވުރެ ގިނަދުވަސް ވީއިރު، ގުނާ ނުލެވުނު ތަކުގައި އެފައިސާ ހައްޤުވެރި ފަރާތްތަކަށް ފޮނުވާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ހަނިމާދޫ ކައުންސިލުގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ހަވީރު 16:15 އިން ފެށިގެން 18:00 ގެ ނިޔަލަށް ކައުންސިލް އިދާރާއިން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ބަހައްޓާފައިވާ ޚައިރާތު ފޮށްޓައް ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާ ކައުންސިލް އިދާރާއަސް ބަލައިގަނެފައި ވީނަމަވެސް، ކައުންސިލުން އެފައިސާ ގުނައި، ފައިސާގެ ތަފްސީލް ޝީޓެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވާކަމަށެވެ. އަދި އެފައިސާ ކައުންސިލްގެ ބަޖެޓް ސެކްޝަނާ ހަވާލުކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓުން އެ ފައިސާތައް ގުނިއިރު 77،051 ދިވެހި ރުފިޔާ އާއި، 136 އެމެރިކާ ޑޮލަރުގެ އިތުރުން 115 ޔޫރޯ ހުއްޓެވެ. 
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ދަށުން އެފައިސާ ބަހައްޓަން ޖެހޭނީ ތިޖޫރީއެއްގައި ނުވަތަ ފައިސާ ރައްކާކުރާ ފޮށްޓެއްގައި ނުވަތަ ސްޓްރޯންގް ރޫމެއްގައެވެ. ނަމަވެސް ފަލަސްތީނަށް އެހީވުމަށް ހޯދި ފައިސާ ބަހައްޓާފައިވަނީ ކައުންސިލް އިދާރާގައި ބަހައްޓާފައިހުރި ކަރުދާސް ފޮށިގަނޑެއްގައިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާަހަގަކޮށްފައެވެ.
އޮޑިޓުން މި މައްސަލަ ފާހަގަކުރުމުން 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އެ ފައިސާ ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކުރިނަމަވެސް މިއަހަރުގެ އޮގަސްޓްމަހުގެ 27 ވަނަ ދުވަހާ ހަމަޔަށްވެސް ފައިސާ އޭގެ ހައްގުވެރިންނަށް ފޮނުވާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލް އިދާރާއަށް ބަލައިގަނެފައިވާ އެ ފައިސާ އޭގެ ހައްޤުވެރި ފަރާތްތަކަށް ރައްދުކުރުމަށްޓަކައި އެކަމާ ގުޅުންހުރި މިނިސްޓްރީތަކާ މަޝްވަރާކުރުމަށްފަހު އެ ފަރާތްތަކުގެ ލަފާގެ މަތިން ވީހާވެސް އަވަހަށް އެފަދަ ފައިސާ ރައްދުކުރުމަށް ދަންނަވާފައިވާކަމަށެވެ.
ހަނިމާދޫ ޒުވާނުންތަކެއް އިސްނަގައިގެން 2021 ވަނަ އަހަރުވެސް ވަނީ ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެފަހަރު ލިބުނު 41 ހާހަށްވުރެ ގިނަ ރުފިޔާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލުކޮށް ފަލަސްތީނަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ