އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން އިންޑިއާއާ އެކު މަޝްވަރާކޮށްފި
އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ދިވެހިރާއްޖެއިން އިންޑިއާއާ އެކު މަޝްވަރާކޮށްފިއެވެ. އިންޑިއާގެ ވެރިރަށް ދިއްލީގައި އޮތް އަށްވަނަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) އެސެމްބްލީގެ ހަވާސާގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ޙުސައިން ޢަޤީލް ނަޞީރު ވަނީ އިންޑިއާގެ އިޔާދަކުރަނިވި ހަކަތަ، ކޮންސިއުމަރުންގެ ކަންތައްތައް، ކާނާ އަދި އާންމު ބެހެނިވެރިކަމާ ބެހޭ މިނިސްޓަރު ޝްރީ ޕްރަލްހާދު ވީ ޖޯޝީއާ ބައްދަލުކުރައްވާފައެވެ. ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ބުނީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ގައުމުން ވާހަކަދެއްކީ އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ކަމަށެވެ. އެގޮތުން، މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކޮށް، އެ ދާއިރާގައި އައު މަޝްރޫއުތައް ފެށުމަށްޓަކައި، އެކި ގޮތްގޮތުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ތަފުސީލީ މަޝްވަރާތައް ކުރައްވާފައެވެ. ޙުސައިން ޢަޤީލް ވަނީ ރާއްޖެއަކީ ކުދި ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމެއްކަމުން، ސޯލާ ހަކަތަ ފަދަ އިޔާދަކުރަނިވި ހަކަތައަކީ ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. https://sun.mv/197192 ފަތުރުވެރިކަމާއި ތިމާވެށީގެ ކަންކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އިންޑިއާގެ މިނިސްޓަރު ޝްރީ ޕްރަލްހާދު ވީ ޖޯޝީ ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން އިންޑިއާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. ދެ ގައުމުގެ މެދުގައި މިފަދަ މަޝްރޫއުތައް ހިންގުމަކީ، ތިމާވެއްޓަށް ރައްކާތެރިވެ، ދެ ގައުމުގެ ހަކަތައިގެ ބޭނުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މުހިންމު ކަމެއް ކަމަށް ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި ކަމަށް ވުޒާރާއިން ބުންޏެވެ. އައިއެސްއޭ އެސެމްބްލީއަކީ ދުނިޔޭގެ އެކި ގައުމުތަކުން ސޯލާ ހަކަތަ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ބައްދަލުކުރާ މުހިންމު ފޯރަމެކެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާވެ، ހަކަތައިގެ ދާއިރާގައި އިތުރު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވުޒާރާއިން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ހަކަތަ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ދަ ބްލޫ ޕްލެނެޓް ކްލައިމެޓް އެއްބަސްވުމުގައި ރާއްޖޭން ވަނީ ސޮއިކޮށްފައެވެ. މި އަހަރުގެ މެއި މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 2050 ވަނަ އަހަރު ޖެހޭއިރަށް ރާއްޖޭގައި މުޅިން އެއްކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ