އެމްއެމްޕީއާރުސީ ހިޔާނާތް ހިންގި ދުވަސްވަރު، މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔަކަށް ހުންނެވި އިބްރާހިމް އާތިފު ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ މައްސަލައިގައި އޭނާއަށް ނަސޭހަތްދީ އެ މައްސަލަ ފައިލްކުރަން ނިންމައިފި އެވެ.
މި މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަނުކުރި ނަމަވެސް އަދަދު އަށް ވަނީ މައްސަލަ ފައިލްކުރިކަން އަންގައި ފޮނުވި ލިޔުމާއި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިފަ އެވެ. އަދި މި ލިޔުންތަކުގައި ހުރީ ސައްހަ މައުލޫމާތުކަން މި ނޫހުން ވަނީ ކަށަވަރުކޮށްފަ އެވެ.
އާތިފުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ތާވަލުކުރީ މިދިޔަ ހަފުތާގެ ބުރާސްފައްޗަށެވެ. މިހެން ނަމަވެސް، އާތިފާއެކީ "ނަސޭހަތުގެ އެއްބަސްވުމެއް" ހަދައި، މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ޕީޖީން ސިޓީއެއް ފޮނުވުމުން އެ ދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި، މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތައް ކަމަށް ޝައްކުކުރެވޭ ގިނަ މުއާމަލާތްތަކެއް ހިނގަމުން ދިޔައިރު، އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ރިޕޯޓުކޮށްފައި ނުވާތީ އެވެ. މިއީ ދިހަ އަހަރުުގެ މުއްދަތަކަށް ޖަލަށް ލައި، އެއް ލައްކަ ރުފިޔާއަށް ހަމައަށް ޖޫރިމަނާ ކުރެވޭ ކުށެކެވެ.
އާތިފަށް ކުރެވޭ ތުހުމަތުތަކުން ދިފާއުވަމުން އޭނާ ބުނެފައި ވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރުން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެސްޓީއާރު ރިޕޯޓުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ނަމަވެސް އެކަން ރިޕޯޓު ނުކުރީ ގަވަރުނަރުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އޭރު ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމް ވަނީ މި ވާހަކަތައް ދޮގުކުރައްވާފަ އެވެ.
އާތިފް ބުނީ، ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅަން ތަކުރާރުކޮށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ގަވަރުނަރު އިރުޝާދު ދެއްވީ ރާއްޖޭން ބޭރުން އަންނަ ބްލެކްމަނީ ހުއްޓުވަން އެފްއައިޔޫގެ ފޯކަސް ބެހެއްޓުމަށް ކަމުން އެސްއޯއެފްގެ މައްސަލަ ތަހުގީގީ އިދާރާތަަކަށް ނުފޮނުވަން ނިންމީ ކަމަށް އޭނާ ބުނެފައި ވެ އެވެ.
އާތިފަށް ނަސޭހަތްދީ މައްސަލަ ފައިލްކުރިޔަސް، މިއީ ނަސޭހަތްދީ ފައިލްކުރެވިދާނެ މައްސަލައެއްތޯ ސުވާލު އުފެދެ އެވެ. ނަސޭހަތުގެ އެއްބަސްވުންތައް ހެދުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުުގައި ޕްރޮސިކިއުޓާ ޖެނެރަލަށް ދީފައިވާ ބާރެކެވެ. ނަމަވެސް މިއީ މުތުލަގަށް ދީފައި އޮތް ބާރެއް ނޫނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ނަސޭހަތުގެ އެއްބަސްވުންތައް ހަދަން ޕީޖީއަށް ބާރު ލިބެނީ ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދި ކުށް ކުރާ މީހަކު ހިމެނޭ ހާލަތުގަ އެވެ. މިއީ އެ ފަދަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ދައުވާކުރުމުގެ ބަދަލުގައި ޕީޖީއަށް ލިބޭ އިހުތިޔާރެކެވެ.
ނަމަވެސް މި މައްސަލައަކީ ޝަރީއަތަށް ހުށަހެޅި، ޝަރީއަތް ހިނގަމުން ދިޔަ މައްސަލައެކެވެ. ނަސޭހަތުގެ އެއްބަސްވުމަކީ ތަހުގީގު މަރުހަލާގައި ނޫނީ ދައުވާކުރުމުގެ ކުރީގެ މަރުހަލާގައި ހެދޭނެ ކަމަށް ގާނޫނުގައި ބުނާ އެއްބަސްވުމެކެވެ. މި ހާލަތުގައި ނަސޭހަތުގެ އެއްބަސްވުމެއް ހެދޭނެ ހާލަތެއް ނޯންނާނެ ކަމަށް ނަން ނުޖަހާ ގޮތަށް މި ނޫހާ ވާހަކަ ދެއްކި ގާނޫނީ ދާއިރާގެ ހަބީރަކު ބުންޏެވެ.
ހަމަ އެހެންމެ، އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ހިމެނޭ ކުށްތަކުގައި ނަސޭހަތްދީ ނިންމައިގެން ނުވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި، ނަސޭހަތް ދިނުމަކީ އާންމު މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތް ކަން ނުވަތަ ނޫން ކަން ކަނޑައަޅާނެ މިންގަނޑެއް ވެސް އޮވެ އެވެ. އާތިފާއެކީ ހެދި ނަސޭހަތުގެ އެއްބަސްވުމަކީ މި މިންގަނޑުން ބެއްޔަސް ހެދިގެން ވާނެ އެއްބަސްވުމެއް ނޫނެވެ.
ސަބަކަކީ، "ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލު" އާއި "ކުށް ކުރި މީހަކޫ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް" ނަމަ އަދި "ކުށް ކުރުމުގައި ކޮރަޕްޝަން އަމަލެއް އެކުލެވިގެންދާ" މައްސަލަތަކުގައި، އާންމު މަސްލަހަތަށް އެންމެފ ފައިދާ ހުރި ގޮތަކީ އެ މީހެއްގެ މައްޗަށް ދައުވާކުރުން ކަމުގައި އެ ގާނޫނުގައި ބަޔާންކުރާތީ އެވެ.
މި މައްސަލައިގައި ނަސޭހަތުގެ އެއްބަސްވުމެއް ހެދިއިރު، މި މައްސަލައިގައި ދައުވާކުރަން އުޅުނު ދުވަސްވަރު އާތިފު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިދޭން އެދިފަ އެވެ. ނަމަވެސް އޭރު އެ ފަދަ އެއްބަސްވުމެއް ނުހަދަ އެވެ.
އެސްއޯއެފްގެ އެސްޓީއާރުތައް ތަހުގީގީ އިދާރާތަކަށް ނުފޮނުވަން އާތިފު ނިންމިއިރު، އެމްއެމްޕީއާރުސީ ހިޔާނާތް ހިންގަން ބޭނުންކުރި މައި އާލާތަކީ މިއީ އެވެ. ރަށްތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77.4 މިލިއަން ޑޮލަރުގެ ތެރެއިން 64.8 މިލިއަން ޑޮލަރު ވަނީ ސީދާ އެސްއޯއެފްގެ އެކައުންޓުތަކަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ