މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލި މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނިންމުން ބަދަލު ކުރުމަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ޕާޓީ އަލުން ސިޔާސޕީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަންސްއިން ހުއްދަ ދިނީ 2018 ވަނަ އަހަރު އެވެ. ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީގައި 3،000 މެންބަރުން ހަމަނުވާތީ ޕާޓީ އުވާލިކަން އިލެކްޝަންސް އިން އިއުލާނު ކުރީ 15 މާޗު 2023 ގަ އެވެ.
ތަފްސީލް - އީސީއިން އޭރު ބުނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަކޮށްފައި ނުވާތީ ކަމަށެވެ.
ޕާޓީ އުވާލުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުގައި ރެޖިސްޓާކުރީ 5 ޖުލައި 2023 ގަ އެވެ.
އެ މައްސަލާގައި އެމްއެލްއެސްޑީޕީއިން ބުނެފައި ވަނީ މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެ ޕާޓީއަށް ނޭނގި، ޕާޓީން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އީސީއިން ޕްރޮސެސް ކުރުމުން މެންބަރުން ހަމަކުރަން ދިން ސުންގަނޑި ހަމަވިއިރު ގާނޫނީ އަދަދަށް ވުރެ ދެ މެންބަރުން މަދުކަމަށް އީސީއިން އެންގި ކަމަށެވެ.
ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ އެ ޕާޓީ އުވާލާފައި ވާތީ، އެމްއެލްއެސްޑީޕީއިން އެދިފައިވަނީ އެ ޕާޓީ އަކީ 17 މާޗު 2022ގައި ދިން ނޯޓިހާ އެއްގޮތަށް 3،000 މެންބަރުން ހަމަވާ ޕާޓީއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މިދިއަ މަހު 30ގައި ގާޒީ ސިނާން އަލީ ހުކުމްކުރައްވާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިނުވާކަމަށް އީސީއިން ނިންމި ނިންމުން ރިވިއުކުރުމަށެވެ. އަދި އެއީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.
ކޯޓުން އެންގުމުން އެމްއެލްއެސްޑީޕީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ