ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރާ ބިލު ފާސްކޮށްފި

ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ހުށަހެޅުއްވި އިސްލާހުގެ މަސައްކަތް މާލިއްޔަތު ކޮމެޓީގައި ކުރިއަށް ގެންގޮސް މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ތަޅުމުން ވެސް ފާސްކޮށްފަ އެވެ. އިސްލާހު ފާސްކުރުމަށް 58 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުން ނެވެ.ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާ ކުރުމަށް ކަމަށް ބުނެ އެވެ.ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ