ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

21 ވަނަ ބަޔާ ގުޅޭ
"އަން.. ބޭނުން އެއްޗަކަށް އޯޑަރ ކޮށްފަ ބިލް ދައްކާލާ.. އެންޑް ކިޔާ.. ތެންކްޔޫ އެނގޭ.. ވަރަށް ވަރަށް ބޮޑަށް" ކިޔާރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އިޒްކާ ގޮނޑިން ތެދުވި އެވެ. އަދި ލޮލަށް އަވި އައިނު ހެޔޮވަރުކޮށްލަމުން އެ ކެފޭއިން ނުކުތުމަށް ހިނގައިގަތެވެ.
------
އަތުގެ ކަށި އިނގިލީގައި އަޅާފައިވާ ހުދުރަނުގެ އަނގޮޓިއަށް އައިލީން ބަލަން އޮތީ އެއްވެސް އަސަރެއް ނެތް ބެލުމަކުންނެވެ. އެއީ އެރޭ ނިމިގެންދިޔަ ރަންކިޔުމުގެ ހަފްލާގެ ތެރެއިން އޭނާގެ އަތުގައި މައިޝާން އަޅުވައިދިން އަނގޮޓިއެކެވެ. އެ އަނގޮޓީގެ ހައިބަތު ކިތަންމެ ބޮޑުވެފައި ބަލައިލަން ކިތަންމެ ހިތްގައިމު ނަމަވެސް އެއިން އައިލީންގެ ހިތަކަށް އުފާވެރިކަމެއް ނުލިބެ އެވެ. މައިޝާންގެ އަނތްބެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރާނެ ގޮތެއް ތަސައްވަރުކުރަން އަދިވެސް އޭނާއަށް ދައްޗެވެ. ހިޔާލުގެ ބައްތެލީގެ މިސްރާބު ބަދަލުވީ ކުއްލިއަކަށް ބަނޑުމަތީގައި އޮތް ފޯނު ވައިބްރޭޓް ވެލުމުންނެވެ. އައިސްފައި އޮތީ ހަމްނާގެ މެސެޖެކެވެ.
"ޝޯންއަށް އެނގޭތަ؟" އައިލީން ފޮނުވި ދައުވަތުކާޑުގެ ރައްދުގައި ހަމްނާ އަހާފައިވެ އެވެ. އައިލީން އެ މެސެޖު ބެލިކަން އެނގުމާއެކު ހަމްނާ ލަސްނުވެ އައިލީންގެ ފޯނަށް ގުޅި އެވެ.
"އަހަރެން ނާހާނަން ކޮންއިރަކު ކިހިނެއް ހިނގި ކަމެއްތޯ.. މިވަރުގެ ބޮޑު ކަމަކާ ކުރިމަތިލާނީ ލީންވެސް ވަރަށް ގިނަ ގޮތްގޮތުން ވިސްނާފަ ކަމަށް އަހަރެން ގަބޫލުކުރަނީ.. އެކަމަކު ޝޯން އަނދިރީގަ ބަހައްޓާކަށް އަހަރެންނަކަށް ނުފެނޭ" އައިލީން ފޯނު ނެގުމާއެކު އާދައިގެ މަތިން ހަމްނާ ދައްކަންހުރި ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނައިލި އެވެ.
"ހަމް ބުނެދޭންވީނު ޝޯންގާތު.. އަހަރެންނަށް ނުކެރިގެން މި އުޅެނީ" އައިލީން ބުންޏެވެ.
"ކީއްވެ؟ ލީން ކުރަން ތި އުޅެނި ކުށެއް ނޫނެއްނު. ޝޯންގެ ހިތުގަ އޮތް އެއްޗަކާމެދު އަޅާލަން މާ ލަސްވެއްޖެހެން އަހަރެންނަށް ހީވަނީ. ދެން ރަނގަޅުގޮތަކީ މީހަކު މެދުވެރި ނުކޮށް ލީން އަމިއްލައަށް މިކަން އެންގުން. ނާންގާ ހުއްޓާ ފަޅާއެރިއްޔާ މޫނާއި މޫނު ކެނޑޭތަން ފެންނާނީ.. އޭރުން މިހާރު އޮތް ރަޙްމަތްތެރިކަންވެސް ނުބޭއްވޭނެ" ހަމްނާގެ ނަސޭހަތް ގަބޫލުކުރަން އައިލީންއަށް މަޖުބޫރުވި އެވެ. ފޯނުކޯލު ކުރުކޮށްލުމަށްފަހު ޝާވިންގެ ޗެޓަށް ވަނެވެ. ދެ ވިސްނުމެއްގައިހުރެ މީގެ ގަޑިއެއްހާއިރު ކުރިން ހަމްނާއަށް ފޮނުވި ކައިވެނީގެ ދައުވަތުކާޑު ޝާވިންއަށްވެސް ފޮނުވައިލި އެވެ. އެއަށްފަހު ކުރެވުނު ކަންތަކަށް ފިލަން އުޅޭ ފަދައިން ފޯނު ނިވާލައި، ބާލީސްދަށަށް ލުމަށްފަހު ނިދަން ތައްޔާރުވި އެވެ.
---------------
ރަށުގެ މައި މަގަށް ވާގޮތަށް ތައްޔާރުކުރަމުންދިޔަ ސިޔާސީ ހަރުގެއެކެވެ. ފާރާއި، މޭޒާއި، ގޮނޑިތަކަށް ދާންދެން އެއްކުލަ ކުރެވިފައިވާ އެ ހަރުގޭގެ ޕޯޑިއަމާ ދިމާލުގައި ބެނާއެއް ހަރުކުރުމުގެ މަސައްކަތުގައި ޝާވިން އުޅުނުވެ. ފަސްފޫޓު ހަރުގަނޑުގެ އެންމެ އުހަށް އަރައިހުރެފައި އޭނާ ޖީބުގައި އޮތް ފޯނު ނެގީ ވައިބަރއިން މެސެޖެއް އައިކަން އެނގުމުންނެވެ. ފޯނަށް އަރާފައިވާ އައިލީންގެ ނަން ފެނުމާއެކު އަތުގައި އޮތް ބެނާވެސް ބިންމައްޗަށް ދޫކޮށްލި އެވެ. ހިނިތުންވެފައިހުރެ މެސެޖު ހުޅުވައިލިހިނދު ލިބުނު ސިހުމުން އޭނާގެ ފައި ކައްސާލައި ހަރުގަނޑުމަތިން ނުވެއްޓުނީ ހަމަ ކިރިޔާ އެވެ. ބުމަ ގޮށްޖަހައިލައިގެން ހުރެ ހަރުގަނޑުން ފޭބުމަށްފަހު އޭނާ އައިލީންއަށް ގުޅައިލި އެވެ. ފޯނު ނިވާލައިފައި އޮތުމުން ދެން ގުޅީ ހަމްނާއަށެވެ.
"އޭ.. މި ލީން ކޮން ސަކަރާތެއްތަ މި ޖަހަނީ؟ އަހަރެން މޮޔަހައްދަން މޮޅު ކަމެއް ކުރަނީދޯ ތި ދެމީހުންވެގެން" ހަމްނާއަށް ރަނގަޅަށް "ހަލޯ" އޭވެސް ނުބުނެވެނީސް ޝާވިން އަހައިލި އެވެ.
"ޝޯން.. ތިއީ ސަމާސާއެއްނޫން.. ހަގީގަތެއް.. ލީން.. ލީން މިރޭ ރަން ކިޔައިފި" ސުކޫތެއްގެ ހިމޭންކަމަކަށްފަހު ހަމްނާ ބުންޏެވެ. "ޝޯން..." ފޯނު ކެނޑުމުގެ ކުރިން ހަމްނާއަށް ކަންބޮޑުވެފައި ޝާވިންއަށް ގޮވައިލެވުނެވެ. އެ ލިބުނު ހަބަރުގެ ސަބަބުން ޝާވިންއަށް ކުރާނެ އަސަރު އެނގޭތީ ހަމްނާއަށް ހަމްދަރުދީ ވެވުނެވެ.
ޝާވިން އަދިވެސް އެއްފަހަރު އައިލީން ފޮނުވި ދައުވަތުކާޑަށް ބަލައިލި އެވެ. މިފަހަރު ތަންކޮޅެއް ރަނގަޅަށެވެ. އޭގައި އެވާ ފިރިހެން މީހާގެ ނަމަކީ އޭނާ ދަންނަ ނަމެއް ނޫނެވެ. އަމުދަކުން އެ މީހަކީ އޭނާއާ މުޅީން ބީރައްޓެހި މީހެކެވެ. ނަމަވެސް ޝާވިންގެ ހިތުގައި އެމީހެއްގެ މައްޗަށް ރުޅިވެރިކަން އުފެދުނެވެ. އެ ރުޅިވެރިކަން ހިތާމައަށް ބަދަލުވީ އެ ހާލަތާމެދު ކިތަންމެ ނުރުހުނަސް އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަން އިޙުސާސް ވުމުންނެވެ. އޭނާއަށް އައިލީން ގެއްލިއްޖެކަން އިހުސާސް ވުމުންނެވެ.
ހިތުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަން ދަތިވެ، ކޮޅަށް ހުންނާނެހާ ހިތްވަރު ނެތުމުން ޝާވިން ހަރުގަނޑުގެ އެންމެ ތިރީ ހަރުފަތުގައި އިށީނެވެ. އޭރު އޭނާގެ އެސްފިޔަތަކުގެ އިޝާރާތަކަށް ފާރަވެރިވަމުންދިޔަ ކަރުނަތަކުން ދެލޯ ތެންމައިލައިފި އެވެ. އަމިއްލަ ފިނޑިކަމަށް މަލާމާތް ކުރާހާލު އެ ކަރުނަތައް ހިފެހެއްޓޭތޯ އޭނާ ހިތްވަރުކުރި އެވެ. ހިތްދަތިވެ މީހާ ފުނޑުފުނޑުވިޔަސް ހިތާމަތައް ފާޅުކުރުމަކީ ފިރިހެނުންނަށް އޮންނަ ގޮތެއް ނޫންކަމަށް ވިސްނިފައި އޮންނާތީ އެވެ. އޭނާގެ ބަލިކަށިކަން އެހެން މީހަކަށް ފެނިދާނެތީ އެވެ. އެހެނަސް ފިރިހެނުންގެވެސް އޮންނަނީ ހިތެއް ނޫން ހެއްޔެވެ؟ މިއަދު ޝާވިންގެ ހިތް އެ ވަނީ ކުރިން ދުވަހަކު ނުވާހާ ބޮޑަށް ލެއިން ކަޅިވެފަ އެވެ. ފާއިތުވެދާ ކޮންމެ ސިކުންތަކާއެކު ނަފްސާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިން އޭނާ ދިޔައީ ބަލިވަމުންނެވެ. އެންމެފަހުން ހަރުގޭގެ ކައިރިން ހިނގާފައިދިޔަ ބައެއްގެ ފިޔަވަޅުތަކުގެ އަޑަށް ޝާވިން ކައިރީގައި އޮތް މާކިއުރީ ލެޑް ލައިޓް ނިއްވައިލި އެވެ. އެއީ ކަރަންޓުގެ މަސައްކަތް ނުނިމިހުރި އެ ހަރުގޭގައި އޮތް ހަމައެކަނި އަލިކަމެވެ. އިސާހިތަކު މުޅި ހިސާބުގަނޑަށް ވެރިވީ ކަޅުފޮއި ރެއެއްފަދަ އަނދިރި ކަމެވެ. އެ އަނދިރިކަމުގެ ތެރޭގައި ޝާވިން އޭނާގެ ކަރުނަތައް މިނިވަންވާން ދޫކޮށްލި އެވެ.
--------
ކައިވެނީގެ ރޭ ބޯމަތިވެއްޖެ އެވެ. އާރް.އެލް ބިޒްނަސް ހޮޓެލްގެ އެންމެ ބޮޑު ޖަލްސާކުރާ މާލަމުގައި ކައިވެނީގެ ތައްޔާރީތައް ކޮށްފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. މާލަމުގެ ފާރުތަކުގައި ދަމާފައިވާ ހުދުކުލައިގެ ފޮތިގަނޑުތަކާ ނުހަނު ގުޅޭހެން ފެހިކުލައިގެ ވެޔޮގަނޑުތަކެއް ހަރުކޮށްފައިވާއިރު ސީލިންގުން ތިރިއަށް ވާހެންވެސް ބައެއް ވެޔޮގަނޑުތައް އަލުވާފައި ހުއްޓެވެ. މެހެމާނުންނަށް ކަނޑައެޅިފައިވާ ގޮނޑިއާއި މޭޒުތަކުގައި ހުދުކުލައިގެ ފޮތިދަމައި ސެންޓަރޕީސްގެ ގޮތުގައި ފާނޫޒުތަކެއް ބެހެއްޓިފައި ހުއްޓެވެ. ޖާދޫވީ ބަގީޗާއަކަށް ވަނުމަށްޓަކައި ބޭނުންކުރެވޭ ދޮރާއްޓެއް ރަމްޒުވާނެހެން ހަދައިފައިވާ ގިޑިގެއެއް މާލަމުގެ ދޮރުކައިރީގައި ހުރި އިރު، އެ ގިޑިގެއިން ފެށިގެން މާލަން ނިމޭހިސާބުގައި ހުރި ބެކްޑްރޮޕާ ހަމައަށް ދިޔުމަށްޓަކައި އޮތް "މަގު"ގެ ދެފަރާތުގައިވަނީ ފެހި ބޮކިތަކުން ދިއްލާލެވިފައިވާ ގަސްމުށިތަކެއް ބަހައްޓާފަ އެވެ. މުޅި މާލަމުގެ އަލިތައް ފަނޑުކޮށްލާފައި އޮތުމުން، އެ ގަސްމުށިތަކުގައިވާ ފެހި އަލި ބިންމަތީގައިވާ މާބަލް މުށިތަކަށް ރިވެލިވެލާގޮތް ނުހަނު ހިތްގައިމެވެ. ބެކްޑްރޮޕްގެ ކަނާތް ފަރާތުގައި ކޭކާއި އެހެނިހެން ފޮނި ކާއެއްޗެހިން ބަރާވެފައިވާ މޭޒެއް ހުރިއިރު، ވައަތްފަރާތުގައި ބެހެއްޓިފައިވަނީ ކައިވެނިކުރާ މޭޒެވެ. އެންމެފަހު ވަގުތާ ޖެހެންދެންވެސް އެ ތައްޔާރީތައް ކުރިއަށްދަނީ ރަނގަޅަށްތޯ ބެލުމަށް ޒީނިޔާއާއި ނުސްރާ މާލަމުގައި އުޅުނުއިރު އެ ހޮޓެލްގެ ކޮޓަރިއެއްގައި އައިލީން ދިޔައީ އެ ރެއަށްޓަކައި ތައްޔާރުވަމުންނެވެ.
"ދެން އޯކޭ ލޯ ހުޅުވާލިއަސް" މޭކަޕު ކޮށްދޭން އައި ކުއްޖާގެ އިޒްނައާއެކު އައިލީން ލަސްލަހުން އެސްފިޔަތައް ތަޅުވައިލައި ދެލޯ ހުޅުވައިލި އެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަން އޭނާއަށް އިނދެވުނީ އާޝޯހުވެފަ އެވެ. ހިތާހިތުން އެ ކުއްޖާގެ މަސައްކަތަށް ތައުރީފު ކުރެވުނެވެ.
"ވާއު ލީން.. މާޝާﷲ.. ދަ ޕްރިޓިއަސްޓް ބްރައިޑް އެވަރ.. ހަމަ ތެދެއް މި ބުނީ" އައިލީންގެ މޭކަޕް ނިމޭނެ އިރެއްގެ އިންތިޒާރުގައި ލޯގަނޑު ކައިރީގައި ހުއްޓިލައިގެން ހުރި ހަމްނާ ވަގުތުން ތައުރީފުކޮށްލި އެވެ. އޭނާ ހުރީ ޖަލްސާގެ ކުލަ ކަމަށްވާ ފެހިކުލައިގެ ސެޓިން ހެދުމެއްގައި ހަމަ އެކުލައިގެ ޝޯލެއް އަޅާލައިގެނެވެ.
"ތެންކްޔޫ ހަމް" އައިލީންގެ ތުންފަތަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލި އެވެ. އެރޭގެ ބާކީބައި އޭނާ ހުންނަން ޖެހޭނީ ހަމަ އެ ހިނިތުންވުމުގައިކަން އެނގޭއިރު މިހާރުއްސުރެން އެކަމަށް ތައްޔާރު ނުވާންވީ ސަބަބެއް ނެތެއް ނޫން ހެއްޔެވެ؟ "އަސްލު ހިއެއްނުކުރަން އެހާ ލަސްކޮށްފަ ބުނީމަ ހަމް އަންނާނެ ކަމަކަށްވެސް. ވަރަށް ބޮޑަށް ތޭންކްސް" ހަމްނާގެ އަތުގައި ހިފައިލަމުން އައިލީން އިންތަނުން ތެދުވި އެވެ.
"ޑޯންޓް މެންޝަން އިޓް.. ލީންއަށް މިހާ ބޮޑު ދުވަހެއްގަ.. ލީންގެ އެކަކުވެސް މިތާ ނެތް އިރު ލީން އެކަނި ކޮށްލާނީ ކިހިނެއް؟ ލީންއާއެކި ހުރެދޭން އަހަރެން އަންނާނެއެއްނު، އިޓްސް އަ ނޯ ބްރެއިނަރ.. ޑާހް" ހަމްނާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ފަހަތުން މީހަކު ކަރުކެހިލި އަޑު އިވުނެވެ. ދެމީހުންނަށް ސިހިފައި ފަހަތް ބަލައިލެވުނުއިރު ހިނިތުންވެލައިގެންހުރެ މައިޝާން ކޮޓަރީގެ ތެރެއަށް ފިޔަވަޅެއް އަޅައިލަނީ އެވެ.
"ތޭންކްސް ފޯރ ކަމިންގް ރިއަލީ.. ބަޓް އައި ހޭވް ޓު ޑިސްއެގްރީ ވިތް ޔޫ" މައިޝާން ލަސް ފިޔަވަޅުތަކެއްގައި އައިސް އެ ދެމީހުންގެ ގާތަށް މަޑުކޮށްލި އެވެ. "ލީން އެކަންޏެއް ނުވާނެ. ޝީ ހޭޒް މީ. ދޯ ލީން" އައިލީންގެ ކޮނޑުމަތިން އެއް އަތް ވަށައިލަމުން މައިޝާން ހަމްނާގެ ވާހަކައަށް ރައްދު ދިނެވެ. މުށިކުލައިގެ ކޯޓު ފަޓުލޫނުގައި މައިޝާން ފެންނައިރު ނުހަނު ހިތްގައިމުވެފައި ފިރިހެންވަންތަ އެވެ. ދިގުކޮށްފައި ހުންނަ އޭނާގެ ބުޅި އިސްތަށިގަނޑުވެސް ވަނީ އެ ރެއަށްޓަކައި ރީތި ގޮތަކަށް ކޮށައި ސްޓައިލް ކޮށްލައިފަ އެވެ.
"މައިޝާން.. މިއީ ހަމް.. އަހަރެންގެ ބެސްޓް ފްރެންޑް.. ހަމް.. މައިޝާން" އައިލީންގެ ހިނިތުންވުން ތުންފަތާ ވަކިކޮށްލުމެއް ނެތެވެ.
"އެންމެފަހުން ދިމާވެއްޖެ ދޯ" ހަމްނާ ސަލާމަށް އަތް ދިއްކޮށްލުމުން މައިޝާން އެ ސަލާމް ރައްދުކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ސަމާލުކަން އައިލީންއަށް އަނބުރައިލި އެވެ.
"ޔޫ ލުކް ބިއުޓިފުލް" މައިޝާންގެ ދުލުން ފުރަތަމަ ފަހަރަށް އައިލީންއަށް ތައުރީފެއް ކޮށްލި އެވެ. އެދެމެދުގައި އޮތީ އަސްލެއްނެތް ގުޅުމެއް ކަމަށްވިޔަސް މިރޭ އައިލީންގެ ފުރިހަމަކަމަށް އޭނާގެ ދުލުން ތައުރީފެއް ހައްގުކަމުގައި މައިޝާން ދެކުނެވެ. "އަށެއް ޖަހަނީނު.. ހިނގާ ދާން ދޯ-"
"ނޮޓް ސޯ ސޫން" މައިޝާންގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ އެވަގުތު އެތަނަށް ހުއްޓިލި މައިރާ ފެނުމުންނެވެ.
"މައި؟ އައި ތޯޓް ޔޫ ވުޑުންޓް މޭކް އިޓް" މައިޝާންއަށް މައިރާ ފެނުމުން އައިލީންގެ ގައިން ދޫކޮށްލުމަށްފަހު މައިރާގެ ގައިގައި ބައްދައިލި އެވެ.
"އޮފްކޯސް އައި ވުޑް މޭކް އިޓް ޓު ޔުއަރ ވެޑިންގް.. ނައިސްފިއްޔާ މަންމަ އަހަރެން ކާލާނެއެއްނު" މައިރާ ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. "އެކަމަކު މިގަޑީގަ މި އައީ ދޮންބެގާތަކަށް ނޫން އެނގޭ؟ މި އައީ އަހަރެންގެ ދޮންބެ ދައްތައާ މީޓް ކޮށްލަން" އައިލީންގެ އަތުގައި ހިފައިލަމުން މައިރާ ބުންޏެވެ. "އެކަމަކު.. ލީންއަށް ދޮންބެ ދައްތަ ކިޔަންވީމަ އަހަރެންނަށް ވަރަށް އޮޑް. ޔޫ އަރ ސޯ މަޗް ޔަންގާ ދޭން މީ.. ހެހެ.. އެހެންވީމަ އަހަރެން ދެންވެސް ކިޔާނީ ހަމަ ލީން. އޯކޭ ދޯ؟" މިފަހަރު މައިރާ ވާހަކަދެއްކީ އައިލީންއާ އެވެ.
"މާ ބޮޑަށްވެސް ރަނގަޅު" އައިލީން ބުންޏެވެ.
"ވަޓެވަރ.. ތި މީހުންގެ މީޓް-އެން-ގްރީޓް ނިމުނީމަ އަވަސްކޮށްގެން އާދޭ.. އަށެއްގެ ކުރިން އަންނާތި.. ދިހަ މިނަޓު ބާކީ" މައިޝާން އެތަނުން ދިޔުމާއެކު މައިރާގެ މޫނުމަތީގައިވި ހިނިތުންވުން ފޮހެލައި ސީރިއަސް ނަޒަރަކުން އައިލީންއަށް ބަލައިލި އެވެ.
"މައި.. އައިމް ސޯ ސޮރީ.. ހުރިހާ ކަމެއް މާ އަވަހަށް ހިނގައިދިޔައިމަ މައި ގާތު ބުނަން-"
"ލީން އިޓްސް އޯކޭ.. ނެޑް އަހަރެންނަށް ގުޅާފަ މާ ކުރިންވެސް ބުނެފިއޭ.. އޭގެ ފަހުން ދޮންބެއަށާއި މަންމައަށް ގުޅައިގެން ހުރިހާކަމެއް ސާފު ކޮށްފިން" މައިރާ ބުންޏެވެ.
"ސޯ؟ މައި އަހަރެންދެކެ ހިތްހަމަ ނުޖެހިފައެއް ނޫން؟" އައިލީން ހައިރާންވެފައި އަހައިލި އެވެ.
"ތެދަށް ބުނަންޏާ އައި ވޯޒް ރޫޓިންގް ފޯ ޔޫ އެންޑް ޝޯން.. އެކަމަކު ދިސް ވޯކްސް ޓޫ.. ލީން އަހަރެންގެ ފެމިލީއަށް އައިމަ ހިތްހަމަނުޖެހިފަ ހުރެވޭނީ ކިހިނެއް؟ އެހެންނޫނަސް.. މިހާރުވެސް ދޮންބެއަށް އައިސްފަހުރި ބަދަލު ފެންނަން ފަށައިފި. އެނގޭތަ ބައްޕަ ކްރެޑިޓް ކާޑެއް ދޭން ބުނީމަވެސް ނުކުރިކަމެއް އެ އިސްތަށިގަނޑު ކޮށުމަކީ. ފަހުން މަންމަގާތު ބޮޑާހާކައިގެން އެ ކާޑުވެސް ހޯދީ. ސޯ ޔޫ މައިޓް ބީ ގުޑް ފޯ ހިމް" މައިރާ ހިނިތުންވެލި އެވެ. "ދެން އަވަހަށް އާދޭ.. މިހާރު އެންމެން ތިބޭނީ ލީންގެ އިންތިޒާރުގަ.. ގުޑް ސީ ޔޫ ޓޫ ހަމް" ހަމްނާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މައިރާ އެތަނުން ދިޔަ އެވެ. އައިލީންއާއި ހަމްނާ އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލި އެވެ.
---------------
"ކީއްވެއޯ މިތާ ބޭރުގަ ތި ހުންނަނީ؟" މާލަމުގެ ދޮރުކަނީގައި ލެގިލައިގެން ހުރި ނަދާލްގެ ގާތަށް ހުއްޓިލަމުން މައިރާ އަހައިލި އެވެ. ނަދާލް ވަގުތުން ދެ ކަންފަތަށް ޖަހާފައިހުރި އެއަރޕޮޑްސް ނެގުމަށްފަހު މައިރާއަށް ބުމަ އަރުވައިލި އެވެ. ޖަހާފައިހުރި މެޓަލް ލަވައިގެ ސަބަބުން އޭނާއަށް މައިރާގެ ސުވާލު ސާފެއްނުވި އެވެ.
"އަޅާނުލާ... އިޒޫ ކޮބާތަ؟" މައިރާ އެއްސެވެ.
"ހެހެ. އަހަރެންމީ އިޒޫގެ ބޮޑީގާޑު ތަ؟" ނަދާލްވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.
"ނޫންތަ؟" މައިރާ ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.
"ތިހެން ބުނެވިދާނެ" ނަދާލް ދެކޮނޑު އަރުވައިލަމުން މައިރާގެ ސުވާލަށް ޖަވާބު ދިނެވެ. "އިޒޫ އަދިވެސް ސެލޫންގަ.. ޕާރޓީ ފެށެން ވާއިރަށް އާދެވޭނެއޭ ބުނީ"
"އޯހް" މައިރާ ބުންޏެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނާ އަނެއްކާވެސް ވާހަކައެއް ފެށި އެވެ. "އިވާން ޝުޑް ހޭވް ބީން ހިޔަރ.. ލީންއަކީ އިވާންގެ ކޮއްކޮއެއް ކަހަލަ-"
"އިވާން އިޒް ރައިޓް ވެއަރ ހީ ޝުޑް ބީ މައި! އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން!" މައިރާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނަދާލް ނުދިނެވެ. އެހެންކަމުން މައިރާ އެ މައުޟޫއު ދޫކޮށްލީ އެވެ. އެއީ އޭނާއަށްވެސް މީހަކާ ހިއްސާކުރަން އެހާ ފަސޭހަ މައުޟޫއަކަށް ނުވާތީ އެވެ.
"ލީން ގާތަށް ގޮސްލާފަ މި އައީ. ޝީ ލުކްސް ސޯ ޕްރިޓީ މާޝާﷲ. މޭކަޕްވެސް.. ހެދުންވެސް.. ވައިޓްކުލަ ލީންއާ ވަރަށް ގުޅޭ.. ޝީ ލުކްސް ޖަސްޓް ލައިކް ދަ-"
"ލޫނާ" މައިރާގެ ޖުމްލަ މެދުކަނޑައިލި އިރު ނަދާލްގެ ދެލޯ އަމާޒުވެފައިވަނީ ހުޅުވިގެންދިޔަ ލިފްޓުން ނުކުމެގެން މާލަމާ ދިމާލަށް ހިނގައިފައި އައި އައިލީންއަށެވެ. މައިރާ ބޯ ޖަހައިލި އެވެ. އޭނާއާއި ނަދާލް އުޅެ ބޮޑުވީ އެކީގައިކަމުން ނަދާލްގެ މާދަރީ ބަހުން ބުނެލާ ކުދިކުދި ލަފްޒުތައް ނަގައިގަންނާކަށް މައިރާއަށް އުނދަގުލެއް ނޫނެވެ.
"ޔެސް.. ޖަސްޓް ލައިކް ދަ މޫން" މައިރާ އެއްބަސްވި އެވެ. އުނަގަނޑުން ފެށިގެން ފަސްބަޔާ ހަމައަށް ފުއްޕާލެވިފައިވާ ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި އައިލީން ހަމަ ހަގީގަތުގައިވެސް ފެންނަނީ ސާދަ ވިލޭރެއެއްގެ ހަނދެއްހާ ފުރިހަމަކޮށެވެ. އައިލީންގެ ބުޅި އިސްތަށިގަނޑު އެކީ ފަހަތައް ގެނެސް ފިނިފެންމަލެއް ސިފަވާނެހެން ދޫ ހުޅިއެއް ޖަހާލައިވާއިރު، ހުޅީގެ ފެށޭ ހިސާބުގައި ހުދުކުލައިގެ މާތަކެއް ހަރުކުރެވިފައި ހުއްޓެވެ. ކަންހުޅީގެ މަތިން ދޫކޮށްލާފައިވާ ބުޅި އިސްތަށިތައް މަޑު ރާގަކަށް ނަށަމުންދާހެން އައިލީންގެ ކޯތާފަތުގައި ބޮސްދެމުންދިޔަ އެވެ. މަސްކަރާގެ ދެލިން ފަވާލެވިފައިވާ ދިގު އެސްފިޔަތަކުން އެ ކަޅިރަވައިގެ ޖާދޫ އިތުރު ކޮށްދެ އެވެ. އެ ތޫނު ދެލޮލުން ނަދާލްއާ ހަތަރުކަޅި ހަމަކޮށްލި ހިނދު ވަށައިގެންވާ މާހައުލުވެސް ނަދާލްގެ ދެލޮލަށް ފުސްވި އެވެ. އެވަގުތު އޭނާގެ ލޮލުގެ ފެނުން ހާއްސަވެފައިވީ ހަމައެކަނި އައިލީންއަށެވެ. ހިތުވިންދުގައިވީ ހަމައެކަނި އައިލީންގެ ނަމެވެ. ހިނދުކޮޅަކަށް ހުއްޓިގެންދިޔަ ނޭވާގެ އަސްލަކަށްވެސްވީ ހަމައެކަނި އައިލީން އެވެ.
އުމުރުން އެންމެ ދިހަ އަހަރުގައި އެ އާއިލާގެ ހިއްސާއަކަށް ވެވުނީއްސުރެން ނަދާލްގެ ހަޔާތަށް އައި ކޮންމެ ދުވަހެއް ހޭދަވެގެންދިޔައީ މައިޝާންއާ ވާދަކުރުމުގަ އެވެ. އޭނާއަށް އެކަން ކާމިޔާބުވެސް ކުރެވުނުވެސްމެ އެވެ. މައިޝާންއަށް އާއިލާގެ ތެރެއިން ނުލިބުނު ލޯތްބާއި، ރުހުމާއި، މާލާއި، ބާރު އަދި އިއްޒަތް އޭނާއަށް ލިބުނެވެ. މީގެ މަދު ސިކުންތުކޮޅެއް ކުރިއާ ހަމައަށް އެކަމާމެދު ނަދާލްއަށް ފަހުރުވެރި ވެވުނެވެ. އެހެނަސް މިރޭ އައިލީން ފެނުމާއެކު އެ ފަހުރުވެރިކަން އެކީ ފިލައި ހިނގައްޖެ އެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް "އޭނާއަކީ މައިޝާންއަށް ވާނެ ނަމަ" އޭ ހިތަށްއެރި އެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ މައިޝާންއާ ވާދަކޮށް "ބަލިވެއްޖެއޭ" ހިތަށްއެރި އެވެ. މިހާރު ކުރިން ހޯދުނު އެއްވެސް ކާމިޔާބީއެއްގައި އަގެއް ނެތެވެ. އެހެނީ މިރޭ މައިޝާންހުރި މަގާމާއި އޭނާއަށް އެ ހުރެވުނު މަގާމު ބަދަލުކުރަން އޭނާ ނުދައްކާނޭ އަގެއް ނެތެވެ.
އައިލީން އޭނާއާ ޖެހޭ ނުޖެހޭހާ ގާތުންލާފައި މާލަމަށް ވަތް ވަގުތު ނަދާލްހުރީ އިސްޖަހައިލައިގެނެވެ. އައިލީންގެ އަތުގައި ހިފައި ހުއްޓުވިދާނެކަމުގެ ބިރުގައި ޖީބަށް ޖަހާލެވައިފައިވާ ދެއަތް މުށްކަވައިލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ.
"ފަށަން އެ އުޅެނީ. ހިނގާ އެތެރެއަށް" މައިރާގެ އަޑަށް ނަދާލް އިސްއުފުލައިލި އެވެ.
"މައި ދޭ. އަހަ.. އަހަރެން މަޑުކޮށްލާނަން އިޒޫ އަންނަންދެން" ނަދާލް ބަހަނާ ދެއްކި އެވެ.
މައިރާ އެތެރެއަށް ވަތްތާ މާގިނައިރެއްނުވެ ކައިވެނީގެ ޚުތުބާ ފެށުނެވެ. ކައިވެނިކުރާ މޭޒުހުރީ މާލަމުގެ އެންމެ އެތެރޭގައި ކަމަށްވިޔަސް ހިމޭންކޮށް އޮތް މާލަމުގެ ތެރޭގައި ގާޒީގެ އަޑު "އެކޯ" ވެގެންދާގޮތުން ދޮރުން ކައިރީގައި ހުރި ނަދާލްއަށް ސާފުކޮށް އެ ޚުތުބާ އިވެމުންދިޔަ އެވެ. ނަދާލް މާލަމުގެ ތެރެއަށް ވަނުމުގެ ހިޔާލެއް ނުގެންގުޅުނުތާ ފަސްއެނބުރި އެ މާލަމަށް ބަލައިލުމުގެ ހިޔާލެއްވެސް ނުގެންގުޅުނެވެ.
".....ރ. އިންނަމާދޫ އަލިވާގޭ ހުސައިން އަހުމަދުގެ ދަރިކަނބަލުން، ނ.މަނަދޫ އައިސްހައުސް އާއިޝަތު އައިލީން ހުސައިން، ކ.މާލެ ހ.ފްލޮރެންސް އަހުމަދު މުރުޝިދު މުޖްތަބާގެ ދަރިކަލުން، ކ.މާލެ ހ.ފްލޮރެންސް މުހައްމަދު މައިޝާން މުރުޝިދަށް، ދެހާސްފަސް ދިވެހި ރުފިޔާގެ ރަނަށް އިސްލާމީ ޝަރީއަތުގެ ހަމަތަކާއެކު، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީ..."
ޚުތުބާ އެހިސާބަށް ދިޔައިރު ނަދާލްއަށް އެތަނުގައި ހުރުން ވީ ވޭނަކަށެވެ. އޭނާގެ މެޔަށް ބާރުވެ ލޮލުންވެސް ޒާތެއްގެ ދިލައެއް ނަގަން ފަށައިފި އެވެ. ދެތިންފަހަރަކު އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު އޭނާ ދުރު ފިޔަވަޅު ތަކެއްގައި ލިފްޓާ ދިމާލަށް ހިނގައިގަތެވެ.
ނަދާލްއަށް ފަހުން އިޒްކާއާއެކު ޕާޓީއަށް އާދެވުނީ ޕާޓީ ނިމެން ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ. އޭނާ ތިރިއަށް ފޭބި ވަގުތު އިޒްކާއާ ދިމާވުމުން ދެމީހުން އެކުގައި ކާރުދުއްވައިލަން ދިޔައީ އެވެ. ޕާޓީއަށް އާދެވުމުން އިޒްކާ އެންމެ ފުރަތަމަވެސް ބޭނުންވީ އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔުމަށެވެ. ނަމަވެސް ނަދާލް އެކަމަށް ހުރަސްއެޅި އެވެ. އައިލީންއާ ކުރިމަތިލާން އޭނާ އަދިވެސް ތައްޔާރު ނޫނީ އެވެ.
"އިޒޫ. ފަހުން ދާނީ.. ތަންކޮޅެއް މީހުން މަދުވެލީމަ.. އިހަކަށް އާދެބަލަ މިތާ އިށީނދެލަން" އިޒްކާގެ އަތުގައި ހިފައިގެންގޮސް މާއިޒްމެންތިބި މޭޒުދޮށުގައި ނަދާލް އިށީނެވެ. އިޒްކާގެ ދޮންބެ ޒެފަންވެސް އިނީ އެ މޭޒުގައިކަމުން ނަދާލް އިސްވެ ޒެފަންއާ ސަލާންކޮށްލި އެވެ. "ގުޑް ޓު ސީ ޔޫ ޒެފް"
"ޔޫ ޓޫ މޭން.. އިޒޫ މިއީ ހަތަރެއް ޖެހިއިރު ޕާޓީއަށް ދާން ނުކުތް މީހާ.. އަހަރުމެންނަށްވުރެން ލަހުން ތި އާދެވޭވަރު ވީ.. އަދި ކިރިޔާ ސެލޫން ނިމުނީ؟" ޒެފަން ދިމާކުރުމުގެ ރާގެއްގައި އަހައިލި އެވެ.
"ދެން ދޮންބެގަނޑާ! ނެޑް ބަލާބަ" އިޒްކާ ތުންކޮޅު އޫކޮށްލަމުން ނަދާލްއާ ދިމާލަށް ބަލައިލި އެވެ. ނަދާލް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީ އެވެ. އިޒްކާއާއި ޒެފަން އެއްތަން ވެއްޖެނަމަ އެދެމެދުގައި ބަހުގެ ހަމަލާތަކެއް ރައްދު ނުކުރެވޭ ފަހަރެއް މަދުވާނެ އެވެ.
"ދޮންބެއަށް އޯކޭ އިޒޫ ނަޔަކަސް.. އެކަމަކު ދެއަރ އިޒް އަ ސަޕްރައިޒް ފޯ ޔޫ" ޒެފަން ބޮލުގެ އިޝާރާތުން ދައްކައިލީ ނަދާލްގެ އާއިލާ އިށީނދެލައިގެން ތިބި މޭޒެވެ. އެ މޭޒުގައި މާޖިދާއި ނުސްރާގެ އިތުރުން ދެ ބީރައްޓެއްސަކާއެކު އިށީނދެ ތިބީ އިޒްކާގެ މައިންބަފައިންނެވެ.
"އޯ މައި ގޯޑް.. އިޒް ދެޓް ޑޭޑް؟ ޑޭޑް ކޮން އިރަކު އައީ؟" އިޒްކާ ސުވާލުތައް ފުލުފުލުގައި އަމުނައިލުމަށްފަހު ޖަވާބަކަށް މަޑުކުރުމެއްނެތި އެ މޭޒާ ދިމާލަށް ހިނގައިގަތެވެ.
"އެއްކަލަ އިރު މެޑިކަލްއަށް ބޭރަށް ދިޔަގޮތަށް އަދިކިރިޔާ ބައްޕަ ރާއްޖެ އެ އައީ.. އިޒޫ މާލެއައި އިރުވެސް ބައްޕަ ނުހުންނާނެ.. އެހެންވެ އެހާ އެކްސައިޓްވެގެން އެ ދިޔައީ" ނަދާލްއަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ޒެފަން ބުންޏެވެ. ދެމީހުން އޮލަ ވާހަކައެއްގައި ޖެހުނުތަނާހެން އެ މޭޒުގައި އިން ނަޝްވާ ހައިރާންވެފައި އިނދެ ބުނެލި ނަމަކަށް ނަދާލްގެ ފުރިހަމަ ސަމާލުކަން ދެވުނެވެ.
"ރާހިލް؟" އެ ނަން އިވުމާއެކު ނަދާލްގެ ހަނދާނުގައި ވަގުތުން ކޮށްޓައިލީ އައިލީންއާއެކު ރެސްޓޯރަންޓުން ދިމާވި މީހާގެ ސޫރަ އެވެ.
"ޝައި؟" ނަޝްވާގެ ހައިރާންކަމާ އެއްވަރުގެ ހައިރާންކަމެއް މާއިޒްގެ އަޑުންވެސް ފާޅުވި އެވެ. މާލަމަށް ވަދެގެން އައި ފުރިހަމަ ޖޯޑަށް ނަދާލް ބަލައިލީ އެހިސާބުންނެވެ. އެމީހުންނެކޭ އެއްފަދައިން ޕާޓީގައިތިބި ގިނަ ބައެއްގެ ލޮލުގައި އެ ދެމަފިރިން އަޅައިގަތެވެ. މަޑު ފެހިކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައިހުރި އިސްކޮޅުން ދިގު ފިރިހެންމީހާއަކީ ރާހިލްކަން ވަކިކުރަން ނަދާލްއަކަށް އުނދަގުލެއް ނުވިއެވެ. ޕާޓީގެ ކުލަ ކަމަށްވާ ފެހިކުލައިގެ ކުރުތާ ހެދުމަކާއެކު ހަމަ އެކުލައިގެ ޝޯލެއް އަޅާލައިގެންހުރި އަންހެނެއް ރާހިލްގެ އަތުގައި ހިފާލައިގެން ހުއްޓެވެ.
ނަޝްވާއާއި މާއިޒް އެކުއެކީގައި ކަހަލަ ގޮތަކަށް އިންތަނުން ތެދުވިތަންފެނި ރާހިލްގެ ދެމަފިރިން ހިނިތުންވުމަކާއެކު އައިސް އެމީހުންނާ ސަލާމްކުރި އެވެ.
"މާއިޒް.. މިތާނގަ؟" ވާހަކަފެށީ ރާހިލްގެ އަންހެނުން ޝައިނާ އެވެ.
"ނަޝްގެ ފެމިލީ ކުއްޖެކޭ ފިރިހެންކުއްޖާއަކީ" މާއިޒް އޮޅުން ފިލުވައިދިނެވެ.
"އޯހް.. އަހަރުމެން މި އައީ ބްރައިޑްގެ ސައިޑުން.. ލީން އެއީ ކޮއްކޮއެއް ކަހަލަ ކުއްޖެއް.. އޭލެވެލް ހެދިއިރު އަހަރުމެންގޭގަ ހުރީ. ދޯ ރާހިލް" ޝައިނާ ރާހިލްއަށް ދޯ ދިނެވެ.
"ހްމްމް. ނަޝް ކިހިނެއްތަ؟" ރާހިލް އަހައިލި އެވެ. "ރަނގަޅު. ރާހިލް ރަނގަޅުތަ؟" ނަޝްވާގެ ސުވާލަށް ރާހިލް ބޯ ޖަހައިލި އެވެ.
"ޒީއާ ދިމާވޭ ކޮންމެ އަހަރަކު އާރް.އެލްގެ އެނުއަލް ގާލާއިން. އަހަރެންނަށް ހީވަނީ ޒީގެ ހަޒްބަންޑް އަދިވެސް ހުންނަނީ އަހަރެންދެކެ ހިތްހަމަ ނުޖެހިފަހެން އެއްކަލަ އަހަރަށްފަހު. އެޓް އެނީ ކޯސްޓް.. ދަ ޕްލޭން ވޯކްޑް" މާއިޒް ހިނިގަނޑެއް ޖަހައިލުމަށްފަހު ބުންޏެވެ. ޝައިނާއާއި ރާހިލް އެކަމަށް އެއްބަސްވެ ދެތިން ބަހެއް ބުނެލުމަށްފަހު އައިލީންމެންގާތަށް ހިނގައިގަތުމުން މާއިޒްމެން އިށީނެވެ.
"ދެން ތިވަރަށް ނުބަލަބަ ޝައިނާއަށް" މާއިޒްގެ އަތުގައި ކޮށްޓައިލަމުން ނަޝްވާ ތުން ދިގުކޮށްލި އެވެ.
"އެހެހެ. ނުބަލަމޭ.. މައިޝާންމެން ތިބި ދިމާލަށް މި ބަލާލީ" މާއިޒް ބުންޏެވެ.
"ޝުއާ.. މާއިޒް އަމިއްލައަށް ބުނީ ސްކޫލްގަ އުޅުނުއިރު އޭނައަށް ކްރަޝްވެގެން އުޅުނު ވާހަކަ" ނަޝްވާ ހިތްހަމަނުޖެހިފައި ބުންޏެވެ.
"އެއީ ހާދަ ކުރިއޭ.. ސާބަސް ނަޝްއަށް.. އޭރު ޝައިއަށް ކްރަޝްނުވާ މީހެއް ސްކޫލުގަ މަދުވާނެ.. އެކަމަކު އަސްލު އަހަރެން އަބަދުވެސް ޝައިއާމެދު ދެކުނީ ސީނިއަރ އެއް ގޮތަށް.. ޝީ އިޒް އަ ބެޗް އޯލްޑަރ ދޭން މީ" މާއިޒް އަމިއްލަ ދިފާއުގައި ބުންޏެވެ.
"އައި އޭމް އަ ބެޗް އޯލްޑަރ ދޭން ޔޫ!" ނަޝްވާ ދެލޯ ކުޑަކޮށްލި އެވެ. މާއިޒްއަށް މި ބުނެވުނީ ގޯސް އެއްޗެއްކަން ރޭކައިލީ އެހިސާބުންނެވެ.
"ޔޫ އަރ ނޮޓް ގެޓިންގް އައުޓް އޮފް ދިސް.. ގުޑް ލަކް ބަޑީ" މާއިޒްގެ ގާތަށް ޖެހިލަމުން އޭނާގެ ކަންފަތް ދޮށުގައި ނަދާލް ބުނެލި އެވެ.
"ޓެލް މީ އަބައުޓް އިޓް. ހައްތަހާ ގޯސް ކަންނޭނގެ މި ކޮށްލެވުނީ" މާއިޒްވެސް ސިއްރުސިއްރުން ބުނެލި އެވެ.
"ދެ މީހުން ކީކޭ ތި ކިޔަނީ؟" އިވުނީ ނަޝްވާގެ އަޑެވެ.
"ބޭބް ޕްލީޒް.. މިރޭ ރާހިލް ނައިސް ރާހިލްގެ ބެސްޓްފްރެންޑް ޕާޓީއަށް އައި ނަމަ ދިސް ކޮންވަރޒޭޝަން ވުޑް ބީ އަ ލޮޓް ޑިފަރެންޓް" މާއިޒް ބުންޏެވެ.
"އަހަރެން ބުނިންދޯ އެއީ މާޒީގަ އަހަރެންނަށް ނުވިސްނުނު އިރުގެ ކަމެކޭ.. އެވާހަކަ ނުދައްކަން މާއިޒް އެއްބަސްވިން ދޯ" ނަޝްވާ ހިތްހަމަނުޖެހިފައި ގޮނޑިން ތެދުވި އެވެ. އަދި މާއިޒްއަށް ފަސްދީ ހިނގައިގަތެވެ.
"ބޭބް އައި އޭމް ޖަސްޓް ކިޑިންގޭ އެހާ ސީރިއަސް ނުވެބަ.. ބޭބް.. ޑޭމްން މިރޭ މި ޖެހުނީ ސޯފާގަ ނިދަން." ނަޝްވާގެ ފަހަތުން ދާން ތެދުވި މާއިޒްގެ ފަހު ޖުމުލަ އިވި އެތަނުގައި ތިބި ނަދާލްއާއި ޒެފަންގެ ގާތަށް ހިނި އައެވެ.
މާއިޒް ނަޝްވާއަށް ގޮވަމުންގޮސް ޕާޓީގެ ތެރެއަށް ގެއްލުމުން ނަދާލް މޭޒުމަތީގައިހުރި ކޯކުތަށި ނަގައި އެއްނޭވާއިން ހުސްކޮށްލި އެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ. ނަޝްވާއާއި މާއިޒްއަށްޓަކައެއް ނޫނެވެ. އެކަހަލަ ކޫސަނި ޒުވާބު ކުރެވުނަސް އޭނާގެ ދޮންތައާއި ދޮންތަބެގެ ދެމެދުގައިވާ ލޯތްބާއި އިތުބާރުގެ މައްޗަށް އޭނާގެ ޔަގީންކަން އޮތެވެ. އޭނާ ކަންބޮޑުވެފައިވަނީ ރާހިލްއާއެކު އައިލީން ރެސްޓޯރަންޓުން ފެނުނު ދުވަހު އޭނާއަށް ކުރެވުނު ކަންތަކާ މެދުގަ އެވެ. އައިލީންގެ މައްޗަށް ވިޔާނުދާ ތުހުމަތުތައްކޮށް އޭނާ އެދުވަހު އައިލީންއާ ދިމާލަށް ނުކިޔަނީ ކީކޭ ހެއްޔެވެ؟ އެ ބަސްތަކުން އައިލީންގެ ހިތަށް ކުރާނެ އަސަރު އެނގުމުން މިއަދު ނަދާލްއަށް ބޮޑު ނުތަނަވަސްކަމެއް ލިބިއްޖެ އެވެ. އެ ދެމަފިރިން އައިލީންއާއެކު ބާއްވަމުންދިޔަ ތާހިރު ގުޅުމުގައި ހަޑި ނަމެއް ޖެއްސުނީތީ ލަދުގެންފި އެވެ. ޕާޓީގައި އައިލީންއަށް ލިބުނު ހަތަރު ޖާގައިގެ ތެރެއިން ދެ ޖާގަ އެ ދެމަފިރިންނަށް ދިނުމުން އެކަނިވެސް އެއީ އައިލީންއަށް ކިހާ މުހިއްމު ދެމީހުންކަން އޭނާއަށް އެނގިއްޖެ އެވެ. ކުޑަމިނުން އައިލީންގެ މައިންބަފައިންވެސް އެ ކައިވެންޏަށް ގެނައީކީ ނޫނެވެ. ވަލީގެ ކަންތައްވެސް ހަމަޖެއްސީ ކޯޓު މެދުވެރިކޮށް ފޯނުގެ ޒަރިއްޔާއިންނެވެ.
"އެންމެފަހުން ނަދާލްއަށްވުރެން ކުރިން މައިޝާން ދޯ މީހަކާ މި އިނީ؟" ޒީނިޔާ އާއި އޭނާގެ ރަހްމަތްތެރިން ތިބި މޭޒުގައި ދެކެވެމުންދިޔައީ އެ ކައިވެނީގެ ވާހަކަތަކެވެ.
"އާން.. އޭ ޒިންނޫ.. ކޮންކަހަލަ ވިޔަފާރިއެއްގަތަ އައިލީންމެން އުޅެނީ؟" ޒީނިޔާގެ ރަހްމަތްތެރިއަކު ސުވާލު ކޮށްލި އެވެ.
"އަހަރެންނަށް ހީވަނީ ކޮންމެވެސް ރަށެއްގެ ކުއްޖެއްހެން" އައިލީންގެ ހަގީގަތް ހާމަކުރަން ޒީނިޔާ ފަސްޖެހުނެވެ.
"އެހެންތަ؟ ކޯއްޗެއް ކިޔަވަނީ؟ އަހަރެން އަޑުއެހިން އިޒްކާ ވަނީ ނާރުގެ ޑޮކްޓަރަކަށޭ" އިތުރު ރަހްމަތްތެރިއަކު އަހައިލި އެވެ.
"އަހަރެންނަކަށް ނޭނގޭ މާ ބޮޑަކަށް ތިކަހަލަ ކަންތައްތަކެއް. މައިޝާންގާތު އަހާލަން ޖެހޭނީ" ޒީނިޔާ ގަދަކަމުންކަހަލަ ގޮތަކަށް މޭޒުދޮށުގައި ތިބި މީހުންނަށް ހިނިތުންވެލި އެވެ. ދުރުގައިހުރި އައިލީންއަށް ބަލައިލިއިރު މީގެ ކުރިން އެ ބެލުމުގައި ހުންނަ އޯގާތެރިކަމާއި ގާތްކަމެއް މިހާރަކު ނެތެވެ. ރަޙްމަތްތެރިންގެ ސުވާލުތަކުން ސިކުނޑީގައި ވަސްވާސް އުފެދި ޙުދު އޭނާއަށްވެސް ދިޔައީ އިޒްކާއާއި އައިލީން އަޅައި ކިޔެމުންނެވެ. ހުރިހާ ގޮތަކުން ބެލިޔަސް އިޒްކާ އައިލީންއަށްވުރެ ފުރިހަމަކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ. މިފަހަރުވެސް ނަދާލްއާ ވާދަކޮށް އޭނާގެ ދަރިފުޅަށް މޮޅެއް ނުލިބުނޭ ހިތް ބުނަން ފެށި އެވެ. އޭނާގެ ނަޒަރުގައި މައިޝާންފަދަ ތަނަވަސް އާއިލާއެއްގެ ކުއްޖަކަށް ހައްގުވަނީ ދެވަނަ އިޒްކާ އެކެވެ. އައިލީންއަށްވުރެ ހުރިހާ ގޮތަކުން ފުރިހަމަ ކުއްޖެކެވެ. ޒީނިޔާއަށް ފޫހިކަމާއެކު ތުން އަނބުރައިލެވުނެވެ.
ޕާޓީ ނިމި، ގިނަ މެހެމާނުން ގެއަށް ދާން ފެށުމުން ނަދާލް އެ ވަގުތަކަށް ފިލަމުން އައި ވަގުތު ޖެހިއްޖެ އެވެ. އާއިލާއާއި ގާތްތިމާގެ މީހުންގެ ފޮޓޯނެގުމަށް ގޮވައިލުމުން އޭނާވެސް ކައިވެނިކުރި ދެމަފިރިންގެ ގާތަށް ދާން ޖެހުނެވެ. އައިލީންގެ ގާތަށް ދާން ޖެހުނެވެ. މައިޝާންގެ އާއިލާ މައިޝާންހުރި ފަޅީގައި މަޑުކޮށްލުމުން ނަދާލްމެންގެ އާއިލާ މަޑުކޮށްލަން ޖެހުނީ އައިލީންހުރި ފަޅީގަ އެވެ. އެމީހުންނާއެކު އިޒްކާވެސް ފޮޓޮއަށް ހުއްޓުނެވެ. އައިލީންއާ އެންމެ ގާތަށް ހުއްޓިލީވެސް އިޒްކާ އެވެ.
"ނެޑް... ޝޭލް ވީ ޑާންސް ފޮޓޯ ނިންމާފަ. ބަލާބަ މިއުޒިކް ރޮމް ކަން.. ލައިޓިންގް ވެސް އެހާ ރީތި" ފޮޓޯ ނަގައިދޭ މީހާގެ އިރުޝާދާ އެއްގޮތަށް މީހުން އެތުރެމުން ދިޔަ ވަގުތު އިޒްކާގެ ގާތުގައިހުރި ނަދާލްއާ ސުވާލުކޮށްލި އެވެ.
"އިޒީ ސްވީޓީ.. ޕްލީޒް އައި ސަކް އެޓް ޑާންސިން.." ނަދާލް ޖަވާބުދެމުން އައިލީންއަށް ބަލައިލީ އެދެމެދުގައި އެ ދެކެވެމުންދާ ވާހަކަ އައިލީންއަށް އިވޭނެކަން ޔަގީން ކުރަމުންނެވެ. އެ ވާހަކައިން އައިލީންއަށް އަސަރެއް ކުރިކަމެއް ނުވަތަ ނުކުރާކަމެއްވެސް ނޭނގެއެވެ. އަދިވެސް ހުރީ ޕާޓީ ފެށުނީއްސުރެން ހުރި ހިނިތުންވުމުގަ އެވެ.
"ނަންސެންސް! ނެޑް.. ޔޫ އަރ އިޓާލިއަން! ޔޫ ކޭން ޑާންސް! ކަމޯން.. ޕްލީޒް.." އިޒްކާ ކުރެއްނުކުރި އެވެ.
"އިޒޫ އައި ޑޯންޓް ޑާންސް އޯކޭ؟ އެންޑް އޮފް ޑިސްކަޝަން!" ނަދާލްގެ އަޑަށް ހަރުކަށިކަން ވެރިވި އެވެ. އޭނާ އެ ހެދީ ކަނޑައެޅިގެން ދޮގުކަން އައިލީންއަށް އެނގޭނެކަން ޔަގީންވާތީ މިފަހަރުވެސް އެ ޖަވާބަށްފަހު ބަލައިލެވުނީ އައިލީންއާ ދިމާލަށެވެ. އެވަގުތުވީ ކެމެރާގެ ފްލޭޝްވެސް ކެނޑުނު ވަގުތަށެވެ.
ފޮޓޯ ނަގައި ނިމުމުން ނަދާލް އަވަސް ފިޔަވަޅުތަކެއްގައި ގޮސް މާލަމުން ނުކުތީ ދެން އިތުރަށް އިޒްކާއާއި އައިލީންގެ ކުރިމަތީގައި ހުންނަން ބޭނުން ނުވުމުންނެވެ. ގެއަށް އައިސް އޭނާ އަވަސްވެގަތީ ސިކުނޑިއަށް ލުޔެއް ހޯދައިލުމަށްޓަކައި ފެންވަރައި ތާޒާވެލުމަށެވެ. ފެންވަރާލައިގެން ނުކުމެ ކަކުލާ ހަމައަށްދާ ސޯޓެއް ގަޔަށް މަހައިލަމުން ނިދަން ތައްޔާރުވެލި އެވެ. މާދަމާގެ އިރާއެކު މިރޭ ހިނގައިދިޔަ ކަންތައްތައް ހުވަފެނެއް ފަދައިން ހަނދާން ނެތިދާނޭކަމަށް އުއްމީދު ކުރަމުންނެވެ. ނަމަވެސް އެރޭގެ ނިންޖަށްޓަކައި އޭނާ ކުރަންޖެހުނީ މޮޅުވުމެއް ނެތް ހަނގުރާމައެކެވެ. ލޯ މަރައިލާ ކޮންމެ ފަހަރަކު ސިފަވެގެންދަނީ ކައިވެނީގެ ހެދުމުގައިހުރި އައިލީންގެ ހަނދެއްފަދަ ސޫރަ އެވެ.
މިނެޓަކަށްފަހު މިނެޓެއް ފާއިތުވަމުންގޮސް ދެތިން ގަޑިއިރު ފާއިތުވެ ދިޔައިރުވެސް އޭނާއަކަށް ނުނިދުނެވެ. އެންމެފަހުން، އޭނާ ކޮޓަރިން ނުކުމެ ސިޓިންގްރޫމުގެ ދެކޮޅަށް ކުރުކާލި ކަނޑަންފެށި އެވެ. ހިތް ނޭދޭ އެތައް ހިޔާލުތަކުން އޭނާގެ ސިކުނޑި ކަމުންދިޔަ އެވެ. އޭނާގެ ލޯ ކުރިމަތީގައި އައިލީން އެ ވަނީ މައިޝާންގެ ހައްގަކަށްވެފަ އެވެ. އޭނާގެ ކިބައިން ބަދަލުހިފުމުގެ ނިޔަތުގައިވިޔަސް މައިޝާން އެ ހައްގުގެ ބޭނުން ހިފެން އޮތް ގޮތެއްގައި ހިފާނެކަން ނަދާލްއަށް ޔަގީންކުރެވެ އެވެ. އަދި އައިލީންއަކީ ފިރިއަކަށް ނުކިޔަމަންތެރިވާނެ ކުއްޖެއް ނޫންކަންވެސް ނަދާލް ދަނެ އެވެ. މިރޭ އެދެމެދުގައި ކަންތައްތައް ހިނގައިދާނޭ ގޮތާމެދު ވިސްނައިލެވުމުން ނަދާލްގެ މޭގައި އާދަޔާ ހިލާފު ރިހުމެއް އުފެދުނެވެ. އެ ރިހުމަށް ކެތްކުރަން މަސައްކަތް ކުރާހާލު ނަދާލްއަށް މޭގައި އަތް އަޅައިލަމުން ސޯފާގައި އިށީނދެވުނެވެ. އޭރު އޭނާގެ ހިތް ހީވަނީ ދެންމެދެންމެ މޭފަޅައި ނުކުމެދާނެހެނެވެ. އޭނާގެ ލޮލުން ނަގަންފެށި ދިލައަކީ އެރޭގެ އިރާކޮޅު އައިލީންއާއި މައިޝާންގެ ކައިވެނީގެ ހުތުބާ އިވުނު ވަގުތު ނެގި ދިލައަށްވުރެވެސް ހާސްބައި ވޭންހުރި ދިލައެކެވެ. އެ ދިލައާއެކު އޭނާގެ ކޯތާފަތަށް ތެތްކަމެއްގެ އަސަރު ކުރަންފެށި އެވެ. ނަދާލް ހައިރާންވެފައިހުރި އޭނާގެ ލޮލުގައި އަތްޖައްސައިލި އެވެ. އިނިގިލިތަކުގެ ކުރިން ފެނުނު ކަރުނައިގެ އަސަރާއެކު ދެ ތުންފަތް ފޫ އަޅުވައިލައި ނުކުތް މަޑު ގިސްލުމުގެ އަޑުން ޙުދު އޭނާއަށްވެސް ލިބުނީ ސިހުމެކެވެ. އުމުރުން އެންމެ ދިހަ އަހަރުގައި، މަންމަ ނިޔާވި ދުވަހަށްފަހު އެއްވެސް ސަބަބަކާހުރެ ގިސްލައި ނުވަތަ ކަރުނައަޅައި ރޮވުނު ދުވަހެއް އޭނާގެ ހަޔާތުގައި ނާދެ އެވެ. މުޖުތަބާ މަރުވި ދުވަހުވެސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. ހަމައެކަނި ފެންކަޅިވެފައި ހުރެވުނީއެވެ. އެއީ އޭނާއަށް ނާދިރު ކަމެއްކަމުގައި ހީވެފައި ވަނިކޮށް މިރޭ ކަންތައް މިވީ ކިހިނެއް ހެއްޔެވެ؟
ކޮންމެއަކަސް ނަދާލްއަށް މިރޭ އޭނާގެ ކަރުނަތައް ކޮންޓުރޯލެއް ނުކުރެވުނެވެ. ފާއިތުވެދިޔަ ސާދަ އަހަރުގެ އުދާސްތައް އެއްފަހަރާ އެ ކަރުނަތަކުގެ ޒަރީއްޔާއިން މިނިވަންވެއްޖެ ކަހަލަ އެވެ. ފަސްމިނެޓެއްހާއިރު މޫނުގައި ދެއަތް އަޅާލައިގެން އިނުމަށްފަހު މޫނު ފޮހެލައިގެން އޭނާ އެޕަރޓްމެންޓުން ނުކުތެވެ. ޒީނިޔާމެން އުޅެނީ އޭނާއަށްވުރެން އެންމެ ފަންގިފިލާއެއް މަތީގައިކަމުން ނަދާލް ލިފްޓަށް އެރުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ދުއްވައިގަތީ ސިޑިން މައްޗަށެވެ. ޒީނިޔާމެން އުޅޭ އެޕަރޓްމެންޓްގެ ބަދަލުގައި އޭނާ މަޑުކޮށްލީ އެ ފަންގިފިލާގައި ދެން ހުންނަ އެޕަރޓްމެންޓްގެ ދޮރު ކައިރިއަށެވެ. ކުރިން ހުސްކޮށް ހުންނަ އެ އެއްކޮޓަރީގެ އެޕަރޓްމެންޓް ވަނީ މީގެ ދެތިންދުވަސްކުރިން ފަރުނީޗަރު ވައްދައި އަލަތު ދެމަފިރިންނަށް ތައްޔާރުކޮށްފަ އެވެ. އެ އެޕަރޓްމެންޓްގެ ބެލް އެޅުމަށްޓަކައި ހިއްލައިލި އަތް ނަދާލްއަށް ތިރިކޮށްލެވުނީ ކުރެވެން އުޅެނީ ކިހާ މޮޔަކަމެއްކަން ރޭކައިލުމުންނެވެ.
ނަދާލް ތިރިއަށްގޮސް އަމިއްލަ އެޕަރޓްމެންޓަށް ވަނެވެ. އެހެނަސް އެއީ އޭނާއަށް ކުރެވުނު މާ ރަނގަޅު ކަމެއްހެން ހިއެއްނުވެ އެވެ. މިވަގުތު އެ ތަނަވަސް އެޕަރޓްމެންޓް އޭނާއަށް ޖަލެއް ފަދަ އެވެ. އެތަނުގައި އޭނާއަށް ނޭވާލެވޭހާ ޖާގައެއް ނެތެވެ. ހަތަރު ފާރުގެ ތެރޭގައި އޭނާ ފިތެމުންދަނީ އެވެ. ނަދާލް އަނެއްކާވެސް ބޭރަށް ނުކުމެ ސިޑިން މައްޗަށް ހިނގައިގަތެވެ. އައިލީންމެންގެ އެޕަރޓްމެންޓް ބޭރުގައި ހުއްޓިލައިގެން އިރުކޮޅަކު ހުއްޓެވެ. އަނެއްކާވެސް ތިރިއަށް ފޭބި އެވެ. މައްޗަށް އަރައިލި އެވެ. ތިރިއަށް ފައިބައި ސިޑި މަތީގައި އިށީނދެލި އެވެ. މޮޔައެއްހެން އެތައްއިރަކު ސިޑިމަތީގައި އެނބުރުމަށްފަހު އޭނާ މައްޗަށް ގޮސް ޒީނިޔާމެން އުޅޭ އެޕަރޓްމެންޓްގެ ދޮރުގައި ޓަކި ޖަހަންފެށި އެވެ.
"މައި... މައި" ނަދާލް ގޮވަންފެށީ އެއްވެސް ވަރަކަށް މައިރާއަށް އެ އަޑު އިވިދާނެކަމުގެ އުއްމީދުގައެއް ނޫނެވެ. އެހެނަސް އޭނާ ދެފަހަރު ގޮވައިލި ތަނާހެން މައިރާ އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވި އެވެ. "ނެޑް؟"
"ކެން އައި ކަމް އިން؟ އިތުރަށް އެންމެ މިނެޓެއް އެކަނި ހުންނަން ޖެހުނަސް މިރޭ އަހަރެން މޮޔަވެދާނެ" ނަދާލްއަށް ބުނެވުނެވެ.
"ކިހިނެއްވީ ނެޑް؟ އޮފްކޯސް ކަމް އިން" މައިރާ ބުންޏެވެ. ދެމީހުން އެކުގައި ގޮސް ވަނީ މައިރާގެ ކޮޓަރިއަށެވެ. އޭރު ހުޅުވާފައިވާ ލަގެޖު ފޮށްޓެއް މައިރާގެ އެނދުމަތީގައި ހުރިއިރު ހެދުން އަލަމާރިވެސް ހުރީ ހުޅުވާލައިފަ އެވެ.
"ހާދަ ފިންޏޭ" ކޮޓަރީގައިވާ އޭސީގެ ފިނިން ނަދާލް ހީކަރުވައިގަތެވެ.
"އެހެން ދޯ ވާނީ މިގަޑީގަ ޓީޝާޓެއް އެއްޗެއް ނުލާ ނުކުމެ އުޅެންޏާ" އަލަމާރީގެ ތެރެއިން ނެގި ބޯ ފޮތީގެ ސްކާރފެއް ނަދާލްއާ ދިމާލަށް ހޫރައިލަމުން މައިރާ ބުންޏެވެ. ނަދާލް އެ ސްކާރފް ކޮނޑުމަތިން ވައްޓައިލަމުން އެނދުގައި އިށީނެވެ. "މިހާ އަވަހަށް ފުރަނީތަ؟" އޭނާ އަހައިލި އެވެ.
"ހްމްމް.. ހެނދުނު ފްލައިޓް.. ނެޑްއެއްނު ހަމަޖެއްސީ-" ވާހަކައިގެ ތެރެއިން ނަދާލްއަށް ބަލައިލެވުނުހިނދު މައިރާގެ ވާހަކަ މެދުކެނޑިއްޖެ އެވެ. ކޮޓަރީގައި ހުރި ހުދު އަލީގައި ނަދާލްގެ ރަތްވެފައިހުރި ދެލޯ އޭނާއަށް ފެނުނީ އެވެ. "ނެޑް؟ ހަމަ މިހާރު ބުނޭ.. ކިހިނެއްވީ؟" މައިރާ ފަތްޖަހަން ހުރި ހެދުން ފޮށީގެ ތެރެއަށް ދޫކޮށްލުމަށްފަހު ނަދާލްގާތު އިށީނެވެ.
"މައި.. އައި މެސްޑް އަޕް!" ނަދާލް ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަ ފެށި އެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ