ބަޖެޓް 2026އިން ފެންނަންވީ ހަރަދު ކުޑަ ދަރަނި ދައްކާނޭ މަގެއް

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓް މާލީ ވަޒީރު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާނެ އެވެ. އަންނަ އަހަރަކީ ރާއްޖޭގެ މާލީ ތާރީހުގައި އަންނާނޭ ބޮޑު އިމްތިހާނެއްގެ އަހަރެކެވެ.
ރާއްޖެއިން އެއް ފަހަރާ އަންނަ އަހަރު 600 މިލިއަން ޑޮލަރު ބޭރުގެ ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކާ ހަލާސްކުރަން ޖެހެ އެވެ. އޭގެ ތެރެއިން ބޮޑު އަދަދަކީ 2021ގައި ރާއްޖެއިން ބޭރުގެ މާލީ ބާޒާރުގައި ވިއްކާފައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސްކޫކެވެ. އެ ފައިސާ އެއް ފަހަރާ ދެއްކުން ނޫން ގޮތެއް ނުވަތަ ބޮޑު އިންޓަރެސްޓަކާ އެކު ދެއްކުން ލަސްކުރުން ނޫން ގޮތެއް ނޯންނާނެ އެވެ. 
ރާއްޖޭގެ އިގްތިސާދަށް އޮތް ގޮންޖެހުންމަކީ އަހަރުން އަހަރަށް ފުނި ޖެހެމުން އަންނަ ދަރަނީގެ ފަރުބަދަ އާއި ހަރަދު ބޮޑުވެ އަހަރުން އަހަރަށް ބޮޑުވަމުން އަންނަ ބަޖެޓް ޑެފިސިޓެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދެއްކެވި މާލީ އަދި އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓް ވާންވީ ހަރަދު ކުޑަކޮށް ދަރަނީގެ ފަރުބަދަ ކުޑަކުރާނޭ މަގު ދައްކައިދޭ ބަޖެޓަކަށް ކަމަށެވެ.
އެކަން ހާސިލްކުރަން އަންނަ އަހަރުގެ ބަޖެޓް އޮންނަންވީ ކިހިނެއް ހެއްޔެވެ؟ 
ތަޖުރިބާކާރުން ވިދާޅުވީ ބަޖެޓް 2026އިން އެންމެ ބޮޑަށް ފެންނަންޖެހޭނީ ކޮށުި ނާރައި ދަރަނި ދެއްކޭނޭ ސާފު މަގެކެވެ. އެކަމަށް ހާއްސަ ބާބެއް ބަޖެޓުގައި އޮންނަން ވާނެ އެވެ. 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކާނެ ގޮތެއް، މި ބަޖެޓްގައި ސާފުކޮށް ހިމަނައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބަޖެޓް ބަހުސްގެ ތެރެއިން މަޖިލީހުގައި އެންމެ ފުންކޮށް ހިނގަން ޖެހެނީ އެ ބަހުސް އެވެ. 
ބަޖެޓް ޑެފިސިޓް ފައިނޭންސް ކުރުމަށް މިއަހަރުގެ ބަޖެޓުގައި ރާވާފައި އޮތް ގޮތަށް އެކަމެއް ނުހިނގަ އެވެ. ބަޖެޓް ދަރަނި ނުވަތަ ޑެފިސިޓް ފޫބައްދަން ބޭނުންވާ ފައިސާގެ ތެރެއިން %62.6 ހޯދަން އޮތީ ރާއްޖެއިން ބޭރުންނެވެ. އެކަމަކު، އެ އަދަދާ ގާތަށް ވެސް ރާއްޖެއިން ބޭރުން ފައިސާ ލިބޭ ގޮތެއް މިއަހަރު ނުވި އެވެ. 
އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ހަގީގަތުގައި ފައިސާ ހޯދޭނޭ ގޮތްތަކެއް ބަޖެޓުގައި ހިމަނަން ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ބަޖެޓް ޑެފިސިޓް ކުޑަކޮށްލަން ޖަހާލާ ހިޔާލީ އަދަދަކަށް ވެގެން ނުވާނޭ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
އިގްތިސާދީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި މިއަހަރުގެ ބަޖެޓުގައި އާ ދަރަނި ނަގަން ޖެހޭނީ ވަރަށް ޒަރޫރީ ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ކަންކަމަށެވެ.
މީގެ އިތުރަށް ބޭރުން ފައިސާ ހަމަޖެހިފައިނުވާ މަޝްރޫއުތައް ބަޖެޓްގައި ހިމެނުން ހުއްޓާލަން ޖެހޭކަމަށް އެބޭފުޅުން ވިދާޅުވި އެވެ. ދަރަނި ބޮޑުވުން ކޮންޓްރޯލް ކުރުމަށް އެ ފިޔަވަޅު މިވަގުތަށް މުހިންމުކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.
"މެދު ރާސްތާއެއްގައި ޖީޑީޕީގެ %100 އަށް ވުރެ ދަށަށް ރާއްޖޭގެ ދަރަނި ގެނައުމަށް އަމާޒު ހިފަން ޖެހޭ،" ނަން ނުޖަހާ ގޮތަށް އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.
ގިނަ މާލީ ދާއިރާގެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ހަރަދު ކުޑަކުރުމުގެ ގޮތުން މަޝްރޫއުތައް ފަދަ ކަންކަން މަދުކުރާއިރު އިގްތިސާދީ ކުރިއެރުމަށް އަސަރު ކުރާނޭ ވަރު ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ. އެހެންވެ، ބަޖެޓުގައި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަން ޖެހެ އެވެ. އެ ސިޔާސަތާ ނުލާ ދަރަނިތައް ދައްކަން އުނދަގޫވާނޭ ކަމަށް އެބޭފުޅުން ފާހަގަކުރައްވަ އެވެ.
"ހަރަދު ކުޑަކުރުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ހީނަރުކަމެއް ނާންނާނެ މެދުފަންތީގެ ސިޔާސަތުތަކެއް ބޭނުންކުރަން ބަޖެޓުގައި ތަފްސީލްވެފައި އޮންނަން ޖެހޭ،" ކުރިން ވެސް ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.
އެގޮތުން ކުރަން ބަޖެޓުގައި ހިމެނޭނެ ބައެއް ކަންކަމުގެ ގޮތުގައި އޭނާ ވިދާޅުވީ: 
ޓެކްސް އާމްދަނީން ހިންގަން ރާވާ ޕީއެސްއައިޕީ މަސައްކަތްތައް މަޑު ޖައްސާލުން؛ މިސާލަކަށް، ފުޓްސަލް ދަނޑު، ޖިމް ފަދަ ތަންތަން ހެދުން ހުއްޓާލުން
ހިންގުމުގެ ހަރަދުތައް މަދުކުރުން؛ މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުން 
 ނަމަވެސް މުޅި ގައުމުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ދެމެހެއްޓުން މުހިންމު ކަމަށް އެބޭފުޅާ ގަބޫލުކުރައްވަ އެވެ.
"އެހެން ނޫނީ އިގްތިސާދުން ނަގާ ހިޓް ވަރަށް ބޮޑުވާނެ. އެހެންވެ ޕީއައިސްއައިޕީ އެއްކޮށް ހުއްޓާ ނުލެވޭނެ،" އެބޭފުޅާ ވިދާޅުވި އެވެ. 
ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ އެއް ފިޔަވަޅަކީ ދިގު މުއްދަތުގައި ސިވިލް ސާވިސް އަދި ސަރުކާރުގެ މުވައްޒަފުންގެ އަދަދު %10-8 މަދުކުރުން ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. 
އޮފީސް ހަރަދުތައް ކުޑަކުރުމަށް ބަޖެޓުގައި ސަމާލުކަން ދީފައި އޮންނަން ޖެހެ އެވެ.
މީގެ ކުރިން ބަޖެޓް އެކުލަވާލުމުގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ސަބްސްކްރިޕްޝަނާއި އިންޓަނެޓަށް ކުރަން ޖެހޭ ހަރަދު ފާހަގަކޮށްލެވޭ ވަރަށް ދަނީ ބޮޑުވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކަނީ ތިން އަހަރު ތެރޭ އެ ހަރަދު 100 މިލިއަނުން 500 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް މި ބަޖެޓުގައި މުހިންމެވެ. 
ސަބްސިޑީ ނިޒާމަށް ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިހާރުގެ ނިޒާމު އޮތީ މުއްސަނދިންނަށް ފަގީރުންނަށް ވުރެ ބޮޑަށް ފައިދާވާ ގޮތަށެވެ. އަދި ސަބްސިޑީ ދޭ މަގުސަދާ މެދު ވެސް ވިސްނަން ޖެހެ އެވެ. ކާޑުގެ ބައެއް ބާވަތްތަކަށް ސަބްސިޑީ ދިނުމާ މެދު ވިސްނަން ޖެހޭ ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މުއްސަނދިންނަށް ފައިދާވާ ގޮތަށް ހުރި ސަބްސިޑީތައް މަދުކޮށް، ފަގީރުންނަށް އެހީތެރިވާނެ ގޮތްތަކެއް ހޯދުން މި ބަޖެޓުގައި މުހިންމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް މިއަހަރުގެ ބަޖެޓުގައި ދޭން ކަނޑައެޅީ 378.3 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް 1.5 ބިލިއަން ރުފިޔާ ކުންފުނިތަކަށް މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ މަޝްރޫއުތައް ހިންގަން އެސްއޯއީތަކާ ހަވާލުކުރަމުން ދިޔުމެވެ. 
ޕްރޮޖެކްޓްތައް ހިންގުމަށް އެސްއޯއީތަކަށް ދޭ ދިނުން ހުއްޓުވާ މަންޒަރު ބަޖެޓުން ފެންނަން ޖެހޭ ކަމަށް އިގްތިސާދީ، މާލީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. އަދި ކުންފުނިތަކަށް ދޭ ފައިސާ އަކީ ވެސް ޑެފިސިޓް ކުޑަކުރަން ހަރަދުގެ ގޮތުގައި ނުބަލާ އޮންނަ އޮތުމަށް ބަޖެޓުގައި ނިމުމެއް އަންނަން ޖެހޭ ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.
އެހެންވެ، އެސްއޯއީ އިސްލާހު މުހިންމު ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.
މީގެ އިތުރަށް ޕެންޝަން ނިޒާމަށް އިސްލާހު ގެނައުން ވެސް ބަޖެޓުގެ އެޖެންޑާގައި އޮންނަން ޖެހެ އެވެ.
'ދައުރު'އާ ވާހަކަ ދެއްކެވި މާލީ އަދި އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވި ގޮތުގައި އަންނަ އަަހަރުގެ ބަޖެޓުގެ ޖުމްލަ 46 ބިލިއަން ރުފިޔާގެ ތެރޭ ހިފަހައްޓަން ޖެހެ އެވެ. އެއީ ނޮމިނަލް  ޖީޑީޕީގެ %38 އެވެ.
އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓް 64 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި އޮތީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންވުމުން މިއަހަރުގެ ބަޖެޓަށް ވެސް 7.6 ބިލިއަން ރުފިޔާ އިތުރުވަނީ އެވެ. 
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވެސް ޖީޑީޕީގެ %5 އަށް ވުރެ ބޮޑުނުވާނެ މިންވަރެއްގައި ބެހެއްޓުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.
މިކަންކަން ހާސިލް ކުރުމަށްޓަކައި، ހަރަދުތައް ކޮންޓްރޯލް ކުރަން ޖެހެ އެވެ. އަހަރުމެންގެ އާމްދަނީ ރަނގަޅެވެ. މައްސަލައަކީ ހަރަދު ބޮޑުވުމެވެ. އަހަރުމެން ކިތަންމެ ހާސްނުވާ ކަމަށް ދެއްކިއަސް އަންނަ އަހަރު 1 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ރާއްޖެ ދައްކަން ޖެހެ އެވެ. އަންނަ އަހަރުގެ ބަޖެޓް ވާންވީ އެ ބިރުވެެރި އަދަދުން މިންޖުވެވޭނޭ މަންޒަރެއް ދައްކާ ބަޖެޓަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ