ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު 838 މިލިއަނަށް!
މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް، އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، އެ އަދަދު މިހާރު 838 މިލިއަނަށް އަރާފައިވާ ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޗެޓްބޮޓަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް އެންމެ ގިނަބަޔަކު ބޭނުންކުރާ ޗެޓްބޮޓް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްސަ ގޮތެއްގައި އޭއައި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން ޗެޓްޖީޕީޓީ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެތައް މިލިއަން ބައެއްގެ ސަމާލުކަން ހޯދާފައެވެ. https://sun.mv/211508 ޗެޓްޖީޕީޓީ އާންމުކުރިތާ އެންމެ ފަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ޔޫޒަރުން ހަމަކުރިއެވެ. މި އަހަރުގެ ފެބްރުއަރީ މަހު، އޯޕަންއޭއައިގެ ޗީފް އޮޕަރޭޓިން އޮފިސާ ބްރެޑް ލައިޓްކެޕް ވިދާޅުވެފައިވާ ގޮތުގައި، ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު ހަފްތާއަކަށް 400 މިލިއަނަށް އަރައެވެ. މީގެ އިތުރުން، މެރީ މީކާގެ އޭއައި ރިޕޯޓުން ކަށަވަރުކޮށްދޭ ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް، ހަފްތާއަކު 800 މިލިއަނަށް ވުރެ ގިނަ މީހުން ޗެޓްޖީޕީޓީ ބޭނުންކުރެއެވެ. މި އަހަރުގެ ޖުލައި މަހު ސެމް އޮލްޓްމަން ޔަގީންކޮށްދެއްވާފައިވާ ގޮތުގައި، ކޮންމެ ދުވަހަކު 2.5 ބިލިއަން ޕްރޮމްޕްޓް ޗެޓްޖީޕީޓީއަށް ފޮނުވައެވެ. އޯޕަންއޭއައިގެ ޕްލޭނަކީ މި އަހަރުގެ ނިޔަލަށް ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށް އިތުރުކުރުމެވެ. 2024 ވަނަ އަހަރު ޗެޓްޖީޕީޓީއަށް ދުވާލަކު 37.5 މިލިއަން ސާޗް ލިބިފައިވާއިރު، ގޫގުލްއަށް 14 ބިލިއަން ސާޗް ލިބިފައިވެއެވެ. ޗެޓްޖީޕީޓީގެ ޓްރެފިކް ވަނީ އާންމުކުރިފަހުން ބޮޑު ކުރިއެރުމެއް ހޯދާފައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 264.7 މިލިއަން ވިޒިޓް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު 5.2 ބިލިއަން ވިޒިޓް ލިބިފައިވެއެވެ. މިހާރު ކޮންމެ މަހަކު ޗެޓްޖީޕީޓީ.ކޮމް އަށް ގާތްގަނޑަކަށް 5.24 ބިލިއަން ވިޒިޓް ލިބެއެވެ. މި ކުރިއެރުމާއި އެކު ޗެޓްޖީޕީޓީ މިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޭއައި ޕްލެޓްފޯމަށް ވެފައެވެ. ޗެޓްޖީޕީޓީގެ ކުރިމަގު ބައްޓަންކުރުމުގައި އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ