މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ

މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް"ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މިއަދު ކަނޑައަޅައިފިއެވެ. ޑަބްލިޔުއެޗްއޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިއީ ރާއްޖޭގެ އާންމު ސިއްހީ ނިޒާމަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ރާއްޖޭން ވަނީ އެޗްއައިވީއާއި ސިފިލިސް މައިންގެ ފަރާތުން ދަރިން ގަޔަށް އެރުން 2019 ވަނަ އަހަރު ރާއްޖޭން ހުއްޓުވާފައިވާކަން ފާހަގަކޮށްފައެވެ. އަދި، އެ ފަދައިން ހެޕިޓައިޓިސް ބީ ފެތުރުން ވެސް ހުއްޓުވިކަން އެ ޖަމިއްޔާއިން ބަލައިގަތުމާ އެކު 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމަށް ރާއްޖެ ވަނީ ވެފައެވެ. "މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓަކުން، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައިދީފި،" ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވިއެވެ. https://x.com/WHO/status/1977674437362094165 މިއީ އެހެން ގައުމުތަކަށް ވެސް ހުރި ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރިއެވެ. ޑަބްލިޔުއެޗްއޯގެ އިރުމަތީ ދެކުނު އޭޝިއާ ސަރަހައްދުގައި އެކަނި ވެސް ވަގުތީ އަންދާޒާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 23،000 އަށް ވުރެ ގިނަ މާބަނޑު އަންހެނުންނަށް ސިފިލިސް ޖެހިފައިވާއިރު 8000 އަށް ވުރެ ގިނަ ތުއްތު ކުދިން އުފަންވީ ސިފިލިސް ޖެހިގެންނެވެ. ގާތްގަނޑަކަށް 25,000 އެޗްއައިވީ ޕޮޒިޓިވް މާބަނޑު އަންހެނުންގެ ތުއްތު ކުދިންނަށް މި ބަލިތައް ފެތުރުން ހުއްޓުވުމަށް ފަރުވާ ބޭނުންވާއިރު، ހެޕަޓައިޓިސް ބީގެ އަސަރު މި ސަރަހައްދުގެ 42 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކުރެއެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭން ވަނީ މައިމީހާއާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ މިންގަނޑުތަކެއް ބިނާކޮށްފައެވެ. ޖުމުލަ 95 އިންސައްތައަށްވުރެ ގިނަ މާބަނޑު އަންހެނުންނަށް ވިހެއުމުގެ ކުރިން ފަރުވާ ލިބޭއިރު، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީއަށް ބައިނަލްއަގްވާމީ ފެންވަރުުގެ ޓެސްޓްތައް ހަދައެވެ. އަދި، ވެކްސިން ޖެހުމުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ބިނާކޮށްފައިވާކަން ޑަބްލިޔުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން 2022 އާއި 2023 ވަނަ އަހަރު އެޗްއައިވީ ނުވަތަ ސިފިލިސް ތަހައްމަލުކުރާ އެއްވެސް ތުއްތު ކުއްޖަކު ރާއްޖެއަށް އުފަންވެފައިނުވެއެވެ. https://x.com/MMuizzu/status/1977688577527152847 ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި މިއީ ރާއްޖެއިން އެންމެންނަށް ވެސް ފޯރުކޮށްދޭ ހަމަހަމަ ހަރުދަނާ ސިއްހީ ނިޒާމެއް ދެމެހެއްޓުމުގެ ހިތްވަރެއް ކަމަށެވެ. އަދި، ކުރިއަށް އަންނަ ތަނުގައި ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ގެނެސްދިނުމަށް ސަރުކާރުން އިންވެސްޓް ކުރަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ރައީސް މުއިއްޒު ވެސް ވަނީ އެ ކާމިޔާބީއާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ކާމިޔާބީ ހާސިލުކުރެވުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހީވަގި މަސައްކަތުން ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ސިއްހީ ނިޒާމަށް ހޭދަކުރާކަން ފާހަގަކޮށްފައެވެ. އަދި، ރާއްޖެއަށް އެސްޓީޑީ ބަލިތައް ކޮންޓްރޯލް ކުރުމުގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދުނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނާއި ރާއްޖެއަށް އަންނަ ބިދޭސީންނަށް ވެކްސިން ދިނުމުގައި ހަމަހަމަ އުސޫލެއް ހިލޭ ސާބަހަށް ގެންގުޅުމުގެ ސަބަބުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. "މިކަމުން ދައްކުވައިދެނީ ސަރުކާރާއި، އަމިއްލަ ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި ވަރުގަދަ ޕާޓްނާޝިޕްތަކެއް އުފެދި، ސްކްރީނިން، ޚިދުމަތް، އައުޓްރީޗް، އަދި ޓެކްނިކަލް ސަޕޯޓްގައި ގުޅިގެން މަސައްކަތްކުރާކަން،" ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ