މުޅި ދުނިޔޭގައި ވެސް ކާބޯތަކެތީގެ އަގުތައް މިދިޔަ މަހު މައްޗަށް ދިޔަ: އެފްއޭއޯ
ރޯމް (5 ސެޕްޓެމްބަރު 2025): މުޅި ދުނިޔޭގައި ވެސް ކާބޯތަކެތީގެ އަގުތައް މިދިޔަ އޮގަސްޓު މަހު އުފުލިފައިވާ ކަމަށް ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އދ. ގެ އިދާރާ، ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)އިން ބުނެފިއެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނާގޮތުން ފާއިތުވި އޮގަސްޓު މަހަކީ މިދިޔަ ދެ އަހަރަށް ބަލާއިރު ދުނިޔޭގައި ކާބޯތަކެތީގެ އަގުތައް އުފުލިގެންދިޔަ މަހެކެވެ. އޮގަސްޓު މަހުގެ ތެރޭގައި އަގުތައް އެންމެ މައްޗަށް ދިޔައީ ތަރުކާރީގެ ބާވަތްތަކާއި، ކައްކާ ތެލާއި، ބައެއް ބާވަތްތަކުގެ މޭވާއާއި، ގެރިމަހުގައެވެ. އަދި އަގު މައްޗަށް ދިޔަ ގިނަ ތަކެތީގެ އަގުތައް އަދިވެސް ތިރިނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެފްއޭއޯއިން ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތައް ބަލަނީ އެކަމަށް ޚާއްސަކޮށްފައިވާ އިންޑެކްސްއެއް ބޭނުން ކޮށްގެންނެވެ. މި އިންޑެކްސް ދައްކާގޮތުން މިއަަހަރުގެ އޮގަސްޓު މަހު އެ އިންޑެކްސް ހުރީ 130.1 ގައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު މި އިންޑެކްސް ހުރި މިންވަރަށްވުރެ 6.9 އިންސައްތަ މަތި އަދަދެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެފްއޭއޯގެ ބަޔާން ބުނާގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ކާބޯތަކެތީގެ އަގުތައް ހުރި މިންވަރަށްވުރެ މިއަހަރު ގިނަ ގައުމުތަކުގައި އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އަގުތައް މައްޗަށް ދާ ބާވަތްތަކުގެ ތެރޭގައި ތަރުކާރީއާއި ކައްކާތެޔޮ އަދި ބައެއް ބާވަތްތަކުގެ މޭވާ ހިމެނުނުނަމަވެސް ހަނޑުލާއި ގޮދަން ފަދަ ގޮވާމުގެ ބާވަތްތައް އޭގައި ނުހިމެނެއެވެ. ޔުކްރެއިން ހަނގުރާމަ ފެށުމާއެކު ދުނިޔޭގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިޔައެވެ. ނަމަވެސް 2023 ވަނަ އަހަރުގެ މެދެއްހާ ހިސާބު، ގޮވާމުގެ ބާވަތްތަކުން ބޮޑުވި އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެއަށްފަހު އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ފާއިތުވި ހަތަރު މަސްތެރޭގައިވެސް ގޮވާމުގެ ބާވަތްތަކުގެ އަގުތައް އުފުލިފައި ނުވާއިރު، އުފުލިފައިވަނީ ތަރުކާރީއާއި، ގެރިމަހާއި، ތެލާއި، ބައެއް ބާވަތްތަކުގެ މޭވާގެ އަގުތަކެވެ. ކައްކާ ތެލުގެ އަގު އުފުލުނީ އިންޑޮނޭޝިޔާއިން އަމަލުކުރި ގޮތްތަކެއްގެ ސަބަބުން ކަމަށާ އެއްގަމު މަހުގެ އަގު އުފުލުނީ އެމެރިކާއާއި ޗައިނާގައި ގެރިމަހުގެ ޑިމާންޑް މައްޗަށް ދިޔުމުގެ ސަބަބުން ކަމަށް އެފްއޭއޯގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ