އެމްޑީޕީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިނަމަ މީގެ ދެމަސް ކުރިން އައްޑޫ ކަރަންޓު މައްސަލަ ހައްލުވީސް: ސައީދު

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް މިދިޔަ ސަރުކާރުގައި އެކުލަވާލައިފައި ވާނެ ކަމަށާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަ މީގެ ދެމަސް ކުރިން އައްޑޫ ކަރަންޓު މައްސަލަ ހައްލުވީސް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން ސައީދު ރާއްޖޭގެ އެންމެ މަގުބޫލު ދުވަހު ނޫސް “އަދަދު” އަށް ވިދާޅުވީ ކުރީގެ މެނޭޖުމެންޓުން އެކުލަވައިލި ޕްލޭނުގެ ލިޔެކިޔުންތައް ފެނަކަ އާއި ފިނޭންސް މިނިސްޓަރީގައި ހުންނާނެ ކަމަށެވެ.
“ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމަކާ ހަމައަށް ވާނީ އާދެވިފައި، އެ މަގުން މަސައްކަތް ކުރިނަމަ މެއި 2024 ގައި އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެން ދާނެ،” ސައީދު ވިދާޅުވި އެވެ.
ވާޓްސިލާ ކުންފުންޏަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓު އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕެކެވެ.
އައްޑޫއަށް ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވެ ހިދުމަތައް ބުރޫއަރާފައި ވަނީ މިއަހަރު ފެށުނުފަހުންނެވެ. މިއަދާ ހަމައަށް ވެސް އައްޑޫއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކުންފުންޏަށް އެ މައްސަލަތައް ހައްލު ކުރެވިފައެއް ނުވެ އެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ އާ ގުޅިގެން ސައީދު ވިދާޅުވީ “އައްޑޫސިޓީގެ އަދުގެ ކަރަންޓު ހާލަތަށް ރިއާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ކުރުމަކީ ދިވެހި ދައުލަތަށް ލާޒިމު ކަމެއް،” ކަމަށެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވީ އައްޑޫގައި މިހާރު ހަރު ކުރެވިފައި ހުރި ޖެންސެޓުތަކުގެ ތެރެއިން، 1.8 މެގަވޮޓްގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދަން ދަތިތައް ކުރިމަތިވުމުން ކަމަށެވެ.
އެ އިންޖީނަށް ބޭނުންވާ ސްޕެއާއަކީ ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ސްޕެއާއަކަށް ވުމުން، އެ ސްޕެއާ ހޯދައި އިންޖީނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ފެނަކައިން އެހެން ބުނި ނަމަވެސް އައްޑޫގެ ރައްޔިތުންނާއި އެ ސިޓީގެ ކައުންސިލުން ވަނީ ފެނަކައިން ދައްކަނީ ހުސް ބަހަނާކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
އެގޮތުން އައްޑޫ ސިޓީގެ މޭޔަރު ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާ ހަވާލު ކުރީ ފެނަކަ އޮޑިޓު ކުރަން ނޫން ކަމަށާއި ފެނަކަ ހިންގަން ކަމަށެވެ. ނަމަވެސް މުއާޒްގެ ފަރާތުން ފެންނަނީ ހުސް ބަހަނާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
“މަނިކުފާން ހަވާލުވީ ފެނަކަ ހިންގަވަން. އައްޑޫގައި އަޅަން ފަށާފައިވާ ޕަވާ ހައުސް ނިންމަވައި ޖެނެރޭޓަރު ގެންނަވާ. ފައިސާ ހޯދަން އެނގެންވާނެ. ސަރުކާރުން ފައިސާ ލިބޭނެ. ނޭގޭނަމަ ކުރީގެ އެމްޑީ ސައީދުގެ މަޝްވަރާ ހޯއްދަވާ،” ނިޒާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ