މަރު ހަނދާންކުރުން
މަރު މިއީ އޭގެ ވާހަކަ އަޑުއަހަން އެންމެ ބޭނުންނުވާ ހިތި ޙަޤީޤަތެވެ. މުސްލިމުންނަށް ވީތީ އެންމެ ގިނައިން ހަނދުމަކުރަންޖެހޭ ކަންތަކެވެ. އެހެނަސް މިއަދު މަރުގެ ވާހަކަދައްކައި، އޭގެ ޒިކުރު އާކޮށް، އެ މަތިން ހަނދާންކުރަނީ ވަރަށް މަދުބައެކެވެ. މުސްލިމުންގެ ތެރެއިން ވެސް މަދު ބައެކެވެ. މަރު ހަނދާންކުރުމާ ފެޔަށް ޖެހެވުމުގެ ނަތީޖާއަކީ، ފަނާވެދާ ދުނިޔޭގައި ޤަރާރުވެ ތިބުމުގެ އުންމީދު ބޮޑުކުރެވުމެވެ. އޭގެ ނަތީޖާއަކީ އަބަދުވެސް ނުލިބޭ އެއްޗެއް ހޯދާން އުޅެއުޅެ ގޮސް އެ އެއްޗެއް ނުލިބިގެން މާޔޫސްވާ ހިސާބަށް މީހާ ދިޔުމެވެ. އެކުވެރިންނޭވެ! ފަނާވާ ދުނިޔޭގެ ކަންކަމާ ތަކެތީގެ ފަސްފަހަތުންގޮސް ތިބާ ހަނާ ނުވާށެވެ! ދުނިޔެއަށާއި އެ ތަނުގެ ޒީނަތަށް ހެއްލޭ މީހާ އޭގެ ލައްޒަތާއި މަލައްޒާތުތަކަށް އެދުންވެރިވެ ގޮސް އޭނާގެ އުޚްރަވީ ޙަޔާތް އެއްކޮށް ގެއްލެނިކޮށްލައެވެ. މި ކަމުން ރައްކާތެރިވެ ތިބެވޭނެ ހަމައެކަނި ގޮތަކީ މަރުހަދުމަކުރުން ކަމުގައި އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި އެންމެހައި ކިޔުންތެރިންނަށް ހަނދާންކޮށްދެމެވެ. މިއީ އަޅުގަނޑުގެ އިރުޝާދެއް ނޫނެވެ، މިއީ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ދެއްވައިފައި އޮތް ރަނުގެ ފިލާވަޅެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «أكثِرُوا ذكرَ هادِمِ اللذَّاتِ . يعني : الموتَ» ( أخرجه الترمذي (2307 މާނައީ: "ލައްޒަތުތައް މަރައިލާ އެތި މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ! އެބަހީ މަރެވެ." އެހެންކަމުން މަރުމަތިން ހަނދުމަކުރުމަކީ ނަބަވީ އިރުޝާދެކެވެ. މަރުމަތިން ހަނދުމަކުރުމުގެ މަޤްޞަދަކީ ލައްޒަތުތަކަށް ހިތުގައި އުފެދޭ އެދުން މަރައިލުމެވެ. އެ އެދުންތަކުގެ ޝިކާރައަކަށް މުއުމިނު އަޅާ ނުހެދުމެވެ. ލައްޒަތުތަކަށް ގެއްލި ގޮސް މަގުއޮޅުމުން ސަލާމަތްކުރުމެވެ. އާޚިރަތަށް ޓަކައި ކުރާ މަސައްކަތަށް ފަހި ފުރުޞަޠުތަކެއް ހޯދައިދިނުމެވެ. އިލާހީ ޙަޟްރަތުން ލިބެން އޮތް ނިޢުމަތަށް އެދުންވެރިކުރުވުމެވެ. އެ ކަމަށް ކުރާ އިންތިޒާރަށް އުންމީދު އައުކޮށްދިނުމެވެ. މަރުހަނދުމަނުކުރާ މީހުންނަށް މުޞީބާތްތަކަށް ކެތްކުރުމަކީ އުނދަގޫ ކަމެކެވެ. ކުރެވޭވަރު ކަމެއް ނޫނެވެ. އެ މީހަކަށް ހީވާނީ އޭނާ ކުރާނެހައި ކަމެއް ކުރަން ދުނިޔޭގައި ވަގުތު އޮންނާނޭ ކަމަށެވެ. އުޅޭނެހައި ގޮތަކަށް އުޅެން ފުރުޞަތު އޮންނާނޭ ކަމަށެވެ. ވަގުތީ ހިންހަމަޖެހުމަކީ ދާއިމީ އުފާކަމުގައި އޭނާ ދެކޭނެއެވެ. މަރު ވުމަކީ ނިމުން ކަމުގައި އޭނާއަށް ހީވެއެވެ. އެއަށްފަހު ދިރުމެއް ވާކަމަކަށް އޭނާ ނުދެކެއެވެ. އޭނާގެ ހުރިހާ ކަމެއް މި ދުނިޔޭގައި ހާސިލުކުރަން އޭނާ އަވަސްވެގަނެއެވެ. ކުރިމައްޗަށް އަންނަ ހުރިހާ އެދުންވެރިކަމަކުން އުފާ ލިބިގަންނަން އޭނާ ހުންނަނީ ލަސްވެފައެވެ. މަރަކީ ޙަޤީޤަތުގައި ވެސް ކޮންމެ މީހަކާ ބައްދަލުކުރާނޭ އެއްޗެކެވެ. އެއަށްފަހު ޙަޔާތެއް ވެއެވެ. އެ ޙަޔާތުގައި އޮތީ މި ޙަޔާތުން ގެންދިޔަ އެއްޗެތީގެ ހިސާބުކުރުމެވެ. މި ދުނިޔޭގައި އުޅޭއިރު މަރުހަނދުމަކޮށް އާޚިރަތަށް ތައްޔާރުވާން ވީއެވެ. އެއީ ﷲގެ ޙައްޤު ތެދު ބަސްފުޅެވެ. އާޚިރަތަށް ތައްޔާރުވި ބަޔަކަށް އެކަލާނގެ ނިޢުމަތް ތަނަވަސް ވެގެން ވެއެވެ. މި ދުނިޔޭގެ ދަޅަތަކަށް ހެއްލި ގޮސް ގެއްލެނި ނުވާށެވެ. އެއީ ޝައިޠާނީ ވަސްވާހެވެ. ދުނިޔެއަށް ހެއްލި ނުދިޔުމަށާއި ޝައިޠާނާގެ މަކަރުގައި ނުޖެހުމަށް ﷲ ވަނީ ކީރިތި ޤުރުއާނުގައި އަންގަވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ إِنَّ وَعْدَ اللَّهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ﴾ (فاطر: ٥) މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ ޙައްޤުތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲއާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!" މި އަމުރަށް ކިޔަމަން ވެވޭނީ ގިނަގިނައިން މަރު ހަނދުމަކޮށްގެންނެވެ. ދޭދޭ ދެ އެކުވެރިން ވެސް ކޮންމެ ދުވަހަކު މަރުގެ ވާހަކައެއް ދައްކައިލާށެވެ. ފިރިމީހާ އަނބިމީހާއަށް އަދި އަނބި މީހާ ފިރިމީހާއަށް ވެސް މަރުގެ ވާހަކައެއް ހަނދާންކޮށްދޭށެވެ. މައިންބަފައިން ދަރިންނަށް ވެސް ދަރިން މައިންބަފައިންނަށް ވެސް މަރު ހަނދާންކޮށްދޭންވީއެވެ. މުސްލިމުން އެކަކު އަނެކަކަށް ކޮށްދެވޭނެ އެންމެ ހެޔޮ އެއް ކަމަކީ މަރު ހަނދާންކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ