މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން އެކުލަވާލަން ނިންމި ޕްރެސް ކައުންސިލްގެ މަސައްކަތް ފަށައި އެކަމާ ގުޅޭ ގޮތުން ތައްޔާރު ކުރި އޮނިގަނޑަށް ހިޔާލަށް މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލް ބިލު މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ އެކު، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމް އުވާލައި ސަރުކާރު ކޮންޓްރޯލް އޮންނަ ގޮތަށް އާ ކޮމިޝަނެއް މިހާރު ވަނީ އުފައްދާފަ އެވެ. އެ ކޮމިޝަން ހިންގުން މިހާރު އޮތީ އިންތިގާލީ ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.
ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާ އެކު އެމްޖޭއޭން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ނިންމީ، މީޑިއާތައް އަމިއްލައަށް ރެގިއުލޭޓް ކުރުމަށް ޕްރެސް ކައުންސިލެއް އުފެއްދުމަށެވެ. އަދި އެ ކައުންސިލް އެކުލަވާލުމަށް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފަ އެވެ.
ތަފްސީލު - އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޖޭއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ތަޖުރިބާކާރު ނޫސްވެރިޔާ އަހްމަދު ޒާހިރު (ހިރިގާ) އާއި ކޯ-ޗެއާޕާސަނަކަށް އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ސަލީމް ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ކޮމިޓީގެ މަސައްކަތް އަންނަ މަހު 22ގެ ކުރިން ނިންމުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ.
މި ބަޔާނުގައި ޕްރެސް ކައުންސިލްގެ އޮނިގަނޑު އެކުލަވާލުމަށް އިއްޔެ މަޝްވަރާ ކުރި ގޮތްތައް ވެސް ހިމަނާފައިވެ އެވެ. އެ އޮނިގަނޑަށް ހިޔާލަށް ހުޅުވާލާފައިވެ އެވެ. އެގޮތުން:
ކޮމްޕޮޒިޝަން: ޖުމްލަ 9 މެންބަރުން ހިމެނޭ؛ އެއީ މީޑިއާތަކުން އިންތިހާބު ކުރާ 6 މެންބަރުން، އާއްމުންގެ 2 މެންބަރުން އަދި މަދަނީ ޖަމިއްޔާތަކުން 1 މެންބަރު. މީޑިއާތަކުން އިންތިހާބު ކުރާ 6 މެންބަރުންގެ ތެރެއިން 2 ސްލޮޓް ހާއްސަ ކުރަނީ ބްރޯޑްކާސްޓް މީޑިއާއަށް
އިންތިހާބީ އުސޫލު: ޕްރެސް ކައުންސިލްގައި ބައިވެރިވާ ކޮންމެ މީޑިއާ ހައުސް (ކުންފުންޏަކަށް) 1 ވޯޓުގެ އުސޫލުން ވޯޓުލުމުގެ ހައްގު ލިބޭ ގޮތަށް
މެންޑޭޓް: ކައުންސިލްގައި ބައިވެރިވާ މީޑީއާތަކުގެ ނޫސްވެރިކަމުގެ އުފެއްދުން (ޖާނަލިސްޓިކް ކޮންޓެންޓް)ގެ ސުލޫކީ ކަންކަން ބެލުމާއި އާންމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާ ބެލުމާއި ހައްލު ހޯދައިދިނުން އަދި މީޑީއާ ލިޓްރަސީގެ ދާއިރާއިން އާންމުން ހޭލުންތެރިކުރުވުން
މި ކައުންސިލްގެ މަގްސަދުގެ ތެރޭގައި ހިމެނެނީ:
ސުލޫކީ މިންގަނޑުތައް ކުރިއަރުވާ ނޫސްވެރިކަން (އެތިކަލް ޖާނަލިޒަމް) އަދި ނޫސްވެރިކަމުގައި ދެފުން ފެންނަ އުސޫލާއި (ޓްރާންސްޕޭރަންސީ) އަދި އާއްމުންނަށް ޖަވާބުދާރީވުން (އެކައުންޓެބިލިޓީ) ޕްރޮމޯޓްކުރުން
މީޑިއާގެ މަސައްކަތްތަކަށް އަދި ސުލޫކީ މިންގަނޑުތަކަށް އާއްމުން ހޭލުންތެރިކުރުވުން
މީޑިއާގެ މަސައްކަތްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުން
މި އޮނިގަނޑަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ އިރުއޮއްސި 6ގެ ކުރިންނެވެ.
ޕްރެސް ކައުންސިލް އެކުލަވާލުމުގެ މަސައްކަތް ފަށައި ހިޔާލަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ