އެންމެފަހުން ހުސައިންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެންމެފަހުން ހުސައިންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

މާލޭގެ އާންމު ތަނެއްގައި ފުލުހުން އޮޕަރޭޝަނެއް ހިންގި ވަގުތު ފޮޓޯއެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ހުސައިން ހަސަންއަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުމުން އޭނާއަށް ދައުވާ ނުކުރަން އެ އޮފީހުން ނިންމައިފި އެވެ.
ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާން އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ހުސައިންގެ މައްޗަށް ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އާންމު ގޮތެއްގައި މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފުލުހުން ފޮނުވާނީ ޑިއުޓީ ޕްރޮސެކިއުޝަންގައި ޕީޖީއާ މަޝްވަރާ ކުރުމަށްފަހު އެވެ. އެގޮތުން މި މައްސަލައިގައި ވެސް ޕީޖީއާ މަޝްވަރާ ކުރި ކަމަށް ބެލެވެ އެވެ.
ހުސައިންގެ މައްޗަށް ދައުވާ އުފުލިކަން މީޑިއާތަކަށް ތިލަވުމާއެކު ގިނަ ފާޑުކިޔުންތަކެއް ފުލުހުންގެ މުއައްސަސާއަށް އަމާޒުވި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގެ ފޮޓޯ ނެގި މައްސަލައިގައި ހުސައިންގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތުހުމަތު ފުލުހުން ކުރި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ހުސައިން ގެންދިޔައީ ސެޕްޓެމްބަރު 10، ގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސައިން ފޮޓޯއެއް ނެގުމުން، އެ ފޮޓީ ޑިލީޓު ކުރަން އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުންނެވެ.
ހުސައިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާގެ މައްޗަށް ޖިނާއީ 14 ކުށެއްގެ ތުހުމަތުކޮށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދިފަ އެވެ. އެކަމަކު ޝަރުތު ކުރުމަށްފަހު ކޯޓުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.
މަންޒަރު ދުށް މީހުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. ހާމަކޮށް މަގުމަތީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމަށް ބަލައި މީހަކު ހައްޔަރު ނުކުރެވޭނޭ ކަމަށް ހުސައިންގެ ވަކީލުން ކޯޓުގައި ބުނެފައިވެ އެވެ.
ފުލުސް އޮފީހަށް ބަޔާން ދިނުމަށްފަހު ނުކުމެ، ނޫސްވެރިންނަށް މައުލޫމާތު ދެމުން ހުސައިން ބުނީ ފުލުހުން ކުރާ ތުހުމަތުތަކަށް ބަލައިލީމަ އެނގުނީ އޭނާގެ ވާޖިބަށް ހުރަސްއެޅީ ފުލުހުންކަން ކަމަށެވެ.
އެކަމާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ހުސައިންގެ ގާނޫނީ ވަކީލު، އިބްރާހިމް ޝިޔާން ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ގޮތުން ހުސައިން ކޮށްފައިވާ އަމަލަކީ ސީންއެއްގެ ފޮޓޯ ނެގުން ކަމަށާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ އަމަލެއް ގޮތުން ހުސައިން ކޮށްފައި އޮތް ކަމަކީ އެ ފޮޓޯ ޑިލީޓް ނުކުރުންކަން ތަހުގީގުގައި ދޭހަވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ