ތިން މިނިސްޓްރީ އަނދައި ހުލިވުން: 320 ދުވަސްވީއިރު ވެސް ތަހުގީގުގެ އަޕްޑޭޓެއް ނެތް ތިން މިނިސްޓްރީ އަނދައި ހުލިވުން: 320 ދުވަސްވީއިރު ވެސް ތަހުގީގުގެ އަޕްޑޭޓެއް ނެތް

މިދިޔަ އަހަރުގެ ޑިސެމްބަރު 12، ގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާއަށް 320 ދުވަސްވީއިރު ވެސް ތަހުގީގުގެ އެއްވެސް އަޕްޓޭޑެއް ފުލުހުން ހާމަނުކުރި އެވެ.
ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަދަދު އިން ތަކުރާރުކޮށް ފުލުހުންނާ ސުވާލުކުރުމުން ވެސް މިހާތަނަށް އެއްވެސް އަޕްޑޭޓެއް ދީފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.
އެ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17، ގައި ފުލުހުން އިއުލާނު ކުރި އެވެ. އެ ދުވަހު ފުލުހުން އެދުނީ ތިން މިނިސްޓްރީ އެނދި އަލިފާނުގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކުރުމަށެވެ.
އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ޑިސެމްބަރު 20، ގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ ޑިސެމްބަރު 22، ގަ އެވެ. އެކަން ފުލުހުން ހާމަކުރީ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
އިންޑިއާއިން އައި ޓީމުގެ ހޯދުންތަކާ ގުޅޭގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް މި ނޫހުން ސުވާލުކުރުމުން ވެސް ފުލުހުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ފުލުހުން ހިންގާ ބޮޑެތި ތަހުގީގުތައް ކޮޅެއްގައި ނުޖެހޭ ކަމުގެ ޝަކުވާ ގިނައިރު، އެ ތަހުގީގުތަކާ ބެހޭ މައުލޫމާތު ނުދޭތީ ވެސް ފާޑުކިޔުން ބޮޑެވެ. ފުލުހުންނާ ސުވާލުކުރުމުން ތަހުގީގު ކުރިއަށްދާ މައްސަލަތަކެއް ކަމަށް ބުނެ އިތުރު އެއްވެސް މައުލޫމާތެއް ގިނަ ފަހަރު ނުދެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.
އެނދި މިނިސްޓްރީތަކުގެ ހިދުމަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކޮށްފައިވާއިރު، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ މިހާރު ވަނީ އެއްކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ