މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފި އެވެ.
ދިރާގުން ބުނާ ގޮތުގައި އެ ކުންފުނިން ރޯޑް ރޭސް ބޭއްވުމަށް ބޭނުންކުރި ކަރަންޓު މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސަންޓު އޮފް-ސެޓް ކުރި އެވެ.
އެ އިސްނެގުމުގެ މަތިން، ރޯޑް ރޭސް ކުރިއަށްގެންދިޔަ ސަރަހައްދުގައި ދިރާގުން ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މެދުވެރިކޮށް 1040 ކިލޯވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފައްދައި، 645 ކިލޯގްރާމްގެ CO₂ ވައިގެ ތެރެއަށް ދިއުމުން ވަނީ ސަލާމަތްކޮށްފަ އެވެ.
"މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓެކްނޮލޮޖީ އަދާކުރާ މުހިންމު ދައުރު އިތުރަށް ދައްކުވައިދޭ ކަމެއް. އަދި މިއީ، ތިމާވެއްޓަށް ގެއްލުން ނުވާނެހެން ޒިންމާދާރުކަމާއެކު މި ފަދަ ބޮޑެތި ހަރަކާތްތައް ބޭއްވިދާނެކަން ސާބިތުކޮށްދޭ ކަމެއް،" ދިރާގުން ބުންޏެވެ.
މި ހަރަކާތުގައި ބޭނުންކޮށްފައިވާ ސޯލާ ޕެނަލްތައް މި ހަރަކާތަށްފަހު ދެން ބޭނުންކުރާނީ ދިރާގުން މިހާރު ވެސް ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ދަށުން ދިރާގުން ވަނީ 95 ރަށެއްގައި ސޯލާ އިންސްޓަލޭޝަން ގާއިމުކޮށް އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. އެ ކުންފުނިން ބޭނުންކުރާ ޖުމްލަ ހަކަތައިގެ 19 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތަ އެވެ. ދިރާގުން ބުނީ އޭގެ ސަބަބުން ކޮންމެ އަހަރަކު 2،053 ޓަނުގެ CO₂ ވައިގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދެ އެވެ.
މީގެ އިތުރުން، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް މަދު ކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، 2019 ވަނަ އަހަރުން ފެށިގެން ޑީއެމްއާރްއާރްގައި ދުވުންތެރިންނަށް ހާއްސަ ވޯޓާ ސްޓޭޝަންތަކެއް މެދުވެރިކޮށް ފެން ވަނީ ފޯރުކޮށްދީފައެވެ. އެ އިސްނެގުމުގެ ދަށުން، މި އަހަރު 18،000 ޕްލާސްޓިކް ފެންފުޅި ވަނީ މަދުކުރެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް އަދި ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ މުހިންމު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.
ދިރާގު ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް އައު ލަނޑުދަނޑިއެއް ދިރާގު ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް އައު ލަނޑުދަނޑިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ