އެފްއޭއެމްގެ ޚިޔާނާތުގައި ހިމެނޭ އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަނީ
އެފްއޭއެމްގެ ޚިޔާނާތާ ގުޅިގެން އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ. އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި އަގީލް ހިމެނެއެވެ. އެފްއޭއެމްގެ ޚިޔާނާތާ ގުޅޭ ގޮތުން މިއަދުގެ އަޑުއެހުން ތާވަލުކުރީ އަގީލްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އޭނާ މިއަދު ކޯޓަށް ހާޒިރުވެފައި ނުވާތީ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޝަރީއަތުން ވަނީ އަގީލް ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަން އަންގާ އަމުރު ނެރެން ނިންމައިފައެވެ. އަގީލްގެ މައްޗަށް ދައުވާކުރަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ. ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރެވެ. ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ އަނެއް މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ