ރަޖިސްޓްރީ ފީ ނުދެއްކިކަމަށް ބުނެ، 72 ކިލޯގެ ޑްރަގް މައްސަލަ ހައިކޯޓުން ބަލައިނުގަތް ނިންމުން މުރާޖައާކުރަން ހުށަހަޅަނީ
މައްސަލަ ރަޖިސްޓްރީކުރުމަށް ޓަކައި ދައްކަންޖެހޭ 300 ރުފިޔާ ދެއްކުމަށް ހައިކޯޓުން އެންގިކަމަށް ބުނާ ލިއުން ނުލިބޭ ކަމަށާއި، އެހެންވެ 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ރަޖިސްޓްރީނުކުރަން އެ ކޯޓުން ނިންމި ނިންމުން މުރާޖައާކުރަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. ހައިކޯޓުގެ ރަޖިސްޓްރާ، މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިއަދު ކޯޓުން ބޭރުކޮށްލި މައްސަލައަކީ، މަސްދޯންޏެއްގައި 72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާ ލިބުނު ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ބޭރުކޮށްލި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައިގެ ރަޖިސްޓްރީ ފީ ދައްކަން، ކޯޓުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް އަންގާފައި އޮތް މުއްދަތުގެ ތެރޭގައި ފީ ދައްކާފައެއް ނުވެއެވެ. އެހެންކަމުން، މި މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމީ ކަމަށް، ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. https://sun.mv/212709 މިކަމާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިރޭ ބުނީ، ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އެންގި ލިއުން މި މަހުގެ ފަސްވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މެއިލްކުރިކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ އޮފީހުގެ އީމެއިލަށް އެ ލިއުން ނުލިބޭ ކަމަށެވެ. އެފަދަ ލިއުންތައް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކަނޑައަޅާފައިވާ އީމެއިލަށް އެ ދުވަހާއި ޖެހިގެން އައި ދުވަހު ހައިކޯޓުން އެކި އީމެއިލްކޮށްފައިވީ ނަމަވެސް، އެ މައްސަލައާ ގުޅޭ އީމެއިލް ނުލިބޭ ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންކަމުން ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ހުށަހަޅާނެ ކަމަށާއި، އެ ނިންމުމަކީ ހައިކޯޓުން އަމިއްލައަށް އިސްވެ މުރާޖައާކުރަންޖެހޭ ނިންމުމެއް ކަމަށް ވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ. މިއީ، "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު، ސ. ހުޅުދޫ ދޭލިއާގެއަށް ރައްދުވާ ގޮތަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ އިސްތިއުނާފު މައްސަލައެވެ. މި މައްސަލައިގައި އޭނާއާއެކު ދެން ހިމެނޭ ދެ މީހުންނަކީ އަހްމަދު ނަސީރު، އަނބުގަސްދޮށުގެ، ދ. މާއެނބޫދޫ އާއި މުހައްމަދު އަކްރަމް، ހ. ގާޑްންބިޔުޓީއެވެ. ދަށު ކޯޓުން، ގާޒީ އިބްރާހީމް އިހުސާން މި ތިން މީހުންގެ މައްޗަށްވެސް ހުކުމް ކުރީ ކުށް ސާބިތުނުވާ ކަމަށެވެ. މި މީހުންގެ އިތުރުން މައްސަލައިގައި ދެން ހިމެނުނު ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ