މަސްވެރިންގެ ޝަރަފުގައި އިހަވަންދޫގެ ޖެޓީ، ދޯންޏެއްގެ ޑިޒައިނަށް ހަދަން ޚިޔާލު ހޯދަނީ

މަސްވެރިކަމަށް ރާއްޖޭގައި ވެސް މަޝްހޫރު ހއ. އިހަވަންދޫގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ހިތްގައިމު ފާލަމަކާއި މޮނިއުމަންޓެއް ދޯންޏެއްގެ ޑިޒައިނަށް އަޅަން އެ ރަށު ކައުންސިލުން ނިންމައި، ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ. ރަށްތަކުގައި މޮނިއުމަންޓު އެޅުމަކީ މިހާރަކަށް އައިސް ވާދަވެރިކަމަކަށް އޮތީ ވެފައެވެ. ކޮންމެ ރަށަކުން ވެސް މަސައްކަތް ކުރަނީ ރަށް ރަމްޒުކޮށްދޭ ކަމެއް ނުވަތަ އެއްޗަކާ ގުޅުވައިގެން މޮނިއުމަންޓެއް ބިނާކުރުމަށެވެ. އެހެންވެ، އެކަމަށް ގިނަ ބައެއްގެ މެދުގައި އޮންނަ ޝައުގުވެރިކަން ވެސް ބޮޑެވެ. އެގޮތުން، ހއ. އިހަވަންދޫ ކައުންސިލުން ވެސް ވަނީ އެރަށުގައި މޮނިއުމަންޓަކާއި ރަސްމީ ފާލަމެއް އެޅުމަށް ނިންމާފައެވެ. އެ ފާލަމާއި މޮނިއުމަންޓުގެ ތްރީޑީ ކުރެހުން މިހާރު ދައްކާލާފައިވާއިރު، އެކަމަށް އޮތީ އެރަށުގެ ރައްޔިތުންގެ ޚިޔާލު ހުށަހަޅަން ހުޅުވާލާފައެވެ. އެގޮތުން، އަންނަ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ގޫގުލް ފޯމު މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެއެވެ. ކައުންސިލުން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުން، އިހަވަންދޫ ފަޅު ތެރެއަށް ވަދެގެން އަންނައިރު، ފެންނަނީ ދޯންޏެއް ސިފަވާހެން ތައްޔާރުކޮށްފައިވާ ފާލަމެކެވެ. އެއީ، ޒަމާނީ ގޮތަކަށް ބަނދެފައިވާ ދޯންޏެކެވެ. އެފާލަމުގެ އެތެރޭގައި އަރާމުކޮށްލަން ތިބެވޭ ގޮތަށް އިށީނދެގެން ތިބެވޭ ސީޓުތަކެއް ހަދާފައި ހުރެއެވެ. އެތަނުގެ ބޭރަށް ނިކުމެ، ސިޑިއަކުން މައްޗަށް އަރާއިރު ކޮފީ ބޯން ތިބެވޭ ގޮތަށް ހިތްފަސޭހަ ތަނެއް ހަދާފައި ހުރެއެވެ. އަދި އެތަނުގެ ކުރިމަތިން މޫދު ފެންނަން އޮންނައިރު މިއީ މަޑުކޮށްލައިގެން ތިބެން ހިތްފަސޭހަ ތަނަކަށް ވާނެއެވެ. އިހަވަންދޫ ފާލަމުގެ އެތެރޭގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ހަދާފައި އިންނަ ރޫމެއްގެ ތްރީޑީ މަންޒަރެއް --- އިހަވަންދޫއަކީ މަސްވެރިކަމަށް މަޝްހޫރު ރަށެއް ކަމަށްވާއިރު، ދޯނި ބަނުމުގެ މަސައްކަތް ވެސް އެރަށުގައި ކުރެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު 'ސަން'އަށް ވިދާޅުވީ، ފާލަމާއި މޮނިއުމަންޓުން ރަމްޒުކޮށްދެނީ އެރަށުގެ މަސައްކަތްތެރިކަން ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ސޮބާހު ވިދާޅުވިއެވެ. އިހަވަންދޫ ފާލަމުގެ މަތި އޮންނާނެ ގޮތުގެ މަންޒަރެއް --- ފާލަމާއި މޮނިއުމަންޓުގެ ތްރީޑީ މަސައްކަތް ކޮށްދިނީ އަމިއްލަ މީހެއް ކަމަށްވާއިރު، އަންނަ ޑިސެމްބަރު މަހުގައި އަމަލީ މަސައްކަތް ފަށަން އިއުލާނުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އަމާޒަކީ އަންނަ އަހަރުގެ މެދު ތެރެއަށް ފާލަމުގެ މަސައްކަތް ނިންމާލުން ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މި ފަހުން ފަތުރުވެރިންގެ މެދުގައި މަގުބޫލު ކ. ހުރާގައި އެ ދާއިރާ ރަމްޒުކޮށްދިނުމުގެ ގޮތުން ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ޚަރަދުކޮށްގެން ހަދަމުން އައި މޮނިއުމެންޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ